ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވިގެންދާ މި ދަނޑިވަޅަކީ ވަރލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިހެން ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަޑާޑް ޒާވޮސް އަދި ކަންޓްރީ މެނޭޖަރު ޝިއޯ ކަންޑާއާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އެގޮތުން، ފާއިތުވި 45 އަހަރު ތެރޭގައި މެދުކެނޑުމެއް ނެތި ވަމުން އަންނަ އެހީ އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮވިޑް-19ގެ މި ދުވަސްވަރު ވޯލްޑު ބޭންކުގެ އެއްބާރުލުން ކުރިއަށް ވުރެ ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވެދެއްވާނޭކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ވަރލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއިއެކު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، އެ ޖަމުޢިއްޔާގެ އެހީގައި އެ މުއްދަތުގައި ދިވެހިރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫޢެއް ހިންގިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، މިހާރުވެސް ވަރލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ޙާއްޞަ އަހައްމިއްޔަތު، ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ މި ޙާލަތުގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވަރލްޑް ބޭންކް ހިމެނޭކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ދިވެހިރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫޢުތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ވަނީ އެ ޖަމުޢިއްޔާއަށް ޝުކުރުއަދާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ވަފުދުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމަށް އެވަފުދުން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ދިމާވި ދަތިކަމުގައި އެހީވި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރޭގައި ވޯލްޑް ބޭންކު ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ. ވޯލްޑު ބޭންކުން ވަނީ މިހާތަނަށް ރާއްޖޭގެ 32 ޕްރޮޖެކްޓަކަށް 295 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން