އެންޖެލާ މާރކެލް
އެންޖެލާ މާރކެލް
ކޯވިޑް-19 އާއި ގުޅިގެން ޖަރުމަނުގެ އިޤްތިޞާދާއި، އިޖުތިމާއި އެހެން ޚިދުމަތްތައް ހުއްޓާލާފައި އޮތުމަށްފަހު، ބަލި ކޮންޓްރޯލްވެއްޖެކަމަށް ބުނެ ގައުމު ހުޅުވާލުމަށް އެގައުމުން ނިންމި ނިންމުމާއި ދެކޮޅަށް ޗާންސެލާ އެންޖެލާ މާކެލް އިންޒާރުދެއްވުމުންވެސް ޖަރުމަނުގެ ބައެއް ވިޔަފާރިތައް މިއަދު ހުޅުވާލައިފިއެވެ.

ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަރުމަނުގެ ޗާންސެލަރ، އެންޖެލާ މާކެލް، ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ގައުމު ހުޅުވާލައިފިނަމަ ބައްޔާއިމެދު އާންމުންގެ ސަމާލުކަން ކުޑަވެދާނެކަމަށާއި، ދެވަނަ ފަހަރަށް މުޅިގައުމުގައި މި ބަލި ބާރުމިނެއްގައި ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށެވެ. މާރކެލް ވިދާޅުވީ އާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް އަވަސްވެގަތުމަކީ ސަރުކާރުގެ ފަރާތުން ނިންމި ފަރުވާކުޑަ ނިންމުމެއްކަމަށެވެ.

ފުރަބަންދުން ގައުމު ހުޅުވާލުމަށްޓަކައި، ބުކްޝޮޕްތަކާއި، މާ ފިހާރަތަކާއި، އަންނައުނު ފިހާރަތަކާއި، ސައިކަލާއި ކާރު ވިއްކާ ފިހާރަތައް ވެސް ހުޅުވާފައިވާއިރު މީގެތެރޭގައި 800 އަކަ ފޫޓަށްވުރެ ކުޑަ ހުރިހާ ފިހާރަތަކެއް ކަހަލަ ގޮތަކަށް މިއަދު ހެނދުނު ވަނީ ހުޅުވާފައެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި އިއުލާނުކޮށްފައިވާ ފުރަބަންދުން ގައުމު ހުޅުވާލުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެގޮތުން، ކުޑަކުދިންނަށް ވައިރަހުން ކުރާ އަސަރު ކުޑަކަމަށާއި، ވައިރަސް ފެތުރުން ހުއްޓިއްޖެކަމަށް ބުނެ ނޯރވޭ ސަރުކާރުން ވަނީ ޕްރީސްކޫލްތައް ވެސް ހުޅުވާލާފައެވެ. އަދި ޑެންމާކުގައި މިދިޔަ ހަފްތާގައި ޕްރައިމަރީ ސްކޫލްތައް ހުޅުވާލާފައިވާއިރު، ބެލެނިވެރިންވަނީ 30,000 ސޮއާއިއެކު އެކަމާ ދެކޮޅު ޕެޓިޝަނެއް ހުށައަޅާފައެވެ. ހަމައެއާއިއެކު، ޕޮލެންޑްގައި ޕާކުތަކާއި ޖަންގަލިތައް މިއަދު ހުޅުވާލިއިރު، އޮސްޓްރިއާގައިވެސް ވަނީ ބައެއް ފިހާރަތައް ހުޅުވާފައެވެ.

ދުނިޔޭގެ 2.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޯވިޑް-19 އަށް ޔޫރަޕުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1.1 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އެގޮތުން ޖަރުމަނުގައި މި ބަލި ޖެހުނު މީހުންގެ އަދަދު 145,734 ގައި އުޅޭއިރު، އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 4,642 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން