އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
ރާއްޖެ ތަރައްގީ ކުރެވޭނީ މާޒީގެ ދަންތުރަ އިން ނެއްޓިގެން ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރި، 1953 ވަނަ އަހަރުގެ ތާރީޚުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ކޮށްފައިވާ އަމަލުތައް ބެލޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލު އިސްލާހުކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ހުށައަޅާފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެކަމަށް އިޝާރަތްކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރައީސް ޔާމިންގެ ރަނިންގމޭޓް، ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ 1953 ވަނަ އަހަރުގެ މީހުން ދުނިޔޭގައި ނެތްއިރު މާޒީ ފަހައި ދުވުމުގެ ބަދަލުގައި ގައުމު އެއްބައިވަންތަކޮށް އަމާޒު ހިފުން ކީއްތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

"ގައުމު ތަރައްގީ ކުރެވޭނީ މާޒީގެ ދަންތުރަ އިން ނެއްްޓިގެން." އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޝަހީމް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލްގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާ ބިލެއް ކަމަށެވެ.

އެހެން ނަމަވެސް ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ފާސްކޮށްފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ. އެގޮތުން އެމުއްދަތުގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިޔަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

މިބިލުގެ ދަށުން އެގޮތަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް އުފައްދައި، ތަހުޤީގު ނިންމާ ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ޕީޖީން ގޮތެއް ނިންމަންޖެހެ އެވެ. އަދި 45 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ކޯޓުން ނިންމާ ހުކުމް ކުރަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މި ޤާނޫނުގެ ދަށުން މާލީ ބަދަލާއި، ވަޒީފާ ގެއްލުމުގެ ސަބަބުން ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ނަގައިދިނުމުގެ އިތުރުން ލިބިފައިވާ އަނިޔާއަށް ފަރުވާހޯދުމަށް ކުރި ޚަރަދުގެ ބަދަލުވެސް ނަގައިދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން