މައްސަލަ ބޮޑުވި ސެލްފީ
މައްސަލަ ބޮޑުވި ސެލްފީ
ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މެރެޑޯނާގެ މަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ނަމަވެސް މެރެޑޯނާގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔަ "ފިއުނަރަލް ހޯމް"ގެ މުވައްޒަފަކު ކުރި ކަމެއްގެ ސަބަބުން އެންމެންގެ ހިތްތަކަށް ވެރިވެފައިވާ ހިތާމަ މިވަނީ ބޮޑު ރުޅިވެރިކަމަކަށް ބަދަލުވެފައެވެ.

މެރެޑޯނާގެ މަރާއެކު ގިނަ ބަޔަކު ހިތާމަކުރަމުން ދަނިކޮށް އެކަން ރުޅިވެރިކަމަކަށް ބަދަލުވެގެންދިޔައީ، މެރެޑޯނާގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔަ ފިއުނަރަލް ހޯމްގެ މުވައްޒަފަކު ނެގި ސެލްފީއަކާއެކުއެވެ. މެރެޑޯނާގެ ފުރާނަނެތް ހަށިގަނޑާއެކު އޭނާ ސެލްފީ ނަގާފައިވަނީ އިނގިލިން "ތަނބްސް އަޕް" ނިޝާން ނުވަތަ "ބަރާބަރު"ކަމަށް ދޭހަވާފަދަ ގޮތަކަށެވެ.

ކްލައުޑިއޯ ފެނާންޑޭޒް ނަމަކަށް ކިޔާ މިމީހާ ނެގި ސެލްފީ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމައިގައި ތިބި މެރެޑޯނާގެ ސަޕޯޓަރުން ވަނީ ރުޅި އައިސްގެން ކެކި އަރާފައެވެ.

މިމައްސަލަ ހޫނުވުމާއެކު ސެލްފީ ނެގި މީހާ ވަނީ ވަގުތުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭނާ ވަނީ ކުރެވުނު ދަށު ދަރަޖައިގެ އަމަލަށް އެންމެންގެ ކިބައިން އާދޭހާއެކު މައާފަށް ވެސް އެދިފައެވެ.

ފެނާންޑޭޒް ބުނީ އޭނާ ކުރި ކަންތައްތަކުގެ ސަބަބުން މަރުގެ އިންޒާރުވެސް ލިބެމުން އަންނަކަމެވެ.

މެރެޑޯނާގެ އަރިސް މީހުން ބުނީ މިކަން ކުރި މީހުންނަށް ހައްގު އަދަބު ނުދީ ހުއްޓާނުލާނެކަމަށެވެ.

މިދިޔަ ބުދަ ދުވަހު އުމުރުން 60 އަހަރުގެ މެރެޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ވަޅުލާފައިވަނީ އޭނާގެ މަންމައާއި ބައްޕަ ވެސް ވަޅުލާފައިވާ ގަބުރުސްތާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން