ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް
ރާއްޖޭގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިިން ރާއްޖޭގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރާއްޖޭގައި ތިބުމަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކުރީ މިމަހުއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކުގެ ހިއްސާދާރުންނާއި ޑިރެކްޓަރުންނާއި އިސްވެރިންނަށް ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އެ ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދުން ފެށިގެން އެބިލް ގާނޫނަކަށް ވެ ވަނީ އަމަލު ކުރަން ފަށައިފަ އެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި އެ ގާނޫނުގައި ބުނެފައިވަނީ އިންވެސްޓް ކުރުމުގެ އިތުރުން 250،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖޭގެ ބޭންކް އެކައުންޓެއްގައި ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓާ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެސިޑެންޓް ދެވިދާނެ ކަމަށެވެ. އެ ވިސާ ދެވޭނީ ގިނަވެގެން ފަސް އަހަރަށް ކަމަށާއި އަދި ޝަރުތު ހަމަވާ ނަމަ އެ ވިސާ އާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ. އަދި މިހާރު ވެސް އޮންނަ ގޮތަށް، ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ނުވަތަ ދިވެއްސަކާ ކުރި ކައިވެންޏަކަށް ދަރިން ލިބިފައިވާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އެބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ އުސޫލަށް ބަދަލު ގެނެސް، މަޖިލީހުން ބިލް ފާސް ކުރުމުން އިިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސަރުކާރުން ބުނަނީ ކޯޕަރޭޓް ރެސިިޑެންޓް ވިސާ ދިނުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނީ ކުރީގެ ސަރުކާރުން ކަމަށެވެ. އެފަދަ ލުއިތަކެއް މި ސަރުކާރުން ނުދޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން