މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން
މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން
މަސްވެރިންނަށް ސަރުކާރުތަކުން އިހާނެތިކޮށް ހިތާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ މަސްވެރިންނަށް ފޮނި ހުވަފެންތަކާއި ދަޅަތައް ދައްކައިގެންނެވެ. ބުރިވެފައިވާ ގައުމުގެ ލޭނާރު އަލުން ގުޅުވައިދީ ކުރިއަށްވުރެ ވަރުގަދަ ކޮށްދޭނެ ކަމުގެ ޔަގީންކަންދީގެންނެވެ. އެކަމަކު އާޚިރުގައި ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. "ވައުދާ ހުވާ ކުރާނެއޭ، އެހަނދާން ނެތޭނެއޭ، ނޫނީ އެހެން ގޮތެއްގައި މަޖުބޫރު ވާނެއޭ" ބުނާ ބީދައިންނެވެ. ވެރިކަން ލިބުމާއެކު ކެމްޕެއިން ތެރޭގައި ކެނޑިހާ ފޮނިބައިސާ ހަނދާން ނެތޭކަށް މާ ގިނަ ދުވަހެއް ނުނަގައެވެ. ވީ މޮޅު ވައުދުތައް އެއީ ނުވާ އެއްޗަކަށް ވެދެއެވެ. ދެއްކި ކުލަ ހުވަފެންތައް ވަނީ ބިލާހަށެވެ.

އަދުގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ވެސް ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް އުޑުން ތަރި ވެސް ބާލަދީފައޭ މަސްވެރިން މިއަދު އެބަ ބުނެއެވެ. ލޯބިވެރިން ބުނާހެން "ހަނދުވެސް ނަގާ އަތަށް ދޭނަމޭ" އޭރު ބުނި ކަމަށް މަސްވެރިންނާ އޮޑިވެރިން އެބަބުނެއެވެ.

މަސްވެރިން އެބުނާހެން މި ވެރިކަމަށްވެސް 2 އަހަރު ފުރިއްޖެއެވެ. މަސްވެރިން އިއްޔެވެސް އަޑުގެ ކޮޅަށް ގޮވަމުން ދިޔައީ އެމީހުންނަށް ވެފައިވާ ހަމަ އެންމެ ވައުދެއްވެސް ނުފުއްދޭ ކަމަށެވެ. އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ މަސްވެރިންގެ ވާހަކައެވެ. މަސްވެރިންނަށް ވީ ވައުދުތަކުން ފުއްދުނީ ކިތައް ވައުދު ކަމެއްވެސް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެކަމަށް ހަމަ އެންމެ އެކަށީގެންވާނީ މަސްވެރިންނެވެ. އެ ވެރިންގެ އާއިލާތަކެވެ.

އަޅުގަނޑަށް އެނގޭހާ ވެސް އެއްޗަކީ އަދު މަސްވެރިން ތިބީ ވަރަށް ވެސް މާޔޫސްވެފައި ކަމެވެ. އުފަލަކުން ނޫންކަން އެބަ އެނގެއެވެ. އިއްޔެވެސް އެމީހުން ބުނާތީ އެހީމެވެ. ބާނާ މަހަށް ހަމަ އަގެއް ނުލިބެއެވެ. މަސްކޮޅެއް ނުކިރެއެވެ. ފިނިކުރާނެ އައިހެއް ނުލިބެއެވެ. މަސްވެރިން އިއްޔެވެސް ބުނީ މަސްކޮޅު ނުކިރި ބާނާ މަސްކޮޅަށް އައިސް އަޅާލަ އަޅާލައި، ކިޔޫގައި ތިބުން ނޫން ގޮތެއް މިއަދު ނެތީމާ މަސްވެރިން ބިކަވެ އެމީހުންގެ އާއިލާތައް ވެސް ބިކަވެއްޖެ ކަމަށެވެ.

އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިގެން ފެލިވަރު ފަޅުގައި ދޯނިތައް އަޅާފައި ދޮށިތައް ބަހައްޓާފައި އެމީހުންވެސް ނުކުތީ އެއްގަމު މަސްވެރި ކަމަށެވެ. އެއްގަމުން ގިނައިން މަސްބޭނޭނީ ބާރަށް ހަޅޭއްލަވައި އަޑުގަދަކޮށްގެންތާއެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއޭ ބުނާތީ އެމީހުން ވެސް ނުކުތީ ރޯށެވެ. ވެރިންގެ ކަންފަތްތަކަށް އެމީހުންގެ އަޑުތައް ތަންކޮޅެއް ސާފުވާނެހެން އިއްވޭތޯ އަޑުގަދަކުރާތައް ހިފައިގެންނެވެ. މިރުއިމަށް ޑިމޮކްރެސީގައި ކިޔައި އުޅެނީ އިހުތިޖާޖު ކުރުމެވެ. ނުވަތަ އަޑުއުފުލުމެވެ. ނޫންނަމަ މުޒާހަރާ ކުރުމެވެ. ކޮންމެއަކަސް ކޮންމެ ނަމެއް ކިޔަސް ވަރިހަމައޭ ކިޔާފައި އެމީހުން އެރީ ސަރުކާރުން މަސްގަންނަ އެންމެ ދުވަސްވީ މަސް ފެކްޓްރީއަށެވެ. ފާދިއްޕޮޅު ފެލިވަރަށެވެ. މިހަރަކާތުގައި ހަމަ ރަނގަޅު އަދަދެއްގެ ދޯނިފަހަރު ބައިވެރިވިއެވެ.

މި އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ބުނަމުންދިޔައީ އެ މީހުން އިހުތިޖާޖަށް ނުކުތުމަށް މަޖުބޫރުވީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން ކެއްތެރިކަން ކޮޅުން ލައިގެން ކަމަށެވެ.

ކުރިން ދެންނެވިހެން ފެލިވަރަށް އެރި މަސްވެރިން ގަދަ އަޑުން ގޮވަމުން ދިޔައީ ވަޢުދުވި ފަދައިން ބާނާ މަހަށް ހަމައަގު ދިނުމަށެވެ. މި ކިޔާ ހަމައަގަކީވެސް ވަރަށް ހެއްވާ އަގެކެވެ. ސަރުކާރުން ވައުދުވި ހަމަ އަގެއް މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރަކަށް ފަހުމެއް ނުވެއެވެ. އެނގިވަޑައެއް ނުގަންނަވައެވެ. ދެންވީ ގޮތަކީ މަސްވެރިން އެބުނާހެން އެބުނާ ހަމައަގުވީ ކުޑައެވެ. މިހާރު ހަމައަގުވެސް ހަމަ ރަނގަޅަށް އޮޅުނީއެވެ.

ދެން އެމީހުން އެތާނގައި ގޮވީ ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކޮށްދޭށޭ ކިޔައިގެންނެވެ. އެމީހުން އެހެން އެކިޔަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދޭތެރެއަކުން އެބުނާ އައިސް އުފައްދާ ޕްލާންޓް ބޮޑުކުރާ ވާހަކައާއި ގާއިމުކުރާ ވާހަކަ ވަަޒީރުވެސް ދައްކަވައެވެ. އެއީ ނިކަން ގިނައިން ކާންބޯން ދީގެން ބޮޑުވާ އެއްޗަކީކަންވެސް ނޭނގެއެވެ. ނޫނީ މިސަރުކާރުން އޮތީ ދޯނިފަހަރުގެ ވަތުގައި ގަނޑުކުރާ ބައި ހަރުކުރާން ކަމަށްވާތީ ޕްލާންޓް ބޮޑުކުރުމަށްވުރެ އެކަން ކުރުން މާ ފައިދާ ބޮޑުވެފައި ފަސޭހަ ވީމާ އެކަން ކުރަނީކަންވެސް ނޭނގެއެވެ. ކޮންމެއަކަސް އިހުތިޖާޖު ކުރަން އެރި މަސްވެރިންނަކަށް އަދި އެކަމެއް ނޭނގޭ ކަންނޭގެއެވެ. އެހެން ނޫންނަމަ އައިސް ހޯދާކަށް ނޫޅޭނެތާއެވެ.

ދެން އެވެރިން އަޑުގެ ނެތްތަނަށް ގޮވީ އެވެރިން ބާނާ މަސްކޮޅު ދުވަހުން ދުވަހަށް ކިރޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. މިއޮތީ ހަމަ ރަނގަޅަށް މަސްވެރީންނަށް އޮޅުން އަރާފައެވެ. ފިޝަރީޒް މިނިސްޓަރުގެ ޕްލޭންގައި އޮތީ ގޭދޮށު މަސް ފެކްޓްރީ ހަދައިގެން ގޭދޮށުގައި އާއިލާ އެކީ ނުކުމެ މަސް ކައްކައި ހިއްކައި ނޫނީ މަސް ބަންދުކޮށް ބާވާތް ބާވަތުގެ މަހުގެ އުފެއްދުންތައް އުފައްދައިގެން ދަޅާއި ޕެކެޓުގައި ބަންދުކޮށްގެން އަގުއެއްކުރެވޭ ބާވަތްތައް ހަދައިގެން ނެރެ ވިއްކުމެވެ. ދެން އެހެންވީމާ މިފްކޯގެ އެމްޑީ އަތުގައި އޮތް ކަމަށް ބުނާ ޕެލޭނާއި ވަޒީރުގެ އަތްޕުޅުގައި އޮތް ޕްލޭން ވެސް ދިމާނުވަނީއެވެ. ވަޒީރު އަތުކުރި އޮޅުއްވާލައްވައިގެން އަވަދިނެތި އެއުޅުއްވަނީ ގޭދޮށު މަސްފެކްޓްރީ އަޅާށެވެ. މިފްކޯގެ އެމްޑީ އުޅުއްވަނީ ފެލިވަރު ތަރައްގީ ކުރާށެވެ. މަސްވެރިންނަށް މިކުރާން އުޅޭ ކަމެއް އޮޅިގެން އެއުޅެނީ މިހެން ވެގެން ކަމަށް ވެދާނެއެވެ.

މިފްކޯގެ އެމްޑީ މުޅިން ވެސް ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކައެކެވެ. މަސްވެރިން މިއަދު ހާލުގައި އުޅެން ޖެހުނީވެސް ޝުޢޫރު ފާޅުކުރަން ޖެހުނީވެސް ކުރީ ސަރުކާރުން ފެލިވަރު ތަރައްގީ ނުކުރީމާ ކަމަށެވެ. ޖަވާބުގައި މަސްވެރިން މިބުނަނީ އެމީހުން އެދައްކަނީ ކުރީ ސަރުކާރެއްގެ ވަޢުދު ތަކެއްގެ ވާހަކަ ނޫން ކަމުގައެވެ. އެމްޑީއަށް ވާނުވާ ނޭނގިގެން އުޅުއްވަނީ ކެމްޕޭން ދުވަސްވަރު ތަންކޮޅެއް ދުރުގައި އުޅުއްވީމާ ކަމަށް ވެސް ވެދާނެތާއެވެ. މިހާރުވެސް ސަރުކާރުގެ ތެރޭގައި ގިނައީ ބަތްތަވާ ކެކި ބަތަށްވީމާ ކާން އައި މީހުން ކަމަށް ބުނާތީ އިވެއެވެ. އެހެންވީމާ މަސްވެރިންނަށް އެވާހަކަ ވެސް ދެއްކޭކަށް ނެތެވެ.

ދެން މަސްވެރިން ގަދަފައި ވިއްދާލާފައި މިބުނަނީ އެމީހުން އިހުތިޖާޖަށް އައީ ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ވާން އޮތް ގޮތަކަށް ބައްދަލުކޮށް، އަޑުއިއްވޭން އޮތް ގޮތަކަށް އަޑު އިއްވާން ކަމަށެވެ. އެމީހުން އަޑުގެ ނެތްތަނަށް އެހެން ގޮވިއިރު މަސްވެރީންގެ ދުވަހު ޒުވާން މަސްވެރިޔާއާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވި ކަމެއް ހަނދާނުގައި ނެތީ ކަންނޭގެއެވެ. އެހެންވީމާ އެއީ ހަމަ ގައިމުވެސް އެމީހުން ތަންދޮރު ނުބަލައި އެދުނު ވަރަށް ތާކުންތާކު ނުޖެހޭ އެދުމެއްކަން ކަށަވަރެވެ.

ދެންފަހެ ދެންވީ ގޮތް އަޑު އައްސަވާށެވެ. ރައްޔިތުންގެ އަޑު އެއްސެވުމަކީ މިސަރުކާރުން އެއްވެސް ހުރަހެއް ނެތި ކުރާނެ ކަމެކެވެ. އިހުތިޖާޖުކޮށް ޝުޢޫރު ފާޅުކޮށް މުޒާހަރާ ކުރުމަކީ މިސަރުކާރުގައި ތިއްބެވި ބޭފުޅުން އެންމެ ބޭނުންވާ އެއްކަންތަކެވެ. ހައްގު ހޯދުމަށް ނުކުމެ އަޑު އުފުލާން ދަސްކޮށްދިނީ ތިމަންނާމެންނޭ ބުނާތީ މަސްވެރިންނަށް އަޑު ނީވުނީ ކަންނޭނގެއެވެ. މި މަސް ވެރީންނަކަށް އެވެރީން ދަސްކޮށްދީ ބުނެދިން ގޮތަށް އެއްވެސް ހުރަހެއްނެތި މިގައުމުގެ ތާކަށް އެއްނުވެ އެކަން ކުރާން ނޭގުނީތާއެވެ.

އެހެންވީމާ ދެންވީ ހަމަ ވާންވީ ގޮތެވެ. އެމީހުން ދަސްކޮށްދިން ގޮތަށް، ނުވަތަ ބުނެދިން ގޮތަށް އެކަން ނުކުރީމާ އެކަން ހުއްޓުވާން ފުލުހުން ފޮނުވާންވެސް ސަރުކާރަށް މަޖުބޫރުވީއެވެ. ދެން ޝީލްޑްތައް ހިފައިގެން ގުންފައި ޖަހާފައި ގައުމުގެ ސިވިލް ފުލުހުން ނުވަތަ ރައްޔިތުންގެ ފުލުހުން ރައިޓް ގިއަރުގައި އެމީހުންނަށް ތަރުހީބުދޭން ނުކުމެ އެބުނާ އިހުތިޖާޖު ކުރާން ނުކުމެ ތިބި މަސްވެރިން ފައްސާލައިފިއެވެ. މަސްވެރިންގެ އަޑު ނިކަން ރަނގަޅަށް އިއްވައިދީފިއެވެ. ފުލުހުން އަންނާނީ އެމީހުންގެ އަޑު އިވުނީމާ ތާއެވެ. ފުލުހުންނަށް އަޑުއިވުނީމާ އެއޮތީ ގައުމުގެ ވެރީންނަށް އަޑުއިވިފައިކަން ޔަގީނެވެ. އެއްވެސް ސުވާލެއް ނެތެވެ. އެމީހުން އަންނާނީ ވެރީންނަށް އެއަޑު އިވިގެން އެމީހުން މަސްވެރީންނަށް ޖަވާބުދާރީވާން ފޮނުވީމާތާއެވެ. އެކި މީހުން ޖަވާބު ދޭނީވެސް އެކި ގޮތަށެވެ. އެއީ އެވެރިންނަށް ޖަވާބުދާރީވާން ދަސްކޮށްދީފައި ހުރި ގޮތެވެ.

މިހާހިސާބުން ދެން އެއްކަލަ ހުރިހާ ކަމަކާ ބެހި ފޮށި އުޅޭ މީހުން މިކަމާވެސް ބެހި ގޮތް ކިޔަން ފަށައިފިއެވެ. މިފަހަރު ގިނަ މީހުން ތާއީދު ކުރަނީ މަސްވެރިން ނަށެވެ. ބައެއް މީހުން ބުނަނީ "ބޭހާ ނުކުޅޭތި ބަޑި، ނޭގި ހުއްޓާ އަނދައިދާނޭ، ގޭމަކޮޔާ ފިހިދާނޭ،" ކަމަށެވެ. އެމީހަކު އެބުނަނީ މަސްވެރިންނާ ނުކުޅުމަށެވެ. ކުޅެފިއްޔާ ވަރަށް ގޯސްވެދާނެ ކަމަށެވެ.



ކޮންމެ އަކަސް މަސްވެރިކަމަކީ އެއްދުވަސް ވަރެއްގައި ރާއްޖޭގެ އިޤުތިޞާދުގެ މައި ތަނބެވެ. އަނެއްބައި ދުވަސްވަރު މަސްވެރި ކަމަކީ ރާއްޖޭގެ މައިގަނޑު މަސައްކަތެވެ. އެންމެ ފަހުން ކިޔައި އުޅުނީ އެއީ ލޭނާރު ކަމަށެވެ. ދެން ކިޔަނީ "ނެރެދޭ ރޯދިވަޔާ ފިނީގަޔާ ހޫނުގައި، ގުރުބާން ޖާނާ ހިތޭ ވަނީ ކަނޑާ މޫދުގައި،" ކަމަށެވެ.

ކޮންމެއަކަސް މަސްވެރިން އެތިބީ ޖެހޭހާ ވަޔާ ދޭހާ އަތްވާ ވެހޭހާ ވާރޭގައި ކަނޑު ރޯދި ހޯދަން ނުކުމެއެވެ. އެކަމަކު މިއަދު އެމަސައްކަތް ކުރަނީ ކުރީން އެކަން ކުރި ގޮތަކަށް ނޫނެވެ. މިހާރު މަސްވެރިކަން ކުރަނީ ބޮޑެތި ބިޔަ ބޯޓު ފަހަރު ވަރުގެ އޮޑިފަހަރުގައެވެ. ދުރަށް ދުއްވައިގެން މަސްހޯދައިގެން ނޫނީ އެއްގަމަކަށް ނާދެއެވެ. ހަފުތާ ދެހަފުތާ ވިޔަސް އެމީހުން އަންނަނީ ކަނޑުމަތީގައި ދިރިއުޅެ ކައިބޮއި ހަދައިގެން މަސް ހޯދައިގެން މަސްބާނައިގެންނެވެ. ވަތްތައް ފުރާލައިގެންނެވެ.

މިއަދު މަސްވެރިކަން މިވަނީ ޒަމާނާ އެއްގޮތަށް ތަރައްގީވެ ކުރިއަރާ ގޮސްފައެވެ. އެން ހިފަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކޮށްގެން އެކަން ކުރާނެ ގޮތް ދަސްކޮށްގެންނެވެ. މަސް ހޯދަނީ އެންމެ ޒަމާނީ އާލާތްތައް ބޭނުން ކޮށްގެންނެވެ. ގިނަ ދުވަސް ވަންދެން މަސް ކުނި ނުކޮށް ދޯނީގައި ބަހައްޓަނީ ވެސް ޒަމާނީ ގޮތްތައް ބޭނުން ކޮށްގެންނެވެ.

މިއަދު މަސްވެރިކަމަށް ކުރާ ޚަރަދު އެތައް ގުނައަކަށް ބޮޑުވެއްޖެއެވެ. އެކަމަކު ރާއްޖޭގެ މަސްވެރިކަމަށް މިއައި ތަރައްގީއާއި ކުރިއެރުމާއި އެއްވަރާގާތަށް، ފައިހަމަވާ ވަރަށްވެސް ގައުމުގެ ކަންކަން ތަރައްގީއެއް ނުވެއެވެ. ސަރުކާރު ތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރާކަށް އެކަށީގެންވާ މަސައްކަތެއް ވެސް އެކަށީގެންވާ ހޭދައެއްވެސް ނުކުރެއެވެ. އަދި އެކަށީގެންވާ ހަރުދަނާ ދުރު ރާސްތާ ޕްލޭނޭއް ވެސް ނެތެވެ.

ޒަމާނާ އެއްގޮތަށް ބަދަލުވީ ވެރިކަމުގެ ނިޒާމެވެ. ވެރިންނާއި ސިޔާސީ މީހުންނާއި ސިޔާސީ މަސައްކަތް ތަކެވެ. ތަރައްގީވީ ހަމައެކަނި ސިޔާސީ ވިސްނުމެވެ. ދެން މިވީގޮތަކީ ނިޒާމު ތަރައްގީވީމާ ވެރިކަން ހޯދަން ވާން މިޖެހެނީ ބޮޑެތި ވަޢުދު ތަކެވެ. ދައްކަން މިޖެހެނީ ބިލިއަން ޑޮލަރުގެ ވާހަކައެވެ. އެކަމަކު ވެރިކަމަށް އައިސް މިޖެހެނީ ނުފޯރާ ފޮތިން ފޫގަޅާށެވެ. ނަތީޖާ ހަމަ ސުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން