.
.
ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި، ދުނިޔޭގެ ތެޔޮ ސަޕްލައިކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭނެކަމަށް ބުނެފިއެވެ.

އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ދޭން ނިންމާފައި މިވާ އެމަރޖެންސީ ލޯނުގެ އެހީއަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ދޭ ލޯނު އެހީއެކެވެ.

ކޯވިޑް-19 އާއި ގުޅުވައިގެން މި ފަންޑުގެ ބޯޑުން ވަނީ ސަރުކާރުތަކަށް 130.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ނިންމާފައެވެ. ރާއްޖެއަށް ދިން ލޯނު އެހީއަކީ މި ބައިގެ ތެރެއިން ދީފައިވާ ލޯނެކެވެ. ރާއްޖޭގެ އިތުރުން، މިސްރާއި، ޓެންޒޭނިއާއާއި، މާލީ އަދި ނިކަރަގުއާއަށް ވެސް ލޯނު ދިނުމަށް އޯޕެކް ފަންޑުން ވަނީ ނިންމާފައެވެ.

އޯޕެކް ފަންޑުގެ ޕަބްލިކް ސެކްޓަރ ލޯނުތަކަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އެޖަމިއްޔާއިން ދޭން ނިންމާފައިވާ 390 މިލިއަން ޑޮލަރުގެ ފަންޑިންގ ޕެކޭޖެއްގެ ތެރެއިން ދޫކުރާ ލޯނުތަކެކެވެ.

ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ދާއިރާ މުޅިން ހުއްޓުމަކަށް އައިސްފައިވާއިރު، ދިވެހިރާއްޖެއިން ދަނީ މާލީދަތިތަށް ފޫބެއްދުމަށްޓަކައި އެކިތަންތަނުން މާލީ އެހީތެރިކަމަށް އެދެމުންނެވެ.

އެގޮތުން، ރާއްޖެއިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވެސް އެހީތެރިކަމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން