އިނގިރޭސިވިލާތުގެ ބޯޑަރުތަށް އެއްކޮށް ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑުގެ އާވޭރިއަންޓް ކޮންޓްރޯލް ކުރެވެންދެން ބައެއް ގައުމުތަކުންވަނީ އިނގިރޭސިވިލާތާއި ދެމެދު ކުރާ ދަތުރުތައް މެނދުކެނޑުމަކަށް ގެނެސްފައެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ މިނިންމުމާއެކު، ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާ ޖެހެންދެން އިނގިރޭސިވިލާތަށް އެތެރެވެވެނީ ބައެއް ގައުމުތަކުން ދަތުރު ކުރާ ފަރާތްތަކަށް އެކަންޏެވެ.

އަދި މިގޮތަށް އިނގިރޭސިވިލާތަށް އެެތެރެވުމަށްފަހު ވެސް ކަރަންޓީނުވާންވެސް ޖެހެއެވެ. ކަރަންޓީނުވުމުގެ އިތުރުން 72 ގަޑިއިރު ކުރިން ހައްދާފައިވާ ޕީސީއާރް ޓެސްޓެއްގެ ނެގަޓިވް ނަތީޖާ ހުށައަޅަން ޖެހެއެވެ. ނަމަވެސް މިގަވާއިދުތައް އިތުރަށް ހަރުކަށި ކުރުމަށް އިނގިރޭސިވިލާތުގެ ކެބިނެޓު މިނިސްޓަރުން ލަފާ އެރުވުމާއެކު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ނިންމާފައިވަނީ އިނގިރޭސިވިލާތާއި ދުނިޔޭގެ އެހެން ހުރިހާ ގައުމަކާއި ދެމެދު ދަތުރުފަތުރު ކުރުން ހުއްޓާލައި، ބޯޑަރުތަށް އެއްކޮށް ބަންދުކުރުމަށެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ކޮވިޑުގެ އާވޭރިއެންޓް އެހެން ބައެއް ގައުމުތަކުން ފެނިފައިވާކަމަށާއި، އަދި މި ވޭރިއަންޓް އިތުރަށް ފެތުރުމުގެ ބިރު އެބައޮތްކަމަށެވެ. އަދި މި ވޭރިއަންޓް ފެތުރިއްޖެނަމަ ވެކްސިނުން ލިބިދޭ ރައްކާތެރިކަމަށް އަސަރުކުރުމުގެ ބިރު އޮތުމާއެކު މި ވޭރިއަންޓް އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލް ކުރުން ބުއްދިވެރިކަމަށްވެސް އިނގިރޭސިވިލާތުގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ބޯޑަރުތަށް އެއްކޮށް ބަންދުކުރުން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން