"ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020 ރަސްމިއްޔާތުގައެވެ. މިއީ މި އެވޯޑް ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީހުގައި ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގައި ފަތުރުވެރިކަމަށް މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.

ރާއްޖެއަށް މި އެވޯޑް ލިބުމާއި ގުޅިގެން ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް މި އެވޯޑް ލިބުމަކީ، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއްކަމަށެވެ.



ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.



ވޯލްޑް ޓްރެވަލް އެވޯޑްސް ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވިދާޅުވީ، ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިންގ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ރާއްޖެއަށް ވޯޓުދިން އެންމެހައި ފަރާތްތަކާއި، ޓްރެވެލް އިންޑަސްޓްރީގެ ހުރިހާ ޕާޓްނަރުންނަށް މި އެވޯޑް ރާއްޖެއަށް ހޯދައިދިނުމަށް ކުރެއްވި ބުރަ މަސައްކަތަށް ތައްޔިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ 4 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން، ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން އަދި ލީޑިންގ ޑައިވް ޑެސްޓިނޭޝަންއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން