ރްވާންޑާ ރައްޔިތުން ގޭގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް ވަނީ ލަފާދީފަ
ރްވާންޑާ ރައްޔިތުން ގޭގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް ވަނީ ލަފާދީފަ
އިރުމަތީ އެފްރިކާގެ ގައުމެއްކަމަށްވާ ރްވާންޑާގެ ރައްޔިތުން ބޭރަށްދާއިރުގަޔާއި ގޭގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް އެގައުމުގެ ސަރުކާރުން ލަފާދީފިއެވެ.

ރްވާންޑާ ޓީވީއަށް ރްވާންޑާގެ ހެލްތު މިނިސްޓަރު، ޑރ. ޑެނިއެލް ންގަމީޖޭ ދެއްވި އިންޓަރވިއުއެއްގައި ވަނީ މާސްކެއް އެޅުމަކީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެއްކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި އުޅޭއިރުވެސް މާސްކެއް އަޅައިގެން އުޅުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރު ންގަމީޖޭ ވިދާޅުވީ އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ކާރުހާނާތަކުގައި މާސްކު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، އެ މާސްކުތައް އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ވިއްކަމުން ގެންދާނެކަމަށެވެ.

އެފްރިކާ ބައްރުން ލައިބީރިއާ، މޮރޮކޯ، ގީނިއާ ކޮންކްރީ، ކެންޔާ އިންވެސް ވަނީ އެގައުމުތަކުގެ ރައްޔިތުންނަށް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ސައުތު އެފްރިކާއިންވެސް ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް އަންގާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އަންގާފައިވާ ގޮތުގައި ބަލި ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނުކުންނަ ނޭވައިލާ ނިޒާމުގެ ޑްރޮޕްލެޓުތަކުގެ ޒަރިއްޔާއިންނެވެ. އެ ޑްރޮޕްލެޓުތަކުގައި އަތްލުމަށްފަހު ނޭފަތުގައި ނުވަތަ ލޮލުގައި އަދި އަނގައިގާ އަތްލުމުން އެހެން މީހުންނަށް ބަލިޖެހެއެވެ.

ދުނިޔޭގައި މިހާތަނަށް 2.3 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، ރްވާންޑާގައި މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 144 މީހެކެވެ. އެގައުމުން ބަލީގައި އެކަކުވެސް މަރުވެފައި ނުވާއިރު، މިހާތަނަށް ދުނިޔެއިން 162،096 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން