ސްކޮޓްލޭންޑުގައި އަންހެނުންގެ މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ތަކެތި ފަސޭހައިން ލިބޭނެގޮތް ހަދައިދިނުމަށް ގޮވާލައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން.
ސްކޮޓްލޭންޑުގައި އަންހެނުންގެ މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ތަކެތި ފަސޭހައިން ލިބޭނެގޮތް ހަދައިދިނުމަށް ގޮވާލައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން.
ސްކޮޓްލޭންޑްގައި އަންގާރަ ދުވަހު ފާސްކުރި އާބިލާއެކު އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި ހިލޭ ކޮށްދީފިއެވެ. މިއީ ޕެޑް އަދި ޓެމްޕޯން ފަދަ ތަކެތި ހިލޭ ދޫކުރަން ފެށި ފުރަތަމަ ގައުމެވެ.

ސްކޮޓްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި މިބިލާއެކު އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި ހިލޭ ފޯރުކޮށްދިނުމުގެ ޒިންމާ ސްކޮޓްލޭންޑްގެ ސަރުކާރުން އުފުލަންޖެހޭނެއެވެ. މިއާއެކު ސްކޮޓްލޭންޑްގެ އާންމު ސަރަހައްދުތަކުގައި މިފަދަ ތަކެތި ފަސޭހައިން ލިބެން ހުންނާނެކަން ވެސް ކަށަވަރު ކުރަން ޖެހޭނެއެވެ.

މިކަމާ ގުޅިގެން ސްކޮޓްލޭންޑްގެ ސަރުކާރުން 32 މިލިއަން ޑޮލަރު އަހަރެއްގެ މަައްޗަށް ހޭދަ ކުރަން ޖެހޭނެއެވެ.

"މިއީ ސްކޮޓްލޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި މުޅި ދުނިޔޭގައިވެސް ހިލޭ ލިބޭގޮތަށް ހެދުމަށް ހިތްވަރު ދިނުމަށް ސްކޮޓްލޭންޑްގެ ފަރާތުން ދިން ފެހި ސިގްނަލެއް." ސްކޮޓްލޭންޑްގެ މަޖިލީހަށް މި ބިލް ހުށައެޅި މެމްބަރު، މޮނިކާ ލެނޮން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި ހިލޭކޮށްދިން ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑް ވެގެންދާއިރު މިއީ މިފަދަ ކަމެއް ކުރި ފުރަތަމަ ގައުމު ކަމަށް ވާނެ ހަމައެކަނި ގައުމު ނޫން ކަމަށްވެސް މޮނިކާ ލެނޮން ވިދަޅުވެފައި ވެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެނުންނަށް ރައްކާތެރިކަމާއެކު މިފަދަ ތަކެތި ފޯރުކޮށްދެވުމުގެ މުހިންމުކަން މޮނިކާ ލެނޮން ފާހަގަކުރެއްވިއެވެ. މިގޮތުން ބައެއް ގައުމުތަކުގައި އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރުގައި ބޭނުންކުރާ ތަކެތި އަގު ބޮޑު ވުމާއި މިފަދަ ތަކެއްޗަށް ދައްކަން ޖެހޭ ޓެކްސް ބޮޑު ކަމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވާކަމަށްވެސް މޮނިކާ ލެނޮން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން