އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަކީ މުޅި ރާއްޖެއަށް އޭގެ ފައިދާ ލިބޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މުޅި މަޖިލީހުގެ ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ބޮޑީ އައްޑުއަތޮޅުގައި ކަމަށާއި، އެ އަތޮަޅުގެ ގުދުރަތީ އުފެދުން އެހެން ހުރިހާ ރަށްރަށާއި ތަފާތުވާނެ ކަމަށެވެ. އަދި އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިޔުމަކީ މުޅި ރާއްޖެ އަށް އޭގެ ފައިދާ އާއި މަންފާ ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްގެން އެއިން މުޅި ރާއްޖެއަށް އޭގެ މަންފާ އާއި ފައިދާ ލިބޭނެ ކަމެއް ކަމީ އަޅުގަނޑުގެ ހިތުގައި ޝައްްކު ހިގާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދު ވިދާޅުވީ އައްޑޫގައި އޮތް އެއާޕޯޓަކީ މުޅި ސަރަހައްދަށް ކޭޓާ ކުރެވޭ އެއާޕޯޓެއް ކަމަށެވެ. ހުވަދޫ އާއި ފުވައްމުލަކުގެ ރީތި ފަޅު ރަށްތަކުގެ ބޭނުން ހިފައިގެން މުޅި ސަރަހައްދަށް އޭގެ މަންފާ އާއި ފައިދާ ލިބޭނެ ގޮތަށް އެކަން ބައްޓަންވެގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ.

"އައްޑޫ އަށް ޓޫރިޒަމް ޑިމާންޑް އިތުރުކުރަންޖެހޭ އަޅުގަނޑުމެން ބޭނުންވަނީ ބެޑް އިތުރުކުރަން" ނިހާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގަން އެއަރޕޯރޓަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރެވެ. ބޮޑު ހޭދައެއް ކޮށްގެން ގަން އެއަރޕޯޓް ތަރައްގީ ކުރި ނަމަވެސް އެތަނަށް ބައިނަލްއަޤްވާމީ ދަތުރުތައް ނުކުރުމާއި އެއަރޕޯރޓާއެކު އެސަރަހައްދަށް އަންނަން ޖެހޭ ތަރައްގީގެ އެހެނިހެން މަސައްކަތްތައް ނާންނާތީ އައްޑޫގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް ކޮންމެ އިންތިޚާބަކާ ދިމާކޮށް ގަން އެއަރޕޯރޓް ތަރައްގީ ކުރާނެ ގޮތާއި ޕްލޭން ތަކާއި އެއަރޕޯރޓާއި ގުޅިގެން އައްޑު އަތޮޅަށް އަންނާނެ "ސަޅި" ތަރައްގީގެ ކުރެހުންތައް ކުރަހައި އައްޑޫ ރައްޔިތުން ހެއްވާލަމުންދާކަމަށް އެއަތޮޅުގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު