ސަޢީދު ޢަބްދުﷲ   21 އޭޕްރީލު 2020 - 0:58
ޑާކާގައި ކުރީސަފުގައި މަސައްކަތްކުރާ ބައެއް ނަރުހުން
ޑާކާގައި ކުރީސަފުގައި މަސައްކަތްކުރާ ބައެއް ނަރުހުން
ބަންގްލަދޭޝްގެ ޑާކާގެ އަމިއްލަ ހޮސްޕިޓަލްތަކާއި، ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުން ހިމެނޭގޮތަށް އެގައުމުން 62 ނަރުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސޮސައިޓީ ފޮރ ނަރސަސް ސޭފްޓީ އެންޑް ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލް ސައްބިރް މަހްމޫދް ތިހާންއާއި ހަވާލާދީ ދަ ނިއު ނޭޝަންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވެރި ރަށް ޑާކާއިން ޕޮޒިޓިވްވި ނަރުހުންގެ އިތުރުން، މައިމެންސިންގް ސަރަހައްދުން 5 ނަރުހުންނާއި، ބަރިޝާލް ޑިސްޓްރިކްޓުން 3 ނަރުހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހިފައިވާ ނަރުހުންގެ ތެރެއިން 2 ނަރުހުންނަކީ މާބަނޑު މީހުންކަމަށާއި، އެކަކަކީ ފޫޅުމައެއްކަމަށް އެނޫހުން ވަނީ ރިޕޯޓުކޯށްފައެވެ.

ތިހާން އިތުރަށް ވިދާޅުވީ ބަލިޖެހުނު ނަރުހުންގެ ތެރެއިން 2 ނަރުހުން މިހާރު ރަނގަޅުވެފައިވާކަމަށެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވި ނަރުހުންގެ މައުލޫމާތު އެއްކޮށްފައިވަނީ ސަރުކާރުގެ 15 ހޮސްޕިޓަލަކާއި، އަމިއްލަ ފަރާތްތަކުން ހިންގާ 10 ހޮސްޕިޓަލަކުން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތު އެއްކޮށްގެން ކަން ފާހަގަކުރައްވާ ތިހާން ވިދާޅުވީ މިތަންތަނުގައި މަސައްކަތްކުރާ އިތުރު 300 ވަރަކަށް ނަރުހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، އެމީހުން މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ.

ތިހާން ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އެހާ ގިނަ ނަރުހުންނަށް އެއްފަހަރާ މި ބަލި ޖެހުމަށް މެދުވެރިވީ ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭ އެ ހޮސްޕިޓަލުތަކުގައި އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ސާމާނު ނެތުމުން ކަމަށާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިންވެސް ބުނެފައިވާ ގޮތުގައި ނަރުހުންގެ ތެރޭގައި ބަލި ފެތުރުން މަދުކުރެވޭނީ ބަލިޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި އެކަށޭނަ މިންވަރަކަށް ރައްކާތެރިކަމުގެ ސާމާނު ބޭނުންކުރެވިގެންކަމަށެވެ.

ބަންގްލަދޭޝްގައި މިހާތަނަށް 2,948 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން 101 މީހަކު ބަލީގައި ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން