ޒުހައިރު   9 ޑިސެމްބަރު 2020 - 18:0
މޭލިޔަގެ ހަތް ބެއިންވެސް ނިސްބަތް މިވަނީ އައްޑޫއަށް ކަމަށް ތާރީޚީ ބައެއް ލިޔުން ތަކުން ހެކި ދެއެވެ. އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ އެންމެ އުތުރު ކޮޅުން އަތަރާ މިސްކިތުގެ ހުޅަނގު އުތުރުގައި ވަރަށް ފަހަކާ ޖެހެންދެން ބިޔަ މަހާނަ ގާތަކެއް ހުރިކަމަށް ވެއެވެ. މިގާ ތަކަށް އައްޑޫ މީހުން ކިޔައި އުޅުނީ އެއީ މޭލިޔަގެ ހަތް ބެއިންގެ މަހާނަ ކަމުގައެވެ.

މިހަތް ބެއިންނައަކީ މޭލިޔަ ވަރަށް ލޯބިން ގެންގުޅުނު ހަތް ކުދިންނެވެ. މިހަތް ބެއިންނަށް އަބަދުވެސް ދިމާވަނީ ވަރަށް ތަފާތު ކަންތަކާއެވެ. ނަމަވެސް މޭލިޔަ ކިތައްމެ ލޯބިން މި ހަތްބެއިން ގެންގުޅުނެއް ކަމަކު މި ހަތްބެއިންގެ ފަރާތުން މޭލިޔަކަށް އުފާވެރި ކަމެއް ނުލިބުނެވެ. މިހަތް ބެއިންވެސް މޭލިޔަ އަމާ ދެކެ ވަރަށް ލޯބި ވެއެވެ.

އެއްދުވަހަކު މިހަތް ބެއިން މާގަލުމަތީ އުޅެލާފަ ގެއަށް އައީ ވަރަށް ބަނޑުހައި ވެގެންނެވެ. ގެޔަށް އައި އިރު މޭލިޔަ އަމާ ހުރީ ވަރަށް މީރުކޮށް ކައްކާ ތައްޔާރު ކޮށްފައެވެ. ހަތްބެއިން އެކީ ކާންއަރާ ކާން ފެށިއެވެ. ދޮށްޓަށް ހުރި ދަރި ކެއުން ހުއްޓާލާފަ ބުނެލިއެވެ. "އަމާ އަމާ މިކެއުން ސަކަރާތެވެ. މީގައި ދެނީ ގުއި ރަހައެވެ." މޭލިޔަ އަމާ ހަމަ އަނގައިންވެސް ނުބުނެ އިންދައި ދެވަނަ ދަރިވެސް މިހެން ބުނެފިއެވެ. "އަމާ، އަމާ މީގައި ދެނީ ގުއި ރަހައެވެ." އުމުރުގެ ތަރުތީބުން ފަހަރަކު ކުއްޖަކު މިހެން ކިޔަމުން ގޮސް އެންމެ ހަގަށް ހުރި ދަރިވެސް މިހެން ކިޔައިފިއެވެ. އެހާ ހިސާބުން މޭލިޔައަމާ އެކަން ވީގޮތް ދަރިން ކޮޅަށް ކިޔައި ދީފިއެވެ.

"ތިޔަ ވީގޮތަކީ ރިހަކައްކާންވެގެން ހަވާދު ފުނޑަން އިންދާ މާގަލުމަތީ ބޮޑު ދޫނި އުދެހެމުން އައިސް ދައިގެ ކުނބަށް ގުޔެއް ވައްޓާލައިފި ދިޔައީ. ދޮވެ ދޮވެ އެ ގުޔެއް ނުފިލި. ލޮއެ ލޮއެ ވެސް ވަހެއް ރަހެއް ނުފިލި." މޭލިޔަ އަމާ އެއްނޭވާއިން ބުނެލިއެވެ.

އެހާ ހިސާބުން މިހަތްބެއިން ނިންމީ ކޮންމެހެންވެސް މިދޫނި މަރާލުމަށެވެ. އެގޮތުން އެމީހުން ނިޔަތް ގަތީ ދެން އިތުރަށް ބަނޑަށް އެއްޗެއް ލާނީ އެ ދޫނި މަރާލާފަ ކަމަށެވެ. ދުނި ދަނޑި އާއި ތީރު ހިފައިގެން ދޫނި ހޯދަން ނިކުތެވެ. ނަމަވެސް އެހަތް ބެއިންނަށް ދިމާވީ ވަރަށް ދެރަ ގޮތެކެވެ. އެދޫނި އެހަތްބެއިން ދިރުވާލީ ފެންފޮދަކާވެސް ނުލައެވެ.

ހަތްބެއިންގެ ޚަބަރެއް ނުވެގެން މޭލިޔަ އަމާ ދެރެވެގެން ހަތްރޭ ހަތްދުވާ ވަންދެން ރުއިމަވެސް ލޮލުން ފޭބީ އެންމެ ކަރުނަ ތިއްކެކެވެ. އެކަރުނަ ތިކި ހިކި ކެޔޮފަތެއްގައި ގޮތްޖަހާފައި ގޭގެ ބޮޑުފޮށީގެ އަޑީގައި ފޮރުވައި ފިއެވެ. ދުވަސް ކޮޅަކުން ބޮޑު ފޮށި ގުޑާވަރުން ނަގައިގެން ބެލިއިރު ކެޔޮފަތްކޮޅު ފަޅާލައިފައި ނިކުމެފައި ހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާއަށް މޭލިޔަ އަމާ ކިޔަން ނިންމީ ނަމަކީ "ކަރުނަފުޅު" އެވެ.

ކަރުނަ ފުޅު ބޮޑުވެގެން މޭލިޔަ އަމާ ދެރަވެފައި ހުރިވަރުން މޭލިޔަ އަމާގެ ހަތްބެއިން ކާލި ދޫނި މަރާލަން ނިންމާ އެކަމަށް ނިކުތެވެ. ކޮންމެ އަކަސް މި ކަރުނަފުޅު އެދޫނި މަރާލާ ބަނޑުފަޅާ ބެލިއިރު މި ހަތްބެއިން ތިބީ ބޮޑު ދޫނީގެ އެކި ސައިޒްގެ ބިސްތައް ނަގައިގެން ކުޅިވަރު ކުޅޭށެވެ. ނިކަން އަވަހަށް މޭލިޔަ އަމާ ގާތަށް ދިޔައިރު މޭލިޔަ އަމާ ހުރީ މުސްކުޅިވެ މަރުވާން ކައިރިވެފައެވެ. އެމީހުންނަށް މޭލިޔަ އަމާއަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނީ އެއްކަލަ މާގަލުމަތީ ދޫނީގެ ސަބަބުންނެވެ.

އަޅެ ފަހެ އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިސް ހަތް މެމްބަރުންގެ ހާލަކީވެސް މީތޯއެވެ؟ މާގަލުމަތީ ދޫނި ހަމަ އަދިވެސް އެމީހުން ދޫކޮށް ނުލައި ހިފަހައްޓައިގެން އުޅެނީތޯއެވެ؟ ދެން އެހެން ކަމަށްވާނަމަ މޭލިޔަގެ ކަރުނަފުޅު ފަދަ ދަރިއަކު އައްޑޫއަށް އުފަންވަންދެން ހަމަ މިގޮތުގައި ތިބެން ވީތޯއެވެ.

މިވާހަކަޔަށް ރިއާޔަތް ކުރާނަމަ އައްޑޫ އަކީ ހަމަ މޭލިޔަ އެވެ. އެހެންކަމަށް ވާނަމަ މާގަލުމައްޗަކީ މަޖިލީސް ނަމަ ދެން ބޮޑު ދޫންޏަކީ ކާކު ތޯއެވެ؟ އަޅެ ފަހެ މި މޭލިޔަގެ ހަތްބެއިން މޭލިޔަ އަމާ އަށް ކަމެއް ކޮށްދޭނީ ކޮންދުވަހަކުން ބާއެވެ. ހަމަ ބޮޑު ދޫނި ބޭނުންވާ ގޮތަށް ބިހާއި ކުޅެލަ ކުޅެލައި ތިބޭނީ ތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު


2

ޔައުގޫބު

18-Dec-2020

ލިޔަމުންދޭ! ކިޔަމުންދޭ! ވިސްނައިދެމުންދޭ! ވިސްނަމުންދޭ! "މޭލިޔަ" އެއީ ކޯޗެއް؟ ނޫނީ ކާކު؟ މޭލިޔަގެ ކަރުނަ ކަރުނަފުޅަށް ބަދަލުވީ ކީއްވެގެން؟



ޓްރެންޑިން