އެމްޕީއެލް
އެމްޕީއެލް
ކޮވިޑް-19 އާއި ގުޅިގެން، ފުރަބަންދުކޮށްފައި އޮތްއިރު އެމްޕީއެލްގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާތީ އެކަން ތަހުގީގް ކޮށް ބައެއް މީހުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފިއެވެ.

އެމްޕީއެލްގެ ބޮޑު ވައްކަމުގެ މައްސަލަ ފަޅާއަރުވާލީ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ނަޒާކީ ޒަކީ ވިދާޅުވީ މިކޮރަޕްޝަންގެ އަމަލުގައި އަށްމިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައި ކަމަށެވެ. އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން، ކުންފުނީގެ އިންޓާރނަލް އޮޑިޓުން މިހާރު ވަނީ ރިޕޯޓެއް އެކުލަވާލައިފައި ކަމަށެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމާއެކު، އެ ކަންތައްތައް ބެލުމަށް ތަހުޤީގެއް ހިނގަމުންދާކަމަށާއި މި މައްސަލައާ ގުޅިގެން ކުންފުނިން ހިންގަމުންދާ ތަހުޤީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކުރެވިފައި ކަމަށް ވެސް އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެމްޕީއެލް އިން މިހެން ބުނި ނަމަވެސް ޗެއާމަން ނަޒާކީ ޒަކީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ކުރި މުވައްޒަފުން ސަސްޕެންޑް ކުރަން އެމްޕީއެލްގެ ބޯޑުން ފާސްނުވި ކަމަށެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ.

"މި ފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާމެދު، މި ކުންފުނިން ޤާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. މައްސަލައާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިއުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް މި ކުންފުނިން އަޅަމުންދާކަން ފާހަގަކުރަމެވެ." އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން