ފްރެޑް ޕައުލް އަދި ފްލޮރެންސް ހާވީގެ ކައިވެނިގެ ހަފްލާގެ ތެރެއިން.
ފްރެޑް ޕައުލް އަދި ފްލޮރެންސް ހާވީގެ ކައިވެނިގެ ހަފްލާގެ ތެރެއިން.
ސްކޫލް ދައުރު ވެވޭ ލޯތްބަކީ ގިނަފަހަރަށް ކައިވެންޏަކާ ހަމައަށް ނުދެވި ނިންމާލެވޭ ލޯތްބެކެވެ. ނަމަވެސް އެއީ ހަގީގީ ލޯބި ނަމަ ސްކޫލް ދައުރުގައި ވެވުނު ނަމަވެސް މިއީ ހަނދާން ހުންނާނެ ކަމެކެވެ. ސްކޫލް ދައުރުގައި ވެވުނު ހަގީގީ ލޯބި ނުވަތަ ފުރަތަމަ ވެވޭ ލޯބި ކާމިޔާބުކަމާއެކު ކައިވެންޏަކާ ހަމައަށް ދެވުމަކީ ބައެއް މީހުންނަށް ލިބޭ ވަަރަށް ބޮޑު ނަސީބެކެވެ.

މިގޮތުން މިފަހަރު ސްކޫލް ދައުރުގައި ވެވުނު ލޯބި ކާމިޔާބުކަމާއެކު ކައިވެންޏަކާ ހަމައަށް ދިއުމާއެކު މަޝްހޫރު ވެގެންދިޔައީ 81 އަހަރުގެ ފްލޮރެންސް ހާވީ ނަމަކަށް ކިޔުނު އަންހެނަކާއި، 84 އަހަރުގެ ފްރެޑް ޕައުލް ނަމަކަށް ކިޔުނު ފިރިހެނެކެވެ. ކެނެޑާއަށް ނިސްބަތްވާ މިދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ އެކުގައި ކިޔަވަން އުޅުނު ދުވަސް ވަރުއެވެ. ނަމަވެސް ޕައުލް އަށް 18 އަހަރުގައި ދެމީހުން ވަކިވާން ޖެހުނެވެ.

ގުޅުން ކެނޑުމާއެކު ޕައުލް އެހެން މީހަކާއި ކައިވެނިކޮށް ދެކުދިން ލިބުނެވެ. އަދި ފްލޮރެންސް ހާވީ ވެސް ވަނީ އެހެން މީހަކާއި ކައިވެނިކޮށް އާއިލާއެއް ފަށާފައެވެ. ނަމަވެސް 2017 ވަނަ އަހަރު ހާވީ ގެ ފިރިމީހާ ވަނީ ކެންސަރުބަލީގެ ޝިކާރައަކަށްވެ މަރުވެފައެވެ. އަދި އޭގެ ދެ އަހަރު ފަހުން ޕައުލް ގެ އަންހެނުން ވެސް މަރުވެފައިވެއެވެ.

ޕައުލްގެ އަންހެނުން މަރުވި ހަބަރު ލިބުމާއެކު ހާވީ ވަނީ ޕައުލް އަށް ގުޅައި ހާލު ބަލާފައެވެ. މި ފޯން ކޯލުން ދިރިއުޅުމުގެ ހުރިހާ ކަމެއް ދެމީހުންވެސް އެކަކު އަނެކަކަށް ހިއްސާކުރަން ފެށިއެވެ. މިއާއެކު މިދެމީހުންގެ ދެމެދުގައި ކުރެވެމުން އައި ފޯން ކޯލްތައް އިތުރުވެ ފެބްރުއަރީ މަހު ފެށުނު ފޯނު ކޯލް ތައް ޖުލައި މަހާއި ހަމައަށް މެދުނުކެނޑި ކުރެވެމުން ދިޔައެވެ.

ޖުލައި މަހު ޕައުލް ގެ އުފަންދުވަހާއި ގުޅުވައިގެން އެމެރިކާގައި ދިރިއުޅެމުންދިޔަ ހާވީ، ޕައުލް ދެކިލަން ކެނެޑާއަށް ދިޔައެވެ. އެތައް އަހަރެއް ވީފަހުން ވީ ބައްދަލުވުމަށް ތިން ދުވަސް ތެރޭގައި ދެމީހުން ނިންމީ ކައިވެނި ކުރާށެވެ. މިއާއެކު، ޕައުލް އަދި ހާވީ އަށް ސްކޫލް ދައުރުގައި ވެވުނު ފުރަތަމަ ހަގީގީ ލޯބި، ކާމިޔާބު ކަމާއެކު ކައިވެންޏަކާ ހަމައަށް ދެވުނީ 68 އަހަރު ފަހުންނެވެ.

"ހާވީ އަކީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ، އަހަރެންގެ ފުރަތަމަ ގާލްފްރެންޑް އަދި އެންމެ ފުރަތަމަ ހަގީގީ ލޯބި ވެވުނު މީހާ." ހާވީ އާއި ބެހޭގޮތުން ޕައުލް ބުނެފައިވެއެވެ.

ޕައުލް އަދި ހާވީ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު 8 ވަނަ ދުވަހުއެވެ. ކޮވިޑާ ގުޅިގެން ކައިވެނީގެ ބޮޑު ޕާޓީއެއް ނުބޭއްވުނު ކަމުގައިވިނަމަވެސް މި ދެމީހުން ކައިވެނި ކުރީ ކެނެޑާ އަދި އެމެރިކާގައި ތިބި އާއިލާގެ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކެނެޑާ އަދި އެމެރިކާގެ ބޯޑަރު ގުޅޭ ސަރަހައްދުގައެވެ.

"ޕައުލް އަކީ އަހަރެން ގެއަށް ލައިދޭން އައި އެންމެ ފުރަތަމަ ފިރިހެން ކުއްޖާ. އުންމީދަކީ އެންމެ ފަހު ފަހަރަށްވެސް ގެއަށް ލައިދޭނެ މީހަކަށް ޕައުލް ވުން." ކައިވެނި ހަފްލާގައި ހާވީ ބުނެފައިވެއެެވެ.

ޕައުލް އަދި ހާވީ އަށް ސްކޫލް ދައުރުގައި ވެވުނު ފުރަތަމަ ލޯބި، ކާމިޔާބު ކަމާއެކު ކައިވެންޏަކާ ހަމައަށް، 68 އަހަރު ފަހުން ދެވުނު ކަމުގައި ވިނަމަވެސް މިކައިވެނި ވީ އެންމެން ރޮއްވާލި އަދި ގިނަ ބަޔަކު ލޮލުގައި އަޅައިގަތް ލޯބީގެ ވާހަކައަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން