ކުރީގެ ރައީސް އަބުދު ﷲ ޔާމިން
ކުރީގެ ރައީސް އަބުދު ﷲ ޔާމިން
އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ހިންގެވި ކަން ސާބިތުވެ ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް ފަސްއަހަރުގެ ހުކުމެއް އިއްވިތާ މިއަދަށް އަހަރެއް ފުރުނީއެވެ. ރައީސް ޔާމިންގެ މައްޗަށް ޖަލުގެ ހުކުމެއް އިއްވުން ވެގެންދިޔައީ އިދިކޮޅު ޕީޕިއެމްއާއި އެމަނިކުފާނަށް ވޯޓް ދެއްވި 96000 ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސް ކަމަށެވެ. އެދުވަހު ރައީސް ޔާމިންގެ ސަޕޯޓަރުންގެ ލޮލުން ކަރުނަ އޮހޮރިގެންދިޔައެވެ. ރައީސް ޔާމިން ޖަލުން މިނިވަންކުރަން ދެން އެމަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީން ކަން އެދުވަހު ސަޕޯޓަރުން ދިނެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމިނަށް ޖަލުގެ ހުކުމް އިއްވުން ވެގެންދިޔައީ ޕީޕިއެމްގެ ލީޑަރޝިޕަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. ކުރިމަތިވި ވަރަށް ބޮޑު ފަޅުކަމަކަށެވެ. އިދިކޮޅުގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ލީޑަރު ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމާއެކު އިދިކޮޅުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަން ކުރަންޖެހުނީ އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތަށެވެ.

ރައީސް ޔާމިންގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅުން ފެށި މަސައްކަތުގައި ބޭއްވި މުޒާހަރާތަކާއި އިހުތިިޖާޖްތައް ސަރުކާރުގެ ފިއްތުން ތަކާއި އެކު އެެދެވޭ ގޮތެއްގައި ކުރިއަކަށް ނުގެންދެވުނެވެ. އެހެން ނަމަވެސް ޕީޕިއެމްގެ "ދެ ދޮރު ދޭތެރޭގައި" ބޭއްވި އިހުތިޖާޖްތަކުގައި ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އެއްވުންތަށް ބާއްވަމުންދިޔައެވެ. އެ އިހުތިޖާޖްތަކުގައި މަދުބަޔަކު ބަައިވެރިވި ނަމަވެސް އެ ސަޕޯޓަރުންގެ އަޒުމަކަށް ހިތްވަރަކަށް ބަދަލެއް ނާދެއެވެ.

ބައެއް ރޭރޭ ޕީޕިއެމްގެ "ދެ ދޮރު ދޭތެރޭގައި" ބާއްވާ މުޒާހަރާތަކުގެ ބައިވެރިން މަގުމައްޗަށް ނިކުމެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާފައިވެއެވެ. ރައީސް ޔާމިން ޖަލަށް ލެވުނު ފަހުން އެމަނިކުފާނު ކުރިން ވިދާޅުވި "މިނިކާ ބާޒުތައް" ވަނީ ޕާޓީއަށް ސަވާރުވެފައެވެ. އެންމެ ފަހު ތަގުރީރުގައި ރައީސް ޔާމިން ވަނީ މިނިކާ ބާޒުތަކަށް ފުރުސަތު ނުދެއްވުމަށް ވަސިއްޔަތް ކުރައްވާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގަޔާއި ކަނޑުމަތީގައި ވެސް ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލައި އިހްތިޖާޖްކޮށްފިއެވެ. ރައީސް ޔާމިނަށް ޖަލު ހުކުމް އިއްވިތާ އަހަރު ފުރުން ފާހަގަކުރުމަށް ޕީޕިއެމްގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ސަޕޯޓަރުން ވަނީ ކަނޑުމަތީގައި އިހުތިޖާޖް ކުރަން ނިއްމާފައެވެ. ރައީސް ޔާމިންގެ ހުކުމަށް އެއް އަހަރު ފުރުމާއި ދިމާކޮށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމްގެ އިހުސާސްތަށް ވަނީ ބަންޑުކޮށްލައްވާފައެވެ.

"މިއަދަކީ ރައީސް ޞާލިޙުގެ ޚުދުމުޚުތާރު ސަރުކާރުން ރައީސް ޔާމިން ޖަލަށްލިތާ އެއް އަހަރު ފުރުނު ހިތާމަވެރި ދުވަހެވެ. ދުވަހުގެ އިރު ދިވެހި ގައުމުގެ އުދަރެހުން ފާއްދާލީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ޢަދުލު އިންޞާފެއް ތަނުގައި ނެތް ކަމުގެ ހިތްދަތި އިޙުސާސް ކުރަމުންނެވެ. އަނިޔާވެރިކަމުގެ ހައްދެއް ނެތްކަމުގެ ތަޖުރިބާ ކުރަމުންނެވެ." އަބުދުއްރަހީމް ވިދާޅުވެފައި ވެއެވެ.

އަބުދުއްރަހީމް ވިދާޅުވީގައުމުގެ ޙާލުގެ ދުލުން ގޮވަމުންދަނީ މި އަނިޔާވެރިކަމާ މަކަރުވެރި ކަމާ ޙީލަތްތެރިކަމުގެ ކެހިވެރި މަޅިގަނޑުން މި ގައުމު ސަލާމަތް ކޮށްދެވޭ ވަރުގެ ގާބިލް މުވާޠިނަކަށް ކަމަށެވެ. އަބުދުއްރަހީމްގެ ޓުވީޓްގައި ރައީސް ޔާމިން ގެންގުޅުއްވި ސިޔާސަތުތައް ހާމަކުރައްވާފައިވެއެވެ.

ރައީސް ޔާމިންގެ ހަގީގީ ސަޕޯޓަރުންނާއި ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ނަފާތަކާއި މަންފާތައް ލިބިފައިވާ މީހުން މިއަދު ކޮންމެވެސް ވަރަކަށް ވަކި ކުރެވޭހާ ވެސް އެފަދަ މީސްމީހުންގެ އަޑެއް ނެތެވެ. ބޮޑެތި ކުންފުނިތަކުން ބައި އެޅެމުން ދިޔަ މީހުން ވެރިކަން ނުމުމާއެކު ހޮރަށް ވަދެ ގެއްލުނު ގޮތަށް ވީ ނުވީއެއް ނޭނގެއެވެ. އޭރު ހެސްކިޔާފައި ބޮޑެތި ބަސްތައް ބުނެ އުޅުނު ބިޔަ ވަޒީރުން ވީ ތަނެއް ވެސް ނޭނގެއެވެ. އޭރު ބޮޑެތި "ކަޓް" ތައް ނަގައިގެން އަމިއްލަ ޖީބުތަކަށް ބަރުކޮށް ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ފްލެޓްތަކާއި ބިންތައް ހޯދި ކަމަށް ބުނާ މީހުންގެ ވަސްވެސް ނެތެވެ. އޭރު ބާރަށް ހަޅޭއްލަވާފައި އުޅުނު ގިނަ މީހުން މިއަދު އަމުދުން ނެތެވެ. އޭރު މިނިސްޓްރީ ތަކާއި ރައީސް އޮފީހުގައި އަރިހުގައި "ގުދަށް އަތްއަޅައިގެން" ތިބި މީހުން ވަތް ވަލެއް ވެސް ނޭނގެއެވެ. އެ ފަސްއަހަރުގެ ތެރޭގައި މެޑަމް ފޫބުޑުން ނުފިލާ އުޅުނު ރޫފަ ހެއު ބޭފުޅުން ކޮޅު ވީ ރާއްޖެއެއް ވެސް ނޭނގެއެވެ.

އެވެރިން އެކިޔާ "ފިނިފެންމާ" ސައީދާ އަދުރޭއާއި މުއިއްޒުއާއި އާދަމް ޝަރީފާއި ޣައްސާން ނޫނީ ދެން ކުރީ ސަފުން ފެންނަމުންދަނީ ރައީސް ޔާމިން ވިދާޅުވި ކަހަލަ "ބާޒު" ތަކެވެ. މިނަންތަކުގެ ތެރެއިން ބައެއް ބޭފުޅުންނަށް ރިޔާސީ ޓިކެޓާއި ރަނިންގ މޭޓްގެ މަގާމުވެސް ފެންނާތީ އުޅެނީ ކަމަށް މީސް މީޑިއާގައި މީހުން ކިޔަސް، އެވެރިންވާ އެބައުޅޭތާއެވެ. ޔާމިންގެ ފަސްއަހަރު ދެއަތް ކައިރި ނުވެގެން އުޅުނު މީހުންނާ ދެފައިކޭޓުން އަތް ނުނެގިގެން އުޅުނު މީހުން ޖެހުނުތާ ލަކުނުވެސް ނެތީއެވެ.

ރައީސް ޔާމިނަށް ފާޅުގައި ތާއީދުކޮށް އަމިއްލަ ނަމާއި ފޮޓޯ ޖަހައިގެން މިއަދު ބަހެއް ބުނެލާން ކެރުނީ މަދު ބަޔަކަށެވެ. މީގެ ތެރެއިން ބައެއް މީހުން މިއަދު ހަނދާން އާކޮށްދެނީ ރައީސް ޔާމިން ގެނަސްދިން ދިރިހުރި ތަރައްގީގެ މިސާލު ތަކުންނެވެ. ހުޅުލެއާއި މާލެ ގުޅުވާއިދޭ ބިޔަ ބްރިޖާއި ހުޅުމާލެއިން ފެންނާން ހުރި ފްލެޓްތަކާއި ޓަވަރު ތަކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ މައި އިމާރާތެވެ. ވެލާނާ އެއަރޕޯރޓްގައި އެންމެ ބޮޑު މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ހެދި ރަންވޭއެވެ. ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމު ކުރުމާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތުގެ ވާހަކައެވެ.

އަނެއް ބަޔަލު ދައްކަނީ ރައީސް ޔާމީންގެ މޮޅު އިގްތިސާދީ ވިސްނުންފުޅާއި ޕްލޭން ތަކުގެ ވާހަކައެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ހިންގަންފެށި މަޝްރޫޢު ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފައިސާ ދައުރުވެ ކުރާނެ މަސައްކަތްތައް ލިބި އިގުތިސާދު ހިނގައިގަތް ވާހަކައެވެ. ފައިސާ ހޯއްދަވަން އެނގިވަޑައިގަންނަވާ ވާހަކައެވެ. ލާރި ހުރި ގައުމުތަކާއި ގުޅުން ބަދަހިކޮށް އެމީހުން އަތުން އެހީ ހޯދަން އެނގިވަޑައިގަންނަވާ ވާހަކައެވެ. ވަކި ގައުމެއް ދެކެ ބިރުން އެގައުމު ބުނާހާގޮތް ހަދައިގެން ގޮނޑިކޮއްކޮ ހެދިގެން ނޫޅުއްވާ ވާހަކައެވެ.

މިވާހަކަތަކަށް ރަށްދުދޭ މީހުން ވެސް މަދެއް ނޫނެވެ. މިދެންނެވި މީހުން ދައްކަނީ ރައީސް ޔާމިންގެ އަނިޔާވެރިކަމުގެ ވާހަކައާއި ވައްކަމުގެ ވާހަކައެވެ. އެބުނާ ތަރައްގީއާ އެއްވަރަށް ނުވަތަ އެއަށްވުރެ މާ މައްޗަށް ވައްކަން ކޮށްފައިވާ ވާހަކައެވެ. ގައުމު ދަރުވާލާފައިވާ ވާހަކައެވެ.

ރައީސް ޔާމީންގެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނައި ނުފޫޒު ފޯރުވާ ވާހަކައެވެ. އިންސާފު ލިބިވަޑައި ނުގަންނަވާ ވާހަކައެވެ. އަނިޔާ ދޭ ވާހަކައެވެ. ރައީސް ޔާމިނަށް ނުހައްގުން ކުރާ އަނިޔާ ހުއްޓާލުމަށް ގިނަ ސަޕޯޓަރުން ވެސް ދަނީ ގޮވާލަމުންނެވެ. ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންދާއިރު ސަރުކާރުން މިހާރު ވަނީ އެމަނިކުފާނު މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ޖަލު ހުކުމެއް އިއްވި ނަމަވެސް ރައީސް ޔާމިން ސަޕޯޓަރުން އަދިވެސް ތިބީ އެމަނިކުފާނު މިނިވަންވެ އަލުން ރައީސް ކަމަށް ވަޑައިގެން އަނެއްކާވެސް ތަރައްގީގެ އާ އުސްމިންތަަކަކަށް ރާއްޖެ ގެންގޮސްދެއްވާނެކަމުގެ ފޮނި އުއްމީދުގައެވެ.

ގިނަ ބަޔަކު ބުނަނީ މިހާތަނަށް ޖަލަށް ވެންނެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ހިތްވަރުގަދަ ބޭފުޅަކީ ރައީސް ޔާމިން ކަމަށެވެ. ޖަލުގައި ހުންނަވާތާ އެއް އަހަރުވެގެން ދިޔައިރު ބޮޑު ބައްޔެއް ހުރެގެން އެކަށީގެންވާ ފަރުވާ ލިބިވަޑައި ނުގަންނަވާތީ އެކަމުގެ ޝަކުވާއެއް ކުރަށްވާތީ އަޑެއް ނީވެއެވެ. ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސް ކުރަށްވާ ފަދަ ބައްޔެއް ހުރިކަމަށް ބުނި ނަމަވެސް ސަރުކާރަށް އާދޭސްކޮށް ވަޒީރު އިމްރާނުގެ ކުރިމަތީގައި ކުޑަވެ ކުޑަކަކޫ ޖަހައިގެން ބޭރަށް ފޮނުވައިދޭތޯ އާދޭސް ދަންނަވާތީ އަޑެއް ނީވެއެވެ. އަދި ސަރުކަރާއި ވަޒީރު އިމްރާނާއި އެކު ޑީލް ހައްދަވައިގެން ނުވަތަ އެވެރިން ބޭނުންހާ ގޮތަކަށް އަމަލު ކުރަށްވައިގެން ގެއަށް ބަދަލު ވާން އުޅުއްވާ އަޑެއް ވެސް ނީވެއެވެ. އިމްރާން ބައެއް ފަހަރު ދައްކަވާ ވާހަކައިން ރައީސް ޔާމިން އެފަދައިން އާދޭސް ނުދަންނަވާތީ މާޔޫސް ވެގެން އުޅުއްވާ ކަމަށް ވެސް ބައެއް ބޭފުޅުން ސިފަ ކުރަށްވައެވެ.

ރައީސް ޔާމީން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނު ޖަލުގައި ކިތަންމެ ދުވަހަކު ހުންނަވާން ޖެހުނަސް ބައެއްގެ ދަށުވެގެން ޑީލް ހައްދަވައިގެން ނުނުކުންނަވާނެ ކަމަށެވެ. އެފަދަ ފަރާތްތަކުން ވިދާޅުވަނީ އެމަނިކުފާނު ބައްލަވާނީ ފުރުސަތަކަށެވެ. ޖަލުން ނުކުމެ ވަޑައިގެން ހަމަ ފައިމައްޗަށް ތެދުވެ ހިންދެމި ލެއްވޭނެ ދުވަހަކަށެވެ. އެދުވަހަކުން ވަރުގަދަ ބަދަލަކުން ބަދަލު ހިއްޕަވާނެކަމަށް މިދެންނެވި ބޭބޭފުޅުން ޔަގީން ކުރަށްވައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ޔާމިންގެ ސަހުސިއްޔަތަކީ ވަރަށް ތަފާތު ސަހުސިއްޔަތެކެވެ.

އެހެން އެކަން ވެއްޖެ ނަމަ ރާއްޖޭގައި ވެރިކަން ކުރާ އެންމެންގެ ނިމުން އަންނާނީ ޖަލު ގޮޅިއަށް ކަމަށް ބެލެވެއެވެ. މިއަދު އިދިކޮޅު ފަރާތްތަކުން އެބުނާ ފަދައިން އެމަނިކުފާނަށް "އަނިޔާ" ދިން މީހުން މާދަމާ ނިމޭނީ ޖަލު ގޮޅިއަށެވެ. އެހެން ވެއްޖެއްޔާ މިގައުމުގެ މުސްތަގުބަލް އެ ދަތުރުކުރަނީ ވަރަށް ނުރައްކާ ދިމާއަކަށެވެ. މާޒީން ތަސައްވަރު ކުރެވޭ ބޮޑު މަންޒަރު އެހާ ސަޅިއެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން