ކޮވިޑްގެ ސަބަބުން މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ މުސްލިމް އަވައްޓެރީންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އިސްލާމް ދީނުގެ އިލްމުވެރިއެއް ކަމަށްވާ ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައިވަނީ ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެދިވަޑައިގަތުމުން ރައީސް ޞާލިޙު އެކަމާ ބެހޭގޮތުން މަޝްވަރާ ކުރަށްވަމުން ގެންދަވާ ޚަބަރާ ގުޅިގެންނެވެ.

"އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުންނާއި މެދު އިހާނެތި ގޮތަކަށް ކަންތައް ކުރެވެމުން ދަނިކޮށް، އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ، އެ އިހާނެތިކަމުން މުސްލިމުން ސަލާމަތް ކުރައްވަން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް." ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާހާ ހިނދަކު ﷲ ވޮޑިގެން ވަނީ އެބައިމީހުންގެ އެހީތެރިކަމުގައި ކަމަށް ޙަދީޘުފުޅެއްގައި އައިސްފައިވާކަމަށްވެސް ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19ގައި ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލްތަކާޢި އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާކަމަށާއި، ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންކަން ހަމަޖައްސައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ލަންކާގެ ރައީސްގެ ސިޓީފުޅެއްގައި އެދިވަޑައިގެންފައިވެއެވެ.

މިކަމަކީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމަށާއި، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން ވަރުގަދަ ވެގެން ދިއުމާއެކު، ސްރީލަންކާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމެއް ކަމުގައި ވެސް އެސީޓިފުޅުގައި ފާހަގަކުރަށްވާފައި ވެއެވެ.

މިސިޓީފުޅާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިހާރު ގެންދަވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ މެދުގައި އެކަމާ ބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އެންދުމަށެވެ. ނަމަވެސް އެގައުމުގެ މުސްލިމުން ދަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމާމެދު ނުރުހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު