މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދާ ބައްދަލުކުރައްވަނީ
މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދާ ބައްދަލުކުރައްވަނީ
ނިރުބަވެރިކަމާއި (ޓެރަރިޒަމާ) ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ޤާއިމްކުރުމާ ބެހޭ ގޮތުން މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ މިއަދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ. އަދި މާލޭގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާއި ޙިއްސާކުރައްވައި، ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތަށް ކަމަށާއި، އަދި އެމިސްކިތް ވެގެންދާނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރަށްވާފައިވާ ކަމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ހާމަކޮށްފައި ވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު  ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން ދުނިޔޭގެ މުސްލިމު ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދާއިރު މި ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ފެންވަރުގައި ވެސް މުސްލިމު ގައުމުތަކާއެކު މިފަދަ ގުޅުންތައް ބޭއްވިފައިވާތަން ނުފެންނަކަން ފާހަގަ ކޮށްލެވެއެވެ.

މިބައްދަލު ވުމުގައި މާލޭގައި އިމާރާތް ކުރާ ސަލްމާން މިސްކިތުގެ ވާހަކަ ޚާރިޖީ ވަޒީރު ދައްކަވައި ތަޢުރީފު ކުރަށްވާފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފައިވާއިރު އެ މިސްކިތަކީ މިސަރުކާރު ވެރިކަމާ ހަވާލުވިި އިރުވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ މިސްކިތެކެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރުވެސް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ. އަދި ނުހުޅުވާ ސަބަބެއް ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން