ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާފައިވާ މިހާރު އަލިފުދާލުގެ މަޤާމެއް ފުރުއްވަމުން ގެންދަވާ ޑޮކްޓަރ އަހުމަދު ޝަހީދަކީ ރާއްޖެއާއި ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ހިނގާ ކަންކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާ ޚިޔާލުތައް ވެސް ހިއްސާ ކުރައްވާ ސިޔާސީ ގޮތުންވެސް ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖެއަށް ގެންނަންފެށި ސިޔާސީ އިސްލާހީ ބަދަލު ތަކުގެ އެއް މޭސްތިރިއަކީ ޑޮކްޓަރ ޝަހީދެވެ. އޭރު ރާއްޖެއަށް އެކި ޤައުމުތަކުން ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން އެމެރިކާއާއި އިނގިރޭސި ވިލާތާއި ހުޅަނގުގެ އިއްތިހާދުގައި ހިމެނޭ ބިޔަ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކުގެ ސަފީރުންނާއި މުއާމަލާތް ކުރައްވައި އެބޭފުޅުންނާ ކުރިމަތިލައްވައި އެންމެ ގިނައިން އެބޭފުޅުންނާއި މުއާމަލާތް ކުރައްވަމުން ގެންދެވި އެއްބޭފުޅަކީ ވެސް ޑޮކްޓަރ ޝަހީދެވެ. އޭރުގެ ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ޑޮކްޓަރ ޝަހީދަކީ ރައީސް މައުމޫން އެކުލަވާލެއްވި ޑިމޮކްރެސީގެ އިސްލާހީ މަގުޗާޓުން މައުމޫނު ކައްސާލެއްވިޔަ ނުދިނުމަށް އެންމެ ގާތުން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ.

ދުނިޔޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ވެސް ޑޮކްޓަރ ޝަހީދު ދިވެހިރާއްޖޭގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން އޭނާ ކުރައްވާ ޓްވީޓްތަކުން ދޭހަވެއެވެ. ރާއްޖެ މިވަގުތު އޮތް ހާލަތާއި ގުޅުވައިގެން ޑޮކްޓަރ ޝަހީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިވަގުތަކީ ސަރުކާރަށް ނުކުރެވި އޮތީ ކޮންކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްބާރުލުން ދޭންވީ ވަގުތު ކަމަށެވެ. އަދި މިވަގުތަކީ ސަރުކާރަށް ފުރައްސާރަ ކުރަންވީ ވަގުތު ނޫންކަމުގައިވެސް ޝަހީދު ވިދާޅުވެފައިވެއެވެ.

ޑޮކްޓަރ ޝަހީދުގެ މިވާހަކަފުޅަށް ބާރުދިނުމަށް ނަންގަވާފައިވަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއިންނެވެ. ދިވެހިރާއްޖޭގެ ކުރިއެރުން 20 އަހަރު ފަހަތަށް ސޮއްސައިގެން ދިޔަ މި ކާރިސާއަށް ފަހު މުޅި ޤައުމު އެކުގައި އެއްބައިވަންތަ ކަމާއެކު ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކޮށްފައިވާކަން ޝަހީދުގެ ޓްވީޓްގައި ހަނދާންކޮށްދީފައި ވެއެވެ.

ޑޮކްޓަރ ޝަހީދު މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ މިހާރުގެ އިދިކޮޅު ފަރާތްތަކުން މިފަދަ ދަތި އުނދަގޫ އަދި ރައްޔިތުން ކަންބޮޑުވެ ހާސްވެ ގޮތް ހުސްވާ ހިސާބަށް ގޮސްފައިވާ މި ދަނޑިވަޅުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ފާޑު ކިޔުމާއި ސަރުކާރަށް ފާޑުކިޔައި ނުކުރެވި ހުރި ކަންކަމުގެ ވާހަކަ ދައްކައި އަދުގެ ހާލަތާއި ނުގުޅޭ ސިޔާސީ ގޮތުން ރައްދު ދިނުމާއި ވާދަކިޔުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާތީކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ޑޮކްޓަރ ޝަހީދުގެ ޓްވީޓްގައި އިދިކޮޅު ޕީއެންސީގެ ނާއިބްރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙަންމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާއަށް ރައްދު ދެއްވައި ވާހަކަ ދައްކަވާފައިވާ ވިޑީއޯއެއް ޓެގް ގްރައްވާފައި ވާތީ މިއީ އިދިކޮޅު ފަރާތްތަކުން މިވަގުތު ގެންގުޅޭ ނޭއްގާނި ސިޔާސަތަށް ރައްދު ކުރައްވައި ވިދާޅުވެފައިވާ ބަސްކޮޅެއްކަމުގައި ގަބޫލުކުރެވެއެވެ.

މި ވިޑިއޯގައި ސަޢީދު ފާޑުވިދާޅުވަނީ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނަށެވެ. އެބަޔާން ދެއްވި ވަގުތަކީ ދުނިޔޭގައި ކޮރޯނާވައިރަސް ހަލުއިކަމާއެކު ފެތުރެން ފަށާފައިވާ ވަގުތެއްކަމަށާއި އެފަދަ ދަނޑިވަޅެއްގައި ދެއްވި ރިޔާސީ ބަޔާނުގައިވެސް އެ ހާލަތުގައި އިޤުތިޞާދީ ގޮތުން އަޅުންވާނެ ފިޔަވަޅުތަކެއް ނުވަތަ ކުރައްވާނެ ކަންތައްތަކެއް ފާހަގަ ކުރައްވާފައި ނުވާކަމަށް ވިދާޅުވެ ސިޔާސީ ގޮތުން ރައީސް ޞާލިޙަށް ސަޢީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ޑޮކްޓަރ ޝަހީދު ވިދާޅުވެފައިވަނީ މިވަގުތަކީ ސަރުކާރަށް ފުރައްސާރަ ކުރަންވީ ވަގުތު ނޫންކަމަށެވެ. ކޮންމެ ކަމަކަށްވެސް ވަގުތަކާއި މޫސުމެއް އޮންނާނެކަން ވެސް ޝަހީދު ފާހަގަކުރައްވާފައި ވެއެވެ.

ޑޮކްޓަރ ޝަހީދަކީ މިއަދު ރާއްޖެއާއި އަދި ރާއްޖޭގެ ސިޔާސީ ކަންކަމާއި ކިތަންމެ ދުރުގައި ހުންނެވި ބޭފުޅެއް ކަމުގައި ވީނަމަވެސް އެވިދާޅުވީ، މިޤައުމު ދެކެ ލޯބިވާ، މިވަޠަނާ އަދި ރައްޔިތުންނާމެދު ކުލުނެއް، އަގަލެއް ހުރި ކޮންމެ ދިވެއްސަކުމެ ކަންކުރާންވީ ގޮތުގެ ވާހަކައެވެ. މިއަދު ބަލަންވީ ވެރިކަމުގައި ހުންނެވީ ކޮންބޭޅެއްތޯ އެއްނޫނެވެ. އަދި ކޮން ޕާޓީއެއްގެ ސަރުކާރެއްތޯވެސް ނުމެނޫންމެއެވެ. މާދަމާ ޕާޓީ ވެސް ސަރުކާރުވެސް އޮންނާނީ އަދި ރައީސުލްޖުމްހޫރިއްޔާއަކު ވެސް ހުންނާނީ މިޤައުމާއި ރައްޔިތުން ހެއުހާލުގައި ޤައުމުގައި ތިބެގެންނެވެ. ޤައުމު ޤައުމެއްގެ ގޮތިގައި އޮވެގެންނެވެ.

އެހެންވީމާ ޝަހީދު އެ ވިދާޅުވާ ބީދައިން މިއަދު ކޮންމެ ފަރުދަކުވެސް ބަލަންވީ ރައީސުލްޖުމްހޫރިއްޔާއަށް ނުކުރެވި ހުރީ ކޮންކަމެއްތޯ ބަލައި އެކަމަށް ފާޑުކިޔައިގެން ނޫސްތަކުގެ ފަލަ ސުރުޚީ ތަކުން ޖާގަ ލިބޭތޯއެއް ނޫނެވެ. މި ހާލަތުގައި ޤައުމަށް ބޭނުންވާ ކަމެއް ކޮށްދީގެން ނޫސްތަކުގެ ފަލަ ސުރީޚީތަކުންނާއި ރައްޔިތުންގެ ހިތުން ޖާގަ ހޯދޭތޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން