އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތެއްގައި ފުލުހުން ހަރަކާތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ރައީސް ޔާމިން ދެކިލުމަށް އިއްޔެ ބޮޑު ފާލަން ދޮށަށް ދިޔަ ކަނބަލުންތަކަކަށް އަނިޔާވި މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، މޫދަށް ފުންމާލި 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރިކަމަށެވެ. އަދި އެމަސައްކަތްކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވިކަމަށާއި އަދި އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

"ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން މިހާލަތުގައި ފުލުހުން ހަރަކާތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އަޅާނެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު އެމަނިކުފާނު އަނބުރާ ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމަނިކުފާނު ދެކިލަން ދިޔަ ކަނބަލުންނަށް ހުރަސްއަޅައި ފުލުހުން ޙާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރުމުގެ ސަބަބުން 3 ކަނބަލަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި ޢުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ އެސަރަޙައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަޙަތު ގެއްލުވާލަން މަސައްކަތްކުރި ބައެއް ނޫންކަމަށެވެ. އަދި އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށިއިރު، އިއްޔެ އަންހެނުން ތަކަކަށް މިފަދަ އަނިޔާތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިކަމުން އަންގައިދެނީ މިސަރުކާރުން ދައްކާ ވާހަކައާއި ޢަމަލާ ދިމާނުވާކަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން