ޞާދިރު ޢަލީދީދީ   27 ނޮވެމްބަރު 2020 - 19:30
ޤިޔާމަތުގެ ޢަލާމާތްތައް
ޤިޔާމަތުގެ ޢަލާމާތްތައް
ކުރީގެ އަދަދާއިގުޅޭ

3. ބިމުގެ ދާއްބަ

ބިމުދާއްބަ ފާޅުވުމީ ޤިޔާމަތް ކައިރިވުމުގެ ޢަލާމާތެއްކަން الله سبحانه وتآلى ވަނީ ކީރިތި ޤުރްޢާންގައި އަންގަވާފައެވެ. އެގޮތުން ނަމްލު ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އެބައިމީހުންގެ މައްޗަށް އަހަރެންގެ ބަސް (ޤިޔާނަތްވުމުގެ ވަޢުދު) ފުރިހަމަކުރެއްވުމަށް އެމީހުންނަށްޓަކައި ބިމުގެދާއްބަ އަހަރެން ނެރުއްވާނަމެވެ. އެ ބިމުގެ ދާއްބަ އެހެންމީހުންނާ ވާހަކަ ދައްކާނެއެވެ. އެއީ އެމީހުން ތިމަން ﷲ ގެ އާޔަތްތައް (ކަލިމަފުޅުތައް) ޔަޤީން ނުކުރާތީއެވެ." މިފަދައިންނެވެ.

ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި عبد الله بن عمرގެ ކިބައިން ރިވާވެގެންވެއެވެ. ބިމުގެދާއްބަ ފާޅުވާނީ ބިމުގައި ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް ހަދާ އެއްވެސް މީހަކު ނެތުމުންނެވެ.

ބިމުގެދާއްބައަކީ އާދަޔާޚިލާފު، ޢަޖާއިބުވާ ކަހަލަ މަޚްލޫޤެއްކަން ކީރިތި ޤުރްޢާނުން ސާފުކޮށް އެނގިބަޔާންވެގެން ވެއެވެ. އެއަށް ވާހަކަ ދެއްކުމުގެ ބާރުވާނެއެވެ. އެހެނަސް އެޖަނަވާރުގެ މާހިއްޔަތާއި ސިފަތަކާއިމެދު ތަފްސީރު ޢިލްމުވެރިންނާއި، ޙަދީޘްތައް ޝަރަހަ ކުރައްވާ ބޭފުޅުންގެ ތަފާތު ބަސްތަކެއް ވެއެވެ. އޭގެތެރެއިން މިންވަރެއް ބަޔާން ކުރާނަމެވެ.

(ހ) އެއީ ވަރަށް ބޮޑު، ބިޔަ ހަށިގަނޑެއްގެވެރި ހަތަރުފައިގެ މަތީގައި ހިނގާ، އަދި ވަރަށް ބާރަށް ދުވާ ޖަނަވާރެކެވެ. އޭތި މީސްތަކުންނާ ވާހަކަ ދައްކާ ހަދާނެއެވެ. މުއުމިނުންނާއި ދިމާލަށް "އޭ މުއުމިން!" އަދި ކާފިރުންނާ ދިމާލަށް "އޭ، ކާފިރު!" މިހެން ކިޔައި ގޮވާނެއެވެ. އޭތި ކޮންމެ މުއުމިނަކާއި ކޮންމެ ކާފިރެެއްގެ ނިތްކުރީގައި ނިޝާނެއް ޖަހާނެއެވެ. އެއިން މުއުމިނުންނާއި ކާފިރުން ވަކިކޮށް އެނގޭނެއެވެ.

(ށ) އެއީ އެޖިންސުގެ ހަމަ އެންމެ ޖަނަވާރަކަށް ނުވަތަ އެޖިންސުގެ ވަރަށް ގިނަ ޖަނަވާރުތަކެއް ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އޭގެ ޛަރީޢާއިން، ﷲ އިންސާނުންގެ މައްޗަށް އެންމެ ފަހު ޙުއްޖަތް ޤާއިމުކުރައްވާނެއެވެ. ޤިޔާމަތް ވުމާއިމެދު ﷲ ގެ އާޔަތްތައް ދޮގުކުރާ މީހުންނަށް އޭތި ބުނާނެއެވެ. "ނިކަން ބަލާށެވެ. ވަޤުތު އައިސް ޖެހުނީއެވެ. ނިކަން ﷲ ގެ ވަޢުދުގެ ތެދުކަން ދަންނާށެވެ."

(ނ) އެއާބެހޭގޮތުން ހަމައެކައްޗެކޭވެސް ކިޔާކަށް ނޭނގެއެވެ. އެ ހިނގާއުޅޭނީ ހަތަރެސްފައިގެ މަތީގައި ކަމެއް ނުވަތަ އިންސާނުން ފަދައިން ދެފައިގެ މަތީގައި ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއްގައިވިޔަސް އެއީ ބިންމަތީގައި ހިނގާއުޅޭ އާދަޔާޚިލާފު، ޢަޖާއިބުވާފަދަ ޖަނަވާރެކެވެ. އޭތި މީހުންނާއި ވާހަކަ ދައްކާނެއެވެ. އަދި އިންކާރުކޮށް ދޮގުކުރާ މީހުންގެ މައްޗަށް އިލްޒާމް އަޅުވާނެއެވެ.

ކުރުގޮތަކަށް ބުނަނީނަމަ ބިމުގެދާއްބައިގެ މާހިއްޔަތާއި ސިފަތައް އެވަނީ ޣައިބުގެ ކަންތަކުގެ ތެރެއިންނެވެ. އޭގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ކޮންމެއަކަސް ބިމުގެދާއްބަ ފާޅުވާނެކަމާމެދު އީމާންވުން ވާޖިބެވެ.

4. ހުޅަނގުން އިރުއެރުން:

މީގެ ޝަރަޙަ އިސްވެ ކުރީގެ އަދަދުގައިވާނީ ހިމަނާފައެވެ.

5. ޢީސާ ޢަލައިހިއްސަލާމް ފައިބާވަޑައިގެންނެވުން:

ދުނިޔޭގައި ނުބައިކަމާއި ފަސާދަތައް އޭގެ އިންތިހާއަށް ދިއުމުން، ދައްޖާލުގެ ފިތުނައާހުރެ، މީސްތަކުން އަމާންކަމޭ އަމާންކަމޭ ގޮވާލަން ފެށުމުން، އަދި މުސްލިމުންތައް ދަތިކަމާއި، "މުޞީބާތުގެ އުޑީގައި ފުނޑުވާން ފެށުމުން" އެވަޤުތު ޢީސާ ޢަލައިހިއްސަލާމް ފައިބާވަޑައިގަންނަވާނެއެވެ. މިއާބެހޭގޮތުން ހިސާބަކަށް މިތާނގައި ޙަދީޘްތަކެއް ބަޔާންކުރާނަމެވެ. އެއިން މީގެ ފުރިހަމަ ޙަޤީޤަތް އެނގިދާނެއެވެ.

1. ނަވާސް ބިން ސަމްޢާން ގެ ކިބައިން އިމާމް މުސްލިމް ރިވާކުރައްވާފައި ވެއެވެ. ދައްޖާލު އޭނާގެ ނުބައިކަން ފަތުރަމުން ދަނިކޮށް، الله سبحانه وتآلى މަސީޙް ބުނު މަރްޔަމް ފޮނުއްވަވާނެއެވެ. އަދި ޢީސާ ޢަލައިހިއްސަލާމް ރީނދޫކުލައިގެ ފޭރާންކޮޅެއް ތުރުކުރައްވައިގެންވާ ޙާލު ދެމަލާއިކަތުންގެ ފިޔަފުޅުމަތީ އަތްއަޅުއްވައިގެން ދިމިޝްޤުގެ އިރުމަތީ ފަރާތުގެ ހުދުކުލައިގެ މުންނާރުގެ ކައިރިއަށް ފައިބާވަޑައިގަންނަވާނެއެވެ. އެކަލޭގެފާނުން އިސްދަށަށް ޖެއްސެވުމުން ހީވާނީ ފެންތިކިތަކެއް ފައިބަނީ ހެންނެވެ. އަދި އިސްއުފުލެއްވުމުން މުތްތަކެއްހެން ފެންތިކިތައް ފައިބަމުންދާހެން ހީވާނެއެވެ. އެކަލޭގެފާނުންގެ ނޭވާގެވައި ލޮލުކޮޅަށް ދާނެއެވެ. އެ ވައިޖެހިއްޖެ އެއްވެސް ކާފިރަކު ދިރި ނުހުންނާނެއެވެ.

ދެން ޢީސާ ޢަލައިހިއްސަލާމް ދައްޖާލުގެ ފަހަތުން ވަޑައިގަންނަވާނެއެވެ. އަދި ލުއްދުގެ ދޮރުމައްޗާ ހަމައިން އޭނައާއި އަރާހަމަމުރައްވާނެއެވެ. އަދި އޭނާ ޤަތުލު ކުރައްވާނެއެވެ.

2. އިމާމް އަޙްމަދު އެކަލޭގެފާނުންގެ މުސްނަދުގައި ﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދު ﷲ ގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. ރަސޫލު صلي الله عليه وسلم ދައްޖާލުގެ ވާހަކަ ބަޔާން ކުރައްވަމުން ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އެވަޤުތު ކުއްކުއަކަށް މުސްލިމުންގެ ތެރެއަށް ޢީސާބުނު މަރްޔަމް ފައިބާ ވަޑައިގަންނަވާނެއެވެ. ދެން ނަމާދަށް ފެށޭނެއެވެ. އަދި ޢީސާ ޢަލައިހިއްސަލާމަށް ދަންނަވާ ލެވޭނެއެވެ. "އޭ ރޫޙް ﷲ އެވެ! އިސްވެ ވަޑައިގަންނަވާށެވެ!" ނަމަވެސް އެކަލޭގެފާނު ވިދާޅުވާނެއެވެ. ނޫނެކެވެ! ތިޔަބައިމީހުންގެ އިމާމް އިސްކުރާށެވެ! ނަމާދުކޮށް ދޭންވާނީ އޭނާއެވެ. ދެން ފަތިސް ނަނާދުން ނިމިގެން މުސްލިމުން ދައްޖާލުއާ ހަނގުރާމައަށް ނިކުންނާނެއެވެ. އެބޮޑު ދޮގުވެރިޔާއަށް ޢީސާ ޢަލައިހިއްސަލާމް ފެނުމުން ލޮނުފެނަށް ވިރޭހެން ވިރެންފަށާފާނެއެވެ. ދެން ޢީސާ ޢަލައިހިއްސަލާމް ކުރިއަށް ޖެހިވަޑައިގެން އޭނާ ޤަތުލު ކުރައްވާފާނެއެވެ. އެއިރު، ކަންތައް ހުންނާނެ ގޮތަކީ ގަހެއްވިޔަސް އަދި ހިލައެއްވިޔަސް ގޮވާނެއެވެ. "އޭ روح الله އެވެ! މަގޭ ފަހަތުގައި ފިލާފައި މިއޮތީ ޔަހޫދީ އެކެވެ." ދައްޖާލަށް ތަބާ ވެވުނު އެއްވެސް މީހަކު ސަލާމަތް ނުވާނެއެވެ. އެންމެން ޤަތުލުވެގެން ހިނގައިދާނެއެވެ.

3. ބުޚާރޫގައި ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެޒާތެއްގެ ބާރުދަށުގައި އަހަރެންގެ ފުރާނަވާ ޒާތު ގަންދީ ބުނަމެވެ. ކަނޑައެޅިގެން ތިޔަބައިމީހުންގެ ތެރެއަށް ޢަދްލުވެރި ޙާކިމަކަށް ވެވަޑައިގެން އިބުނު މަރްޔަމް ފައިބާ ވަޑައިގަންނަވާނެއެވެ. ދެން އެކަލޭގެފާނުން ޞަލީބު ފުނޑުކޮށް ލައްވާނެއެވެ. އަދި އޫރު ހަލާކު ކުރައްވާނެއެވެ. އަދި ޖިޒީ ނައްތަވާލައްވާނެއެވެ. އަދި މުދާތައް ގިނަވެގެންގޮސް އެ ޤަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ. އަދި އެންމެ ސަޖިދައެއް ކޮށްލުން ދުނިތެއާއި ދުނިޔޭގައި ވާހާއެއްޗަކަށްވުރެން ހެޔޮވާނެއެވެ.

ޙަދީޘް ޝަރަޙަކުރެއްވި ބޭކަލުން ލިޔުއްވާފައި ވެއެވެ. މިޙަދީޘްގައި ޞަލީބު ފުނޑުކޮށް ލެއްވުމާއި، އޫރު ހަލާކުކޮށްލެއްވުމޭ އޮތް ބަސްފުޅުގެ މުރާދަކީ، ޢީސާއީ ދީން ވަކި ދީނެއްގެ ގޮތުގައި ނުބާއްވާ ނެތިކޮށްލައްވާނެ ވާހަކައެވެ. މިހެނީ، ޢީސާ ޢަލައިހިއްސަލާމް ޢީސާއީން އަމިއްލައަށް ހަދައިގެން އުޅޭ ޢަޤީދާތައް ދޮގުކުރައްވާނެއެވެ. އަދި އޫރަކީ ކަނޑައެޅިގެން ޚަރާމް އެއްޗެއްކަމަށްވާ ޙާލު އެކަލޭގެފާނުން، އެކަލޭގެފާނަށް ތަބާވެގެންވާ ބަޔަކަށް އެ، ހަމައެއްގޮތަކަށްވެސް ޙަލާލު އެއްޗަކަށް ނަހައްދަވާނެކަން ހާމަކުރައްވާނެއެވެ. ޖިޒީ ނެތިކޮށްލެއްވުމުގެ މާނައަކީ، އެއިރު ހުރިހާ އެއްމެން އުޅެނީ އެއްދިނަށް ކަމަށެވެ. ޔަޢުނީ: އެންމެން ވާނީ އިސްލާމްދީނަށް ވަދެގެންނެވެ. މިގޮތުން ހަނގުރާމަހިނގުމެއް، އަދި ޖިޒީދޭން ޖެހުމެއްނެތި އަމްނާއި އަމާންކަން ޤާއިމްވެދާނެއެވެ.

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު


19

ދަސްކުރާ

28-Nov-2020

މާތް ﷲވަޙީ ކުރެއްވިޔޭ ކިޔާފައި އާޔަތެއްގެ މާނަ ގެނެވިދާނެތޯ؟


13

ދަސްކުރާ

28-Nov-2020

މާތް ﷲވަޙީ ކުރެއްވިޔޭ ކިޔާފައި އާޔަތެއްގެ މާނަ ގެނެވިދާނެތޯ؟



ޓްރެންޑިން