ކޮވިޑުން ރައްކާތެރިވުމަށް މޮޑަރނަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން، ޓައިވާން އަދި ކޮލަމްބިޔާއަށް ފޮނުވަން ނިންމައިފިއެވެ.

މޮޑަރނަރ ކުންފުންޏާއި ޓައިވާން އަދި ކޮލަމްބިޔާއާއެކު ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިއެގްރީމެންޓްގައި ވާގޮތުންނަމަ ވެކްސިނުގެ ފަސް މިލިއަން ޑޯޒު ޓައިވާނަށް ފޯރުކޮށްދެވޭނެއެވެ. އަދި ވެކްސިނުގެ ދިހަ މިލިއަން ޑޯޒު ކޮލަމްބިޔާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ނަމަވެސް މޮޑަރނަރ ކުންފުނީގެ ވެކްސިން ބޭނުންކުރުމަށް މިދެގައުމުން އަދި ހުއްދަ ލިބިފައިނުވާކަމަަށް ވެއެވެ. ވެކްސިން ބޭނުން ކުރަން ހުއްދަ ހޯދުމުގެ މަސައްކަތްކުރެވެމުން ދާކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވާއިރު، ވެކްސިން ފޯރުކޮށްދެވެން ވާއިރަށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަލިބޭނޭކަމަށް ލަފާކޮށްފައިވެއެވެ.

މިދެގައުމަށް ވެކްސިން ފޯރުކޮށްދޭން ފަށާނީ މިއަހަރު މެދުތެރޭގައި ކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

މޮޑަރނަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ރައްކާތެރިކަން ގިނަ އަހަރުތަކަކަށް ދެމިގެން ދާނެ ކަމަށް އެކުންފުނިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި މިވެކްސިނަކީ 94.1 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާއިން ދައްކާފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން