އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ
ފަތުރުވެރިކަމުގެ ޞިނާޢަތަށް ދޫތަކެއް ދެނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދުމަށް ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން ޓުއަރިޒަމާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލިހުގެ، މުޅި މަޖިލިސް ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރިސޯޓުތައް ހުޅުވުމާއެކު، އެ ރިސޯޓުތަކުން ބީޕީޓީއާއި ޓީޖީއެސްޓީގެ ގޮތުގައާއި، އެ ރިސޯޓުތަކާ ގުޅިގެން އުފެދޭ ވިޔަފާރިތަކުން ވަރަށް ބޮޑު ފައިދާއެއް ދައުލަތަށް ލިބޭ ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި ރިސޯޓުތަކުގެ ބިމުގެ ކުލިން ލިބޭ އާމްދަނީ ކުޑަކުރުމަށް ހިމަނާފައިވާތީ ރިސޯޓުތަކުން ދައުލަތަށް ލިބޭނެކަން އަބަދުވެސް ކަށަވަރު އާމްދަނީއަކީ އެއީ ކަމުގައިވާތީ ބިމު ކުލިން ލިބޭ އާމްދަނީ ކުޑަކުރުމަށް ހިމެނުމުން މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މުހިންމީ ރިސޯޓުން ލިބޭ ކުލި ނޫން ކަމަށާއި، އެކަމުން ލިބޭ އެހެނިހެން ފައިދާ ކަމަށެވެ.

"ވިޔަފާރިތައް ވުޖޫދަށް އައިސްގެން އެ ވިޔަފާރިތަކުން ބީޕީޓީ، ޓީޖީއެސްޓީ އަދި ހަމަ އެއާ ގުޅިގެން ވަށައިގެން އުފެދޭ ބައިވަރު ކުދިކުދި ވިޔަފާރިތަކެއް، ރަށްރަށުގެ މަސްވެރިން މަސްވިއްކުން، ފަރުމަސްވިއްކުން، ފަންވިނުން، ވަޒީފާތައް، މި ހުރިހާ އެއްޗެއް،" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވަނީ ސަރުކާރުގެ ސިޔާސަތުތައް އަވަސްއަވަހަށް ބަދަލުވުމަކީ އަދި ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ނުވުމަކީ ރަށްތައް ނުހެދި ހުރުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ފާހަގަކުރަށްވާފައެވެ. އަދި ސަރުކާރާއި މަޖިލިހުގެ މަސައްކަތުން މިހާރު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތުގެ ޕޮލިސީތަކުގެ އިންކޮންސިސްޓެންސީއާ އެއްކޮށް ވެސް މިކަންކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އޮތީ." ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން