ސިންގަޕޫރުގައި ދިރިއުޅެމުންދާ މެލޭޝިޔާގެ ރައްޔިތުންނަށް ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖަހަންފަށައިފިއެވެ.

މިގޮތުން ސިންގަޕޫރުގައި ދިރިއުޅެމުންދާ މެލޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގައި އިސްކަމެއް ދިނުމަށް ސިންގަޕޫރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގައި ވަޒީފާ އަދާ ކުރާ މެލޭޝިޔާގެ ރައްޔިތުންނަށެވެ.

ސިންގަޕޫރުން ވެކްސިން ލިބުނު ގިނަ މެލޭޝިޔާގެ ރައްޔިތުން ވަނީ ވެކްސިން ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުންކޮށް އެތަޖުރިބާ ވެސް ހިއްސާކޮށްފައެވެ. މިގޮތުން ވެކްސިން ޖެހުމަށްފަހު އެއްވެސް ސައިޑް އެފެކްޓެއް ފެނިފައިނުވާކަމަށް ހާމަކޮށްފައިވެއެވެ. އަދި ދެގައުމުން ގުޅިގެން ދެގައުމުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާނެކަމަށް އުއްމީދުކުރާކަމަށް ގިނަ ބަޔަކު މީސްމީޑިޔާގައި ލިޔެފައިވެއެވެ.

ސިންގަޕޫރުގެ ސަރުކާރުން ވަނީ ވެކްސިންގެ ޝިޕްމެންޓްތައް ލިބޭމިންވަރަކުން ސިންގަޕޫރުގެ ރައްޔިތުންގެ އިިތުރުން، ސިންގަޕޫރުގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުންނަށްވެސް ވެކްސިން ދޭން ނިންމާފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ސިންގަޕޫރުގައި ދިރިއުޅެމުންދާ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ ނިންމާލުމަށް މަސައްކަތް ކުރާނެކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން، ސިންގަޕޫރުގެ ސަރުކާރުން ޖަހައިދެނީ ހިލެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން