ޑރ. ޓެޑްރޯސް
ޑރ. ޓެޑްރޯސް
ކޯވިޑް-19 އަކީ ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށާއި، ދިގުމުއްދަތަކަށް މި ބައްޔާއި ހަނގުރާމަކުރަން ޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޖެނިވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް ވިދާޅުވީ، ކުރިއަށް އޮތްތާނގައި ބައެއް ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވެ އަނެއް ބައި ގައުމުތަކުގައި ބަލި ޖެހޭމީހުންގެ އަދަދު އިތުރުވާނެކަމަށާއި، މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންވާނެކަމަށެވެ. އަދި ބަލި ފެތުރުން ހަމައަކަށް އެޅިފައިވާކަމަށް ގަބޫލުކުރެވިފައިވާ ތަންތަނުން އަލުން މި ބަލި ފެނުމުގެ ފުރުސަތުވެސް އެބައޮތްކަން ފާހަގަކުރައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ މިކަމަށް ނިމުމެއް އައުމަށް އަދި ގާތްނުވާކަމަށެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ ގައިދުރުކުރުމުގެ ގަވައިދުތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު މަދުވިނަމަވެސް، ކޯވިޑް-19 އަކީ އަދިވެސް ވަރަށް ނުރައްކާ ބޮޑު ބަލިމަޑުކަމެއް ކަމުގައެވެ. ގޭގައި ތިބުމަށް ކޮށްފައިވާ އަމުރުތަކާއި ގުޅިގެން މީހުން ނުތަނަވަސްވެ ކަންބޮޑުވެފައިވާކަމާއި، މީހުން ބޭނުންވަނީ ދިރިއުޅުމާއިގެން ކުރިއަށް ދާންކަން ގަބޫލުކުރައްވާކަމަށް ވެސް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ. އެހެންނަމަވެސް، ކުރީގެ ގޮތްތަކަށް އެނބުރި ރުޖޫޢަ ވުމެއް އަދި ނެތްކަން ފާހަގކުރައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ އައު "ނޯރމަލް"އެއް ހޯދަން މަޖުބޫރުވެއްޖެކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ބަލިމަޑުކަމަށް އިތުރު ބާރެއް ލިބެނީ ދުނިޔަވީ އެއްބައިވަންތަކަމުގެ ރޫހު ގައުމުތަކުގެ ކިބައިން ނުފެންނާތީއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި ހުރިހާ ގައުމަކުން އެރޫހު ދަމަހައްޓައިގެން މެނުވީ ހައްލެއް ހޯދެން ނެތްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ.

މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 2.6 މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 2 ލައްކައާއި ގާތްކުރަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން