ތަޖުރިބާނެތް ގާޒީން ހަދިޔާގެ ގޮތުގައި މަގާމު ހަމަޖައްސައި ކޯޓުތަކަށް ޢައްޔަނުކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް ޙުކުމް ކުރުވަންކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ޖޭއެސްސީން ބޭފުޅަކު އައްޔަންކުރުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ހައިލަމް ވިދާޅުވީ ‏ކްރިމިނަލް ކޯޓަަށް އައްޔަން ކުރި ގާޒީއަށް އެމަޤާމު ލިބުނީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮއަކަށް ވުމުންކަމަށެވެ. އަދި އެއީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތުކުރެއްވި ފަރާތެއް ނޫންކަމަށާއި ތަޖުރިބާނެތް މީހުންނަށް ހަދިޔާގެ ގޮތުގައި މަގާމުދީ ކޯޓުތަކަށް ޢައްޔަނުކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ޙުކުމް ކުރުވަންކަމަށް ހައިލަމް ތުހުމަތު ކުރެއްވިއެވެ.



ޖޭއެސްސީން ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ކަމަށް މިއަދު އައްޔަނުކުރައްވާފައި ވަނީ އަލްއުސްތާޛު އަޙްމަދު ޝަކީލެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަލްއުސްތާޛު އަޙްމަދު ޝަކީލް އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. ޤާޒީ ޝަކީލަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ހުސައިން އެވެ.

ޖޭއެސްސީން ބުނީ އަލްއުސްތާޛް އަހުމަދު ޝަކީލަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާއިން މާސްޓާސް ހާސިލުކުރައްވާފައިބަ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، ޤާޟީ ޝަކީލް މީގެ ކުރިން ވަނީ ޖުވެނައިލް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފައި ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ގޮތުގައި އެންމެ ފަހުން ހުންނެވީ އަލްއުސްތާޛު އަހުމަދު ހައިލަމެވެ. ހައިލަމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް މައްސަލަ ފޮނުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން