ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއާއި ބޭރު ދުނިޔެއާއި ގުޅުވައިދޭ މައި ދޮރާށި ބަންދުކުރަން ޖެހުން ވެގެންދިޔައީ ދިވެހި ގައުމު މިހާތަނަށް ކުރަން ޖެހުނު އެންމެ ހިތްދަތި ތަޖުރިބާ އަށެވެ. މުޅި ގައުމުގެ އިޤުތިޞާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓުނީ އެވެ. ފަތުރުވެރިން އައުން ހުއްޓުނީއެވެ. ރިސޯޓުތައް ބަންދު ކުރަން ޖެހުނީއެވެ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލުނީއެވެ. ރާއްޖޭގެ އިޤުތިޞާދު ގާތްގަނޑަކަށް ހުއްޓުނީއެވެ.

އެހެންވީމާ ދިވެހި ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި އިންވެސްޓަރުން ވެސް މަސައްކަތް ކުރީ އަވަހަށް ގައުމުގެ ވައިގެ ދޮރާށި ހުޅުވައިލައިގެން ކޮވިޑާއެކީ ވެސް ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދާށެވެ. ކޮންމެއަކަސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި އިންވެސްޓަރުންގެ ހިތްވަރާ މަސައްކަތުން ރާއްޖޭގެ ވައިގެ ދޮރޯށިއަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެދެވޭ ރަނގަޅު ކުރިއެރުން ތަކެއް އެސިނާއަތަށް ލިބެމުންދިޔަ ނަމަވެސް މިއުނދަގޫ ދަނޑިވަޅުގައި އުނދަގޫ އުފުލައިގެން ރާއްޖެއަށް އަންނަ ހިތުން އަންނަ ފަތުރުވެރިންނަށް އެއަރޕޯރޓުން މަރުހަބާ ކިޔުމުގައި ފަތުރުވެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ މައްސަލަތަކެއް މިވަނީ ފާހަގަ ކުރެވެން ފަށައިފައެވެ.

އެކަމަކު، މިއަދު ދިވެހިރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފަތުރުވެރިންނާ ފުރަތަމަ ބައްދަލުކުރަނީ ފޫހި ކަމާއި މާޔޫސް ކަމެވެ. ދިވެހިރާއްޖެ އަންނަ ފަތުތުވެރިން އެމީހުން ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލާއި ހަމައަށް ނުދެވި އެއަރޕޯރޓްގައި ވަރަށް ގިނަ ވަގުތު ތިބެން ޖެހޭ ޖެހުމަކީ އެމީހުންނަށް އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ. މިއުނދަގޫ ދަތި ދަނޑިވަޅުގައި ވެސް ދިވެހި ރައްޖޭގެ ގުދުރަތީ ރީތިކަން ދެކިލަން، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިން އެތައް ގަޑިއިރެއް ވާންދެން އެއަރޕޯރޓްގެ ފޫހި މަންޒަރުތައް ބަލާން ވަގުތުތައް ހޭދަކުރަން ޖެހުމަކީ ވަރަށް ބޮޑު ފޫހި ކަމަކަށް ވާނެއެވެ.

ކޮވިޑަށް ފަހު ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިވަނީ ކުއްލިއަކަށް އިތުރުވެފައެވެ. އިތުރު އެއާލައިންތަކުން، އިތުރު ކަންކޮޅުތަކުން ދިވެހިރާއްޖެއަށް ދަތުރުކުރަން ފަށައިފިއެވެ. އެތައް ބަޔަކު ދިވެހިރާއްޖެ ޒިޔާރަތްކުރާ މި ދަނޑިވަޅުގައި، މެންދުރު ބާރަ ޖަހާއިރު އެއާޕޯޓަށް ފައިބާ ފަތުރުވެރިޔާއަށް ފަސް ހަގަޑިއިރުން ވެސް އެއަރޕޯރޓުން ސަލާމަތް ނުވެވި މުޅި ދުވަސް އެއަރޕޯރޓުގައި ހޭދަކޮށްފައި އިރުއޮއްސޭ ފަހުން ނުވަތަ އަނެއް ދުވަހު ރިސޯޓަށް ދެވޭ ނަމަ އެއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިން އެއާޕޯޓު ތެރޭގައި އަދި ޓީއެމްއޭ ޓާމިނަލްގައި ވެސް ގަޑިއިރުތައް ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ. ހަގީގަތަކީ، މި އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓު އޮތީ މާ ބޮޑަށް ތައްޔާރު ނުވެއެވެ. މިއީ ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަކަށް ވާތީ ވަގުތީ މުވައްޒަފުން ނަގައިގެން ނަމަވެސް އެންމެ އެދެވޭ ގޮތަށް ޚިދުމަތް ދެވެން ޖެހެއެވެ. އިމިގްރޭޝަނުން ސަލާމަތް ނުވެވިގެން ޑޮމެސްޓިކް ފްލައިޓް ނުވަތަ ސީ ޕްލޭން ފުރާއިރުވެސް ގަޑިއަށް ލައްވާ ނުލައި ފަތުރުވެރިއާއަށް ރިސޯޓާއި ހަމައަށް ނުދެވި މާލެ ސަރަހައްދުގެ ގެސްޓް ހައުސްއެއްގައި އެރޭ މަޑުކުރަން ޖެހުމަކީ ފަތުރުވެރިޔާ ވެސް ހިތްހަމަ ޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު މިއީ ތަކުރަރާުވަމުންދާ މައްސަލައެކެވެ.

އާންމު ގޮތެއްގައި ވެސް ޑިސެމްބަރު މަހަކީ އެއާޕޯޓަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރެވެ. އިއްޔެ ވެސް ރާއްޖެ އަށް 3،800 މީހުން އައިސްފައިވެ އެވެ. މިއީ ކޮވިޑްގެ ހާލަތާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އެއާޕޯޓު ހުޅުވައިލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން އައި ދުވަހެވެ. ބޯޑަރު ހުޅުވައިލިފަހުން މިހާރު އެއް ލައްކަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން