ކޮވިޑުގެ ދެވަނަ ރާޅަކާއެކު ގަތަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިކަމަށް ގަތަރު ސަރުކާރުން އިއުލާންކޮށްފިއެވެ.

ގަތަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އެކަން އިއުލާންކޮށްފައިވާއިރު، މިދިޔަ އަހަރު ޑިސެމްބަރު މަހާއި އަޅާ ބަލާއިރު ކޮވިޑު ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު މީހުންގެ އަދަދު މިއަހަރު ޖެނުއަރީ މަހު ވަނީ އިތުރުވެފައެވެ. ގަތަރުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ޑިސެމްބަރު މަހާއަޅާ ބަލާއިރު ޖަނަވަރީ މަހު އެޑްމިޓްކޮށް ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 85 އިންސައްތަ އިތުރެވެ.

މީގެ އިތުރުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންނާއި، މި ބަލީގައި ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިނުމަށް އެޑްމިޓް ކުރެވޭ މީހުންގެ އަދަދު މައްޗަށް ދާތީ ގަތަރުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

ގަތަރުގެ އާގަވާއިދުތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އެއްފަހަރާ މަސައްކަތްކުރެވޭ މުވައްޒިފުންގެ އަދަދު 80 އިންސައްތަ އަށް މަދުކޮށް، ބައްދަލުވުންތަކުގައި އެއްފަހަރާ ބައިވެރިވެވޭނެ މީހުންގެ އަދަދު 15 މީހުންނަށް މަދުކޮށްފައިވެއެވެ. އަދި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލެވުނު ނަމަވެސް މިސްކިތުގެ ފާހާނާ ތަކާއި ވުޟޫކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތައް ބަންދުކުރަން ވަނީ ނިންމާފައެވެ.

މިގަވާއިދުތަކުގެ ތެރޭގައި ގަތަރުގެ ޕާކުތަކާއި، ބީޗު ސަރަހައްދުތައް ބަންދުކޮށް ބޮޑެތި ކައިވެނި ހަފްލާތައް ބޭއްވުންވެސް މަނާކޮށްފައިވެއެވެ.

ޖުމްލަ 32 ކަމެއް ހިމެނޭ ގޮތަށް ގަވާއިދު އެކުލަވާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ގަތަރު ސަރުކާރުން ނެރެފައިވާ އިއުލާނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށް ގަތަރު ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން