އަފްޣާނިސްތާނުގެ ރައީސް
އަފްޣާނިސްތާނުގެ ރައީސް
އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ދުރިއުޅުއްވާ ގަނޑުވަރުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ވާހަކަދެއްކި ސިއްހީ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ބުނީ ގަނޑުވަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަލި ޖެހުނީ ސަރުކާރުގެ އެހެން ޑިޕާރޓްމަންޓަކުން ފޮނުވި ޑޮކިއުމެންޓެއްގެ ސަބަބުންކަމަށާއި، އެލިޔުމުގައި ބަލިޖެހިފައިވާ އެހެން މީހަކު އަތްލާފައިވާތީކަމަށެވެ. ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ ގިނަ ބަޔަކު ބަލިވުމާއެކު، މިމަހުގެ ކުރީކޮޅުގައި އެމީހުން ޓެސްޓުކުރެވުނު ކަން ފާހަގަކޮށް އޭނާ ބުނީ އޭގެތެރެއިން 20 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ރައީސް ޣަނީގެ ސްޕޯކްސްޕަރސަން، ސިއްދީޤް ސިއްދީޤީ ވިދާޅުވީ ޓެސްޓުތައް ކުރުމުގެ ކުރިން ސަރުކާރުގެ ހުރިހާ މުވައްޒަފުން ގޭގައި މަޑުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާކަމަށާއި، ގޭގައި ތިބުމަށް އަންގާފައިވާ މުއްދަތު 3 ހަފްތާއަށް އިތުރުވެސް ކޮށްފައިވާކަމަށެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި، ރައީސް ޣަނީ އޭނާގެ މުއައްޒަފުންނާއި މުއާމަލާތުކުރައްވަނީ ވީޑިއޯކޯލްތަކާއި، ޑިޖިޓަލް މެސެޖުގެ ޒަރިއްޔާއިންނެވެ. ކޮންމެހެން ބައްދަލުކުރައްވަން ޖެހިވަޑައި ނުގަންނަވާ މީހަކާ ބައްދަލެއް ނުކުރައްވައެވެ. ޣަނީއަކީ އުމުރުފުޅުން 70 އަހަރުގެ ބޭފުޅެއް ކަމަށްވާއިރު، ބަލީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލީގައި އެންމެ ބޮޑަށް އަސަރު ކުރަނީ ބަލިޖެހޭ އާބާދީގެ ތެރެއިން އުމުރުން ދޮށީ މީހުންނަށެވެ.

އަފްޣާނުގައި މިހާތަނަށް 996 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 33 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން