ކެންދޫ ދާއިރާ މެންބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާ މެންބަރު ޢަލީ ޙުސައިން
މުސްތަޤުބަލުގައި ލިބެން އޮތް އާމްދަނީއެއް ނަގައިގެން ހިންގުމުގެ ޚަރަދުތައް ފޫބެއްދުމުގެ ޙައްޤެއް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލިހުގެ ކެންދޫ ދާއިރާ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށްވުރެ ރިކަރަންޓު ޚަރަދުގެ ގޮތުގައި ނުވަތަ ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޖުމުހޫރީ ޕާޓީގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ 2050 ވަނަ އަހަރު ނޫނީ 2070 ވަނަ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީއެއް މިއަދު ނަގައި، ދައުލަތް ހިންގުމުގެ ޚަރަދު ފޫބެއްދުމަށް އެ ފައިސާ ބޭނުންކުރުމުގެ ޙައްޤެއް މިހާރު ތިބި މީހުންނަށް ނޯންނާނެ ކަމަށެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުން މިފަހަރު ހުށަހަޅާފައިވާ ބަޖެޓަކީ ޑެފިސިޓު ބޮޑު ބަޖެޓެކެވެ.އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ރިޕޯޓް ފާސްކޮށްފައެވެ. އެ ރިޕޯޓް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ

ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. ބަޖެޓް ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުކޮށް، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން