ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގުމަށް މަގުފަހިކޮށްދިނުމާއި ދަރަނި އަދާކުރަންޖެހޭ މުއްދަތު އިތުރު ކުރުމާބެހޭ ގޮތުން ސަރުކާރުން ހުށައަޅާފައިވާ މައްސަލައިގައި ބަހުސް ކުރުމަށް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފިއެވެ.

ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށްޓަކާ 4.2 ބިލިއަން ރުފިޔާ މިވަގުތުން ވަގުތަށް ބޭނުންވާ ކަމަށް ވިދާޅުވެ މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

ސަރުކާރުގެ ހިންގުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ މި ފައިސާ ދޫކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ދައުލަތައް ފައިސާ ދޫކުރުމުގެ ބަހުސް މިހާރު ފެށިފައިވާއިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅިފައިވާ މައްސަލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޖެހިގެން އަންނަ ހޮނިހިރު ދުވަހު މަޖިލިސް ފަށަން ޖެހޭނެ ކަމަށާއި އިއުތިރާޒެއް ނެތް ނަމަ 11 ޖަހާއިރު ޖަލްސާތައް ފަށްޓަވާނެ ކަމަށެވެ.

"ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި މި ދެ ދުވަހު އަޅުގަނޑުމެން މިކަން އެބަ ނިންމާން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސަރުކާރަށް 800 މިލިއަން ރުފިޔާ ބޭނުންވާނެ ކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ، އެ ފައިސާއިން ކާޑު ނުގަނެވޭނެ ކަމަށެވެ. ކާޑު ގަނެވޭނީ ޑޮލަރުން ކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިސާބުތަކަށް ބަލާއިރު، އޯވަޑްރާފްޓް ނުވަތަ މަރުކަޒީ ބޭންކުން ދަރަނީގެ ގޮތުގައި މާލީ ވަޒީރަށް ނެގޭނީ 219 މިލިޔަން ރުފިޔާ ކަމަށެވެ.

މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ބޭނުންވެވަޑައިގަންނަވާ، 219 ގައިހުރި އޯވަޑްރާފްޓެއް 4.2 ބިލިޔަނަށް ބަދަލު ކުރުމަށް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނެފައިވަނީ ދެ ހާލަތެއް މެދުވެރިވެއްޖެނަމަ އޯވަޑްފާޓް އިތުރު ކުރުމަށް މަޖިލީހުގެ ހުއްދައަށް މާލީ ވަޒީރަށް އެދެވިދާނެކަމަށެވެ. އެއީ ގުދުރަތީކާރިސާއެއް މެދުވެރިވުމާއި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން