މޮޑަރނަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގައި އެދެފިއެވެ.

މޮޑަރނަރ ގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދިނުމުގެ ކުރިން ވެކްސިންގެ ދިރާސާ ތަހުލީލު ތަކުގެ ނަތީޖާ އިން، މިވެކްސިނުން ކޮވިޑުން ރައްކާތެރިވާނޭ ކަމަށް ދައްކާފައިވާ ނަތީޖާގެ އިތުރުން މިވެކްސިނުން ކޮވިޑް ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުން ކޮންޓްރޯލް ކުރެވޭ މިންވަރަށް ރިޢާޔަތް ކުރެވޭނެއެވެ.

މިވެކްސިން ބޭނުން ކުރުމަށް ހުއްދައަށް އެދިފައިވަނީ، ހޯމަ ދުވަހު އާންމު ކޮށްފައިވާ މޮޑަރނަރ ކުންފުނީގެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3ގެ ދިރާސާ ތަހުލީލުގެ ނަތީޖާގެ އާ ޑާޓާ ތަކާއެކުއެވެ. މިގޮތުން މިވެކްސިންގެ މިތަހުލީލުތަކުގައި 15،000 މީހުންނަށް ވެކްސިން ދީފައިވާއިރު އިތުރު 15،000 މީހުންނަށް ޕްލަސީބޯ އެއްދެވިފައިވެއެވެ. އަދި މިވެކްސިންގެ ނަތީޖާއިން ވެކްސިންގެ 94.1 އިންސައްތަ ރައްކާތެރިކަމަށް ދައްކާފައިވެއެވެ.

މިވެކްސިންގެ ނަތީޖާއިން ދައްކާފައިވާ ޑާޓާ ތަކަކީ ވަރަށްވެސް ފުރިހަމަ ޑާޓާ ތަކެއްކަމަށް އެމެރިކާގެ އެފްޑީއޭ ގެ އެޑްވައިޒަރީ ކޮމިޓީ އިން ވަނީ ހާމަކޮށްފައެވެ.

މޮޑަރނަރ ކުންފުނީގެ އިތުރުން ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް އެމެރިކާގެ އެފްޑީއޭގައި ވަނީ އެދިފައެވެ. އެފްޑީއޭއިން ފައިޒަރ ކުންފުނީގެ ވެކްސިން ރިވިއުކުރުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހަށެވެ. އަދި މޮޑަރނަރ ކުންފުނީގެ ވެކްސިން ރިވިއުކުރުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހަށެވެ.

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭއިން ދިނުމުން، އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އިން މި ވެކްސިން ދިނުމުގައި އިސްކަމެއް ދޭންޖެހޭނީ ކޮންބަޔަކަށްކަން ނިންމާ އިއުލާން ކުރާނެއެވެ.

މީގެ އިތުރުން، ކޯވިޑް-19 އިން ސަލާމަތްވުމަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 10 ވެކްސިނެއް އަންނަ އަހަރުގެ މެދުތެރޭގައި ލިބޭވަރުވާނެ ކަމަށް ދުނިޔޭގެ ފަރމަސޫޓިކަލް އިންޑަސްޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން