އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ގޭގައި ތިބުމަށް އަންގާ ކޮށްފައިވާ އަމުރާ ދެކޮޅަށް ބައެއް ސްޓޭޓްތަކުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ތަރުހީބު ދެއްވުމަކީ "ދާޚިލީ ހަމަނުޖެހުމަކަށް" ފުރުސަތު ހުޅުވާލުން ކަމުގައި ވޮޝިންގްޓަންގެ ގަވަރނަރ ޖޭ އިންސްލީ ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޓްރަމްޕްގެ ޓްވިޓާގައި، މުޒާހަރާތަށް ކުރިއަށްދާ ބައެއް ސްޓޭޓްތަކުގެ ނަން ފާހަގަކޮށް، މުޒާހަރާކުރާ ފަރާތްތަކަށް ތަރުހީބުގެ ބަސްތައް ވިދާޅުވެފައިވާއިރު، ގަވަރނަރ އިންސްލީ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ގައުމެއްގެ ރައީސަކު "ގާނޫނާއި ހިލާފު ބިރުވެރި އަމަލުތަކެއް" ހިންގުމަށް ގައުމުގެ ރައްޔިތުންނަށް ހިތްވަރު ދިނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށެވެ.

އިންސްލީ މިގޮތަށް ވިދާޅުވެފައި މިވަނީ ޓްރަމްޕްގެ މި އަމަލުތަކާއި ދެކޮޅަށް ނިއު ޔޯކުގެ ގަވަރނަރ އެންޑްރޫ ކުއޯމޯ އަދި އެމެރިކާގެ ސެނެޓަރ އޭންގަސް ކިންގުވެސް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެމެރިކާގެ ގިނަ ރައްޔިތުން އަދިވެސް ތިބީ ގޭގައި މަޑުކުރުމަށް އަންގާފައިވާ އެންގުމުގެ މަތީން ގޭގައެވެ. ނަމަވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގެ އިޤްތިޞާދު އަލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.

އިންސްލީ ވިދާޅުވީ ޓްރަމްޕް ކުރައްވާ ޓްވީޓްތަކަކީ އެމަނިކުފާނުގެ ވިސްނުންފުޅުގެ ކޮށިކަން ހާމަވާ ކަމެއްކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން މާރާމާރީއާއި، ޖިސްމާނީ އަނިޔާތަކަށް މަގުފަހިކޮށްދޭ ކަމަށެވެ. އަދި ޓްރަމްޕްގެ ސަރުކާރުގައި ލަފާއެރުވުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން ކެނޑިނޭޅި މި ވައިރަހުގެ ބިރުވެރިކަން އޮޅުން ފިލުވައިދެމުންދާއިރު، އެމީހުންގެ ބަސް ގަބޫލުކުރެއްވުމެއް ނެތި ޓްރަމްޕް އަވަދިނެތި އެ އެއުޅުއްވަނީ ގައުމު ހަލަބޮލި ކުރުމުގައިކަމަށް އިންސްލީ ވަނީ ވިދާޅުވެފައެވެ.

އިންސްލީއަކީ 2013 އިން ފެށިގެން ވޮޝިންގްޓަންގެ ގަވަރނަރގެ މަގާމުގައި ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ކޯވިޑް-19 އާއި ގުޅިގެން އިންސްލީ ކުރެއްވި މަސައްކަތަށް ޓްރަމްޕް އެއްބާރުލުން ދެއްވާ ތައުރީފް ކުރައްވާފައި ވެސް ވެއެވެ. އެމެރިކާއިން ކޯވިޑް-19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި 10 ސްޓޭޓުގެ ތެރޭގައި ވޮޝިންގޓަން ނުހިމެނެއެވެ.

މުޅި އެމެރިކާއިން ޖުމްލަ 738،923 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ވޮޝިންގްޓަންގައި ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 11،802 ގައެވެ. އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު 39،015 އަށް އަރާފައިވާއިރު ވޮޝިންގްޓަންއިން 624 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


26

ސަޢީދު

21-Apr-2020

އެކަން ވަރަށް ރީއްޗަށް އެބައިނގޭދޯ ހަތްލަ ހަތްދިހަހާސްމީހުންނަވުރެ ފައްސިވީމީހުންގިނަ



ޓްރެންޑިން