ކޮވިޑު ކޮންޓްރޯލް ކުރުމަށް ބަންދުކުރި ސްރީލަންކާގެ ބޯޑަރުތައް ހުޅުވައި ފުރުތަމަ އިންޓަރނޭޝަަލް ފްލައިޓު މިއަދު ޖައްސައިފިއެވެ.

ބޯޑަރު ހުޅުވުމަށްފަހު، ސްރީލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިގޮތުން ފުރަތަމަ ޖެއްސި ފްލައިޓަކީ އޮމާނުން އައި އޮމާން އެއަރގެ ފްލައިޓެކެވެ.

ސްރީލަންކާއަށް މިއަދު ހެނދުނު ޖެއްސި ފުރަތަމަ ފްލައިޓުން، އޮމާނުގައި ތިބި 50 ސްރީލަންކާ ރައްޔިތުން ދަތުރުކޮށްފައިވެއެވެ. އަދި މިމީހުން ވަނީ ސްރީލަންކާގެ ކަރަންޓީނު ވުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް ގެންދެވިފައެވެ.

މީގެ އިތުރުން މިއަދު 14 ފްލައިޓު ޖެއްސުމަށް ތައްޔާރުވެފައިވާކަމަށް ސްރީލަންކާގެ އެއަރޕޯޓް އެންޑް އޭވިއޭޝަން ސަރވިސަސް އިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި އޭޝިޔާ އަދި ގަލްފުގެ ގައުމުތަކުން މިއަދަށް ފްލައިޓު ޝެޑިއުލް ކޮށްފައިވާކަމަށް ވެއެވެ.

10 މަސް ދުވަހު ބަންދު ކޮށްފައި އޮތުމަށްފަހު ސްރީލަންކާގެ ބޯޑަރުތަަށް ހުޅުވާފައިވަނީ މިއަދުއެވެ. މިއާއެކު ޓުއަރިސްޓު ވިސާ، ރެޒިޑެެންޓް ވިސާ އަދި އިންވެސްޓަރުންނަށާއި ޑުއަލް ސިޓިޒަނުންނަށް ހާއްސަކޮށްފައިވާ ވިސާއިން ސްރީލަންކާއަށް އެތެރެވެވޭނެކަމަށް ސްރީލަންކާގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި ވިސާ ދޫކުރަމުން ދާނީ އިމިގްރޭޝަން މެދުވެރިކޮށް އޮންލައިން ކޮށެވެ.

މީގެ އިތުރުން ސްރީލަންކާއަށް ފަތުރުވެރިންގެ ގޮތުގައި އަންނަ ފަރާތަކުން ޕީސީއާރް ޓެސްޓެއްގެ ނެގަޓިވް ނަތީޖާ އަކާއެކު މަދުވެގެން 50،000 ޑޮލަރުގެ ކޮވިޑް އިންޝިއުރަންސް ސްކީމެއް ހުށައަޅަން ޖެހެއެވެ. އަދި މިފަދައިން އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަމުގެ ގަވާއިދު ތަކާއެކު ކަނޑައެޅިފައިވާ ވަކި ޓުއަރތަކެއްގައި ބައިވެރިވެވޭނެ ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން