ކޮވިޑުން ރައްކާތެރިވުމަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން މިވެކްސިން އެމެރިކާގައި ބޭނުންކުރުމަށް އެމެރިކާގެ ސިއްހީ ވުޒާރާ ތަކުގެ ހުއްދަ ހޯދުމަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެދިފައެވެ. އަދި މިވެކްސިނުގެ އެންމެ ފަހުގެ ތަހުލީލު ރިޕޯޓުތަކުން ދައްކާގޮތުގައި މިވެކްސިނަކީ 66 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.

ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ އެންމެ ޑޯޒަކުން ދީ ނިންމާލާ ވެކްސިނެކެވެ. މިހެންކަމުން، އެމެރިކާގައި މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބިއްޖެނަމަ އެމެރިކާގައި މިހާރު ހުއްދަދެވިފައިވާ ފައިޒަރ ކުންފުނި އަދި މޮޑަރނަރ ކުންފުނީގެ ވެކްސިން ދިނުމުގައި ދެ ޑޯޒު ހަމަކުރަން ޖެހުނުނަމަވެސް، ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ވެކްސިން ދިނުމުގައި ބޭނުން ކުރެވޭނީ އެންމެ ޑޯޒެކެވެ.

އެއް ބިލިއަން ޑޮލަރަށް، ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ 100 މިލިއަން ޑޯޒު ގަތުމަށް އެމެރިކާއިން ވަނީ އެކުންފުންޏާއެކު އެއްބަސްވެފައެވެ. އަދި ވެކްސިނުގެ އިތުރު 200 މިލިއަން ޑޯޒު ގަތުމަށް ޝައުގުވެރިކަންފާޅުކޮށްފައިވެއެވެ.

އެމެރިކާގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު ބޭނުންވާނޭ އަދަދަކަށް ވެކްސިނުގެ ޑޯޒުތައް ލިބޭނޭކަމަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ހާމަކޮށްފައިވެއެވެ.

މިއަހަރުގެ ތެރޭގައި މިވެކްސިނުގެ އެއް ބިލިއަން ޑޯޒު އެކި ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން އެކުންފުނީގެ ވެކްސިން އުފެއްދުމަށް، އެމެރިކާ، ޔޫރަޕު، ސައުތު އެފްރިކާ އަދި އިންޑިޔާގެ ކުންފުނިތަކާއެކު އެއްބަސްވުންތައްވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން