މާލެ ސިޓީ
މާލެ ސިޓީ
މާލޭގެ އަކަ ކިލޯމީޓަރުގައި ދިރިއުޅޭ 150 ހާސް މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމުގައި މިހާރުގެ ހާލަތާއިގުޅޭ އދ ގެ ބޯހިޔާވަހިކަމާ ބެހޭ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ގެދޮރު ކުއްޔަށްދޭ ފަރާތްތަކާއި ކުއްޔަށް އުޅޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށްދިނުމުގައި ސަރުކާރު ތަކުން އަމަލުކުރާނެ ގައިޑްލައިނެއް އެކުލަވާލައި އދގެ ބޯހިޔާވަހިކަމާބެހޭ ހާއްސަ ރެޕަޓުއަރ ލެއިލާނީ ފަރްހާ އާންމު ކުރައްވާފައިވާ ގައިޑްލައިނާއެކު ޑރ. ޝަހީދު ކުރައްވާފައި ޓްވީޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙަމްދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވަނީ ޓެގްކުރައްވާފައެވެ.

މިމަހުގެ 8 ވަނަ ދުވަހު އާންމުކުރި މި ގައިޑްލައިން ތައާރަފްކުރައްވަމުން ޔޫއެންގެ ހާއްސަ ރެޕަޓުއަރ އޮން ދަ ރައިޓް ޓު އެޑެކުއޭޓް ހައުސިންގ، ލެއިލާނީ ފަރްހާ ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމަކީ ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިކަން ލިބިގަނެވޭ ފުރަތަމަ ވަސީލަތްކަމަށާއި، ގެދޮރުގެ ތަނަވަސްކަން މިއަށްވުރެ މުހިންމުވާ އިތުރު ދަނޑިވަޅެއް އައިސްފައި ނުވާކަމަށެވެ. ކޯވިޑް-19 އާއި ދެކޮޅަށް އަޅާފައިހުރި ފިޔަވަޅުތައް ކިތަންމެ ވަރުގަދަނަމަވެސް، ބޮޑު އާބާދީއެއް މި ދަނޑިވަޅުގައި ދިރިއުޅެން ޖެހިފައިވަނީ ވަރަށް ހިތްދަތި ހާލަތުގައި ކަމަށާއި، އެގޮތުން، ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، އަނެއްބައެއްގެ މުސާރަކުޑަވުމުގެ އިތުރުން، ކުރަމުން އަދި މަސައްކަތް ހުއްޓުމަކަށް އައުމުގެ ސަބަބުން އާމްދަނީ މަޑުޖެހިފައިވާކަން ފަރްހާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މަހުންމަހަށް ލިބޭ އާމްދަނީގެ މައްޗަށް ބަރޯސާވެގެން ކުއްޔަށް އުޅޭ ފަރާތްތަކާއި، ގެތަކުގެ ވެރިންނަށް، އެމީހުންގެ ގޭބިސީތަކުގެ ހަރަދު ބަރަދު ނުބެލެހެއްޓިދިއުމުގެ ކަންބޮޑުވުމާއި ހާސްކަން އިހުސާސުކުރަން ޖެހިފައިވާކަމަށް ފަރްހާ ފާހަގަކުރެއްވިއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ބަލިން ރައްކާތެރިވުމަށް ގޭގައި މަޑުކުރުމަށް ސަރުކާރުތަކުން ދޭ އިރުޝާދާއި ޚިލާފަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވާ ކަމުގައި ފަރްހާ ވިދާޅުވިއެވެ.

ފެތުރެމުންދާ ބަލިމަޑުކަމާއެކު، ބޯހިޔާވަހިކަމުގައި ހުރި ބޭއިންސާފާއި، ދޯހަޅި އުސޫލުތައް ފެންމަތިވަމުންދާކަން ފާހަގަކުރައްވާ ފަރްހާ ވިދާޅުވީ މިހާރު އެޅޭ ފިޔަވަޅުތަކެއްގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވެގެން ދިއުމުގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ރައްކާތެރި ކުރެވިގެންދާނެކަމަށެވެ.

ފަރްހާ އިތުރަށް ވިދާޅުވީ ސަރުކާރުތަކުން މިވަގުތު އަޅާ ފިޔަވަޅުތަކަކީ ވައިރަސް ފެތުރުން ހުއްޓުވުމުގެ އިތުރުން، ވަކި ވަކި ފަރުދުންނާއި އާއިލާތަކުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ފިޔަވަޅުތަކެއް ކަމުގައި ވާންޖެހޭނެކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ފިލައި ދިޔުމަށްފަހުގައިވެސް ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ބިންގަލަކަށްވެސް މިހާރު ކުރެވޭ މަސައްކަތްތައް ވާންޖެހޭނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން މުސްތަގުބަލުގައި ކުރިމަތިވެދާނެ ކާރިސާއެއްގައި ބޯހިޔާވަހިކަމަކީ ކަށަވަރުވެފައިވާ އިންސާނީ ހައްގެއްކަން ކަށަވަރުކޮށްދިނުމަށް މިއީ ރަނުގެ ފުރުސަތެއްކަން ފަރްހާވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ފަރްހާ އާންމު ކުރެއްވި ގައިޑްލައިންގައި ކުއްޔަށް އުޅޭ ފަރާތްތަކާއި، ގެދޮރު މޯގޭޖުކޮށްގެން އުޅޭ ފަރާތްތައް ގޭގައި މަޑުކޮށް، ބަލި ފެތުރޭ މިންވަރު ދަށް ކުރުމަށްޓަކައި ސަރުކާރަން އެޅިދާނެ ބައެއް ފިޔަވަޅުތައް ހިމަނުއްވާފައިވެއެވެ.

1. ކުލި، މޯރގޭޖު އަދި ޔުޓިލިޓީ ބިލްތަކުގެ ފައިސާ ނުދެއްކުމުގެ ސަބަބުން ދިރިއުޅޭތަނުން ނުކުތުމަށް އެންގުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހުގައިވެސް، ވަކި މުއްދަތަކަށް މަނާކުރުން. އަދި ގެއިން ނުކުތުމަށް އަންގާ އަމުރެއް ހޯދުމަށް، ބަލިމަޑުކަމުގެ ކުރިން ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތަކުގެ ތާރީހުތައް، ބަލިމަޑުކަން ފިލައި ދާންދެން މަޑުޖައްސާލުން.

2. ކުލީގެ އަދަދު ފްރީޒްކުރުން؛ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތަކަށް ކުލި ބޮޑުކުރުން މަނާކުރުން.

3. ޖިނާއީ ކުށެއްގެ ސަބަބުން މެނުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތަކަށް، ކުލީގެ އެއްބަސްވުންތައް އުވާލުން މަނާކުރުން.

4. ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުލި ނުދެއްކޭ ފަރާތްތަަކުގެ ކުލި އަލުން މުރާޖަޢާކޮށް، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތެއް ވަންދެން، ކުއްޔަށް އުޅޭ ފަރާތުގެ އާމްދަނީގެ 30 އިންސައްތައަށްވުރެ އިތުރުނުވާގޮތަށް ކުލި ހަމަޖައްސައިދިނުން.

5. ގެދޮރު ކުއްޔަށްދީގެން އާމްދަނީ ހޯދައިއުޅޭ މީހުންނަށް ކުލި ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތައް ފޫބެއްދުމަށްޓަކައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތެއްވަންދެން ސަރުކާރުގެ ފަރާތުން ފައިސާގެ އެހީއެއް ހަމަޖައްސައިދިނުން.

6. ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުލި ނުދެއްކޭ ފަރާތްތަަކުގެ ތެރެއިން ނުރަސްމީކޮށް ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށްވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތެއްވަންދެން ސަރުކާރުގެ ފަރާތުން ފައިސާގެ އެހީއެއް ހަމަޖައްސައިދިނުން.

7. ގެދޮރު މޯގޭޖްކޮށްގެން އުޅޭ ފަރާތްތަކުން ބޭންކުތަކާއި ލޯނުދޫކުރާ މާލީ މަރުކަޒުތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކޭ ނަމަ އެފަރާތަށް ލުއި ގޮތެއް ހޯދައިދިނުމަށް އެ ބޭންކުތަކާއި ލޯނުތައް ދޫކުރާ މާލީ އިދާރާތަކާއި ސަރުކާރުން މަޝްވަރާކޮށް، ކުއްޔަށް އުޅޭ ފަރާތުގެ އާމްދަނީގެ 30 އިންސައްތައަށްވުރެ އިތުރުނުވާގޮތަށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތެއް ވަންދެން މޯގޭޖް ޕޭމަންޓުތަކަށް ބަދަލުގެނައުން.

8. ކޯވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ ގޭބިސީތަކަށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތަކަށް ކުއްޔާއި، މޯގޭޖު ފައިސާ މައާފްކޮށްދިނުމުގެ ހާއްސަ އުސޫލުތަކެއް ހަމަޖައްސައިދިނުން.

9. ފައިސާ މަދުން ދެއްކުމުގެ ސަބަބުން ނުވަތަ ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް ޒަރޫރީ ޚިދުމަތަކުން ރައްޔިތަކު މަހުރޫމްނުވާކަން ސަރުކާރުން ޔަގީންކުރުން. އެގޮތުން، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައްޔާއި، ބަލިމަޑުކަން ފިލައިދިޔުމަށްފަހު ވަކި މުއްދަތަކަށް ފެނާއި، ކަރަންޓާއި، ފޯނާއި، އިންޓަރނެޓް އަދި ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތަކުން މަހުރޫމް ނުވާކަން ކަށަވަރުކުރުން.

10. ގެދޮރު ކުއްޔަށްދޭ ފަރާތްތަކާއި، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ބޭންކުތަކަށް ލިބޭ އާމްދަނީ ދައްވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ތެރެއިން ލުއިގޮތެއް ހޯދައިދެވިދާނެ.

11. ކުއްޔަށް އުޅޭ ފަރާތެއްވެސް އަދި ގެދޮރު މޯގޭޖްކޮށްގެން އުޅޭ ފަރާތަކުންވެސް އަދާނުކުރެވޭނެ ފަދަ ދަރަންޏެއް އެމީހެއްގެ ބޮލުގައި އެޅުވުމުން ރައްކާތެރިކުރަންވާނެ.

12. މި އިރުޝާދުތަކާއި އެއްގޮތަށް ކުއްޔަށް އުޅޭ ފަރާތްތަކާއި، ގެދޮރު މޯގޭޖުކޮށްފައި ތިބި ފަރާތްތަކުގެ އިންސާނީ ހައްގުތައް ރައްކާތެރިކުރެވޭކަން ކަށަވަރުކުރުމާއެކު، ކަނޑައެޅިފައިވާ އުސޫލުތައް ގާއިމްކުރެވިފައިވާކަން ކަށަވަރުކުރުމަށް މިނިވަން ޖަމިއްޔާއެއް އެކުލަވާލުން.

ޔޫއެންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާބެހޭ ޚާއްޞަ ރެޕެޓުއާ ނެރުއްވާފައިވާ މި ގައިޑްލައިން ޑރ. ޝަހީދު ހިއްސާކުރައްވާފައި މިވަނީ މާލޭގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ތެރޭގައި، މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކާއި ގެދޮރުކުއްޔަށްދޭ ފަރާތްތަކާއި ދެމެދު ކުލީގެ މައްސަލަތައް ފެންމަތިވެ ކުލި ނުދެއްކިގެން ބައެއް ފަރާތްތައް ގެދޮރުން ނުކުންނަން ޖެހުން ފަދަ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެފަދަ ފަރާތްތަކަށް ސަރުކާރުން މިވަގުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދަނީ ވަގުތީ ހިޔާތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން