ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާ މެންބަރު ޖީހާން މަޙުމޫދު
ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާ މެންބަރު ޖީހާން މަޙުމޫދު
ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ކުރާ ކުށެއްގެ އަދަބެއްގެ ގޮތުގައި މަރުގެ އަދު ކަނޑަނޭޅޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ޤާނޫނު އިސްލާހުކުރުމަށް ހުށައަޅައިފިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނު އިސްލާހުކުރުމަށް ހުށައެޅުއްވީ ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާ މެންބަރު ޖީހާން މަޙުމޫދެވެ.

ޖީހާނު ވަނީ މީގެ އިތުރަށްވެސް ގިނަ އިސްލާހުތަކެއް ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅުއްވާފައެވެ. ބައެއް މާއްދާތައް އެބިލަށް އިތުރުކޮށް އަނެއްބައި މާއްދާތައް އުނިކުރުމަށް އޭނާ ހުށައެޅުއްވިއެވެ. އެގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ހިންގި ޖަރީމާއަކަށް މަރުގެ އަދަބު ދިނުން މަނާކުރުމަށް އޭނާ ވަނީ އިސްލާހު ހުށައަޅުއްވާފައެވެ.

ޖީހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އުމުރުން 18 އަހަރުވުމަށް ފަހުގައިވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވާ ކުށަކާއި ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. މަރުގެ އަދަބު ޤާނޫނެއްގައި ކަނޑައަޅާފައިވާ ކުށެއް ކުއްޖަކު ހިންގައިފިނަމަ، މި އިސްލާހުގެ ދަށުން އެ ކުއްޖަކަށް ކަނޑައެޅޭނީ މަރުގެ އަދަބާ ޖެހިގެން ދެން ކަނޑައަޅާފައި އޮންނަ އެންމެ ބޮޑު އަދަބުގެ ހަތަރު ބައިކުޅަ އެއްބައަށްވުރެ ބޮޑު ނުވާނެ އަދަބެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން މި ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުދިން ވަކި ތަނެއްގައި ބަންދުކުރުމުގެ ބަދަލުގައި އެ ކުދިންގެ ބެލެނިވެރިންނާއި ޢާއިލާ ގާތުގައި ގޭގައި ބަންދުގެ މުއްދަތުގައި ބޭތިއްބުމަށް ބާރުއަޅާ އިސްލާހެއްވެސް ޖީހާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރާ ހާލަތުގައިވެސް ކުއްޖާ ގޭގައި ބެހެއްޓުމުގެ އިޚުތިޔާރު ޤާޟީއަށް ދިނުމަށް އިސްލާހުގައި ވަނީ ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު