އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޒިޔަތު މީގެ ކުރިން ވަނީ ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޒިޔަތު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް ލުއި އަދަބު ކަނޑައަޅާ ގޮތަށް އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައެވެ. އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައި ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ ދައުވާ ތަކަށް އިއުތިރާފު ވެފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޒިޔަތު ބުނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ ޚިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށްވެސް އަދި ނުސީދާ ގޮތަކަށްވެސް އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ވަނީ ނިންމާފައެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށެވެ.

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަހެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކޮށްފަ އެއްބައި ކަން ފާހަގަކޮށްލެވެއެވެ. އެއަށްފަހު ކުރާ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހަތަރުބައިކޮށްފަ އެއްބަޔެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް ވަނީ އިއްވާފައެވެ. ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ހިނގަމުން ދާއިރު އޭނާ މިހާރު ހުރީ ގޭބަންދަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން