ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން ފްރާންސާއި ސްޕޭނާއި ޖަރުމަނުގެ ބައެއް ސިޓީތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

ދަރުބާރުގޭ ކޮރޯނާ އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މީގެ ކުޑައިރުކޮޅެއް ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިތިން ގައުމުން މީހުން މަނާ ވާނީ މިރޭ 12ގެ ފަހުން ފެށިގެން ކަމަށެވެ. މިއީ ކޮރޯނާވައިރަސްއާއި ގުޅިގެން ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްރާންސާއި ޖަރުމަނުން މީހުން އައުން މަނާކުރި ސަރަހައްދުތައް ފަހުން އިޢުލާން ކުރާނެ ކަމަށެވެ. މި ތިން ޤައުމުގެ އިތުރުން ކޮރޯނާވައިރަހާއި ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ މީހުން އައުން މަނާކުރީ މި ބަލި ފުރަތަމަ ފެނުނު ޗައިނާއިންނެވެ. އޭގެ ފަހުން އިޓަލީއާއި ބަންގްލަދޭޝްއާއި އީރާނާއި ކޮރެއާގެ ބައެއް ސަރަހައްދު ތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އިމިގްރޭޝަން ޑިޕާރޓްމެންޓުން ގެންދަނީ ރާއްޖެއަށް ވަގުތީ ގޮތުން ދަތުރު ކުރުން މަނާ ކުރަމުންދާ ޤައުމުތަކާއި ސަރަހައްދުތައް އާންމު ކުރަމުންނެވެ. ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން އެފަރާތުން އާންމުކުރާ މައުލޫމާތު ޗެކްކުރުމަށް އިމެގްރޭޝަނުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން