ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޔުނިވަރސިޓީތަކާއި ކޮލެޖް ތަކާއި ތަމްރީނުދޭ މަރުކަޒުތައް ދެ ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ އެންގެވުމުގައި ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް އަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖް ތަކާއި ތަމްރީނުދޭ މަރުކަޒުތައް ދެ ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތައް ގުޅިގެން މި ނިންމުން ތަންފީޒުކޮށްދިނުމަށް މި އެންގުމުގައި ދަންނަވާފައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސްކޫލްތައް ބަންދު ކުރުމާއި މީހުން ގިނައިން ޒިޔާރަތްކުރާ ޕާކްތައް ބަންދު ކުރުމާއި ރިސޯޓެއްގައި ހުރި އެއްވެސް މީހަކު އެހެން ރަށަކަށް ދަތުރު ނުކުރުމާއި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން މަނާ ކުރުން ހިމެނެއެވެ.

މާދަމާ އަކީ ރާއްޖޭގެ ސްކޫލްތަކުގެ މިޑްޓަރމް ބްރޭކަށް ފަހު ސްކޫލްތައް އަލުން ހުޅުވުމަށް ތާވަލް ކޮށްފައިވާ ދުވަހެވެ. އެހެން ނަމަވެސް ސްކޫލްތައް މިހާރު ވަނީ އިތުރު އެއް ހަފުތާއަށް ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން