އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚްގައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 62.85 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، ހަތަރުވަނަ ކުއާޓާރގައި ޖުމުލަ 400.10 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 77.24 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރިކޯޑްކުރެވިފައެވެ. އަދި 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.35 ބިލިއަން ރުފިޔާ ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 203.11 މިލިއަން ރުފިޔާ ރިކޯޑްކުރެވިފައެވެ. މިނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަން ފާހަގަކުރެވެއެވެ.

އެމްޓީސީސީން މިއަހަރުގެ 4 ވަނަ ކުއަރޓަރ ގައި 52 މަޝްރޫއެއް ހިންގައި 11 މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. އަދި 5 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށައި އިތުރު 17 މަޝްރޫއެއްގެ މަސައްކަތާއި ކުންފުނިން ވަނީ ހަވާލުވެފައެވެ. އަދި މުޅި އަހަރަށް ބަލާލާއިރު، ޖުމުލަ 34 އުމްރާނީ ތަރައްޤީގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރު ތެރޭގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައި ވަނީ ހިންގާފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކަށްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

ކޯވިޑް-19 ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް އެ ކުންފުނިންދަނީ އެކަންޖަން މުރާޖައާކުރަމުންނެވެ. އަދި ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ހަމަ އެހެންމެ އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން