ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ލާއިންސާނީ ޢަމަލުތައް ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަޙްޤީޤުކުރާނެކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އިމްރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ޕީޕީއެމް/ޕީއެންސީން މިހެން ބުނެފައިމިވަނީ ރައީސް ޔާމީން މިއަދު ކޯޓަށް ހަޒިރު ކުރި ވަގުތު އެމަނިކުފާނު ދެކިލަންދިޔަ ކަނބަލުންނަށް ފުލުހުން ހުރަސް އަޅައި ބާރުގެ ބޭނުންކޮށް އަނިޔާކުރިކަމަށްބުނެ، އެކަން ކުއްވެރިކޮށް ނެރުނު ނޫސް ބަޔާނުގައެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު އެމަނިކުފާނު އަނބުރާ ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމަނިކުފާނު ދެކިލަން ދިޔަ ކަނބަލުންނަށް ހުރަސްއަޅައި ފުލުހުން ޙާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރުމުގެ ސަބަބުން 3 ކަނބަލަކަށް މިއަދު ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި ޢުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ މިއަދު އެސަރަޙައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަޙަތު ގެއްލުވާލަން މަސައްކަތްކުރި ބައެއް ނޫންކަމަށެވެ. އަދި އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށިއިރު، މިއަދު އަންހެނުންނަށް މިފަދަ އަނިޔާތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިކަމުން އަންގައިދެނީ މިސަރުކާރުން ދައްކާ ވާހަކައާއި ޢަމަލާ ދިމާނުވާކަންކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.

މީގެއިތުރުން އަންހެނުންތަކެއްގެ ގަޔަށް އަތްލައި މިގޮތަށް ޢަމަލުކުރުމަކީ ފުލުހުން ޢަމަލުކުރަން އޮންނަ އުސޫލާ ޚިލާފުކަމެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން މިގެންދާ ޤާނޫނާ ޚިލާފު ލާއިންސާނީ ޢަމަލުތައް ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަޙްޤީޤުކުރާނެކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގުވެއްޓޭފަދަ ގޮތް ގޮތަށް ޤަވައިދާ ޚިލާފަށް ޢަމަލުކުރުމަށް ފުލުހުންނަށް އަމުރު ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ކޯލިޝަނުން ގޮވާލާފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން