ޞާދިރު ޢަލީދީދީ   24 ނޮވެމްބަރު 2020 - 12:59
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 10

...............

[ޒައިނަބް ...ނުރޮއި ބުނެބަލަ، ވެގެން އުޅޭގޮތެއް؟] ވާނުވާ ނޭނގިގެން ކަންބޮޑުވެފައި ހުރި ޖާވީދު އެއްސެވެ.

[އެމަންޖެ...އެމަންޖެ....] ރޮވޭތީ ޒައިނަބަށް ޖުމްލަ ފުރިހަމައެއްވެސް ނުކުރެވެއެވެ. [އޭނ! ލަމްހާއަށް ކަމެއްވީތަ؟ ހިތްވަރުކޮށްފައި ބުނެބަލަ، ކިހިނެއްތަވީ....] ޖާވީދު ނިކަން ހާސްވެ ކަންބޮޑުވެއްޖެއެވެ.

[އެކްސިޑެންޓްވީޔޯ....އެމަންޖެ ނިކަން ޙާލު ދެރަ.....] ގިސްލަ ގިސްލާފައި ޒައިނަބް ބުންޏެވެ.

[އޭނ...ތީ ކާކު ދައްކައިގެން އުޅޭ ބުހުތާނު ދޮގު ވާހަކަތަކެއް؟]

ޖާވީދަކަށް ޤަބޫލެއް ނުކުރެވުނެވެ. ނޫނީ އޭނާ ޤަބޫލުކުރަން ބޭނުން ނުވީއެވެ. ވުމާއެކު، ޖީބުގައި އޮތް މޯބައިލް ފޯނުން ދަރިފުޅަށް ވަގުތުން ގުޅިއެވެ. ލަމްހާގެ ފޯނު ނެގީ މުޅިން އެހެން މީހެކެވެ. އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އޭނާ ލަމްހާއަށް ދިމާވި ކުއްލި އެކްސިޑެންޓާބެހޭ ހުރިހާ ތަފްޞީލެއް ޖާވީދަށް ކިޔައިދިނުމަށްފަހު، ވީހާވެސް އަވަހަކަށް ލަމްހާގެ އެހީތެރިން އެކޮޅަށް ބޭނުންވާ ކަމުގައިވެސް ބުންޏެވެ.

ޖެހިގެން އައި ދުވަހު ލަމްހާގެ މަންމައާއި ބައްޕަ އިންޑިޔާއަށް ދިޔައެވެ. އެމީހުންނަށް ދެވުނުއިރުވެސް އަދި ލަމްހާ ހެއެއްނާރައެވެ. ލަމްހާ އޮތީ އެޕޯލޯ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.

ދަރިފުޅު އޮތް ނިކަމެތި ޙާލު ފެނުމާއެކު، ޒައިނަބްގެ ޚަބަރު ހުސްވިއެވެ. ނަމަވެސް، ޖާވީދު ހިތްވަރު ކުރިއެވެ.

[ހިތްވަރުނުކޮށް ކީއްކުރާނީ. ހިތްވަރުކުރާތީއެއްނު ދުނިޔޭގައި ދެމިހުރެވެނީ. އެހެން ނޫންނަމަ ކިހިނެއްތަ އެންމެ ލޯބިވާ މީހާ އެހެން އަންހެނަކާއެކު ލޯބި ޙިއްޞާކުރާ މަންޒަރު ބަލަން ހުރެވޭނީ.] މާއިޝާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ދިމްނާއާއެވެ.

ދިމްނާ އޭނާއަށް އިރުޝާދުދެނީ، އަދުހަމްގެ ލޯބި ހޯދުމަށް ކުރާ މަސައްކަތުގައި ސާބިތުވެ ހުރުމަށެވެ. ކެތްތެރިކަމާއި ހިތްވަރާ އެކުގައެވެ.

[މާއިޝާ ބުނަން، އަހަރެންގެ ނަޞޭޙަތަކީ، ލޯތްބަށްޓަކައި ދީވާނާ ނުވާތި....ލޯބީގެ ޖަޒްބާތުގައިޖެހި އަމިއްލަ އަބުރާއި ޢިއްޒަތް ނަގާނުލާތި. ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެ. އެކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެ.] ދިމްނާ އޭނާގެ ދުރުވިސްނޭ ސިކުނޑީގެ ބޭނުންކޮށް، އެކުވެރިޔާއަށް ނަޞޭޙަތްތެރިވިއެވެ.

[ދިމްނާއަށް ހީވޭތަ، އަހަންނަށް އަހަރެންގެ ނަފްސު ކޮންޓްރޯލް ނުކުރެވިދާނެހެން.] މާއިޝާ ބުންޏެވެ.

[ނޫނޭ...އަހަރެން މާއިޝާއަށް އިތުބާރު ކުރަން. ދެން ތިވާހަކަ ހުއްޓާލަބަލަ. ކޮބާ މިއަދު އަދުހަމަށް ގުޅައިފިންތަ؟] ދިމްނާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[ގުޅައިފިން، އެތައްފަހަރަކު ގުޅައިފިން. ނަމަވެސް ފޯނަކުން ޖަވާބެއް ނުލިބޭ. ބައެއްފަހަރު ފޯނު ނަގާހެންވެސް ހީވޭ. އެކަމަކު ކެނޑެނީ.] އަދުހަމް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާއާއެވެ. މިހާރު އަދުހަމަށް މައްސަލައަކަށް ވެގެން އުޅެނީ ލަމްހާ ފޯނުކޮށްނުލާތާ، މެއިލެއްވެސް ފޮނުވާނުލާ ދެދުވަސްވީމައެވެ. މިދެދުވަހު އޭނާއަށް އިޙްސާސް ކުރެވެނީ ހަށިގަނޑުން އެއްބައި އުނިވެފައިވާ ކަމުގައެވެ.

[މާބޮޑަށް ކިޔެވުމުގެ ކަންތަކާ ބިޒީވީމާ، ނުގުޅިގެން އުޅެނީ ކަމަށްވާނީ....] ޚަބަރެއްނުވާތާ ދެދުވަސްވިޔަސް، ލޯބިވެރިޔާ ކުށްވެރިކުރާކަށް އަދުހަމް ބޭނުމެއް ނޫނެވެ. އޭނާ ލަމްހާއަށް އިތުބާރު ކުރެއެވެ. ކިތަންމެ ގިނަ ދުވަސްވީ ކަމުގައިވިޔަސް، އެ އިތުބާރު ދަމަހައްޓަން އޭނާ ބޭނުމެވެ.

އަދުހަމް އެވަގުތުވެސް ލަމްހާއާ ގުޅޭތޯ މަސައްކަތްކޮށްލިއެވެ. ނަމަވެސް މިފަހަރުވެސް ކުރެވުނީ ކާމިޔާބު މަސައްކަތެއް ނޫނެވެ. ހީވަނީ ބޭނުން ނުކުރާ ނަމްބަރަކަށް ގުޅިގެން އުޅޭހެންނެވެ.

މިހެން ކަންތައް ދިމާވުމުން އަދުހަމްގެ ސިކުނޑި ސުމަކަށްދިޔަކަހަލައެވެ.

ލަމްހާ ހޭއެރީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓުން ފަރުވާދޭތާ ފަސްވަނައަށްވީ ދުވަހުއެވެ. އޭރު އޭނާއާ ދާދި ގާތުގައި މަންމައާއި ބައްޕަ ރޮއިރޮއި ތިއްބެވެ.

[މަންމާ...ބައްޕާ......] ލަމްހާ ބޮޑަށް ދެރަވީ އަމިއްލަ ޙާލަތަށްވުރެން މަންމައާއި ބައްޕަގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތާމައާއި ހިތްދަތިކަން ތަޞައްވުރު ކުރެވުނީމައެވެ.

[ދަރިފުޅާ.....މީ ކިހިނެއްވީ ކަމެއްތަ؟] ރޮމުން ޒައިނަބް އެއްސެވެ. އެވަގުތު މާގިނަ ވާހަކަ ނުދެއްކުމަށް ޑޮކްޓަރު އެމީހުންނަށް އިރުޝާދު ދިނުމުން، ޒައިނަބާއި ޖާވީދު ކަރުނަތައް އެތެރެއަށް ހިންދާލެވޭތޯ މަސައްކަތް ކުރިއެވެ. އޭގެ މާގިނައިރުތަކެއްނުވެ ލަމްހާ އައި.ސީ.ޔޫ އިން ނެރެ ކޮޓަރިއަށް ބަދަލުކުރިއެވެ.

އެދުވަހު އެކްސްރޭތަކަކާއި ގިނަ ޓެސްޓްތަކެއް ހެދުމަށްފަހު، ޑޮކްޓަރު ބުނީ ޖާވީދާއި ޒައިނަބަށް ބަރުދާސް ނުކުރެވޭފަދަ ހިތްދަތި ވާހަކައެކެވެ. އެޚަބަރުން ޒައިނަބާއި ޖާވީދުގެ މޭ ހީވީ ތޮރުފާލިހެންނެވެ. ރޮއިރޮއި ޒައިނަބް ހަލާކުނުވީ ކިރިޔާއެވެ. އެއީ ކޮންމެ މަޔަކަށްވެސް ވާނޭގޮތެވެ. މައިވަންތަ ލޯތްބާއި ކުލުނުދީގެން ބަލާ ބޮޑުކޮށްފައިވާ ދަރިއަކަށް އެފަދަ ހިތްދަތިކަމެއް މެދުވެރިވެއްޖެއްޔާ، އަސަރު ނުކުރާނެ މައި ލަގޮނޑިއެއް ނުވާނެއެވެ.

ޑޮކްޓަރުގެ އެންމެފަހުގެ ޖުމްލަ، ހިތަށް ޙަމަލާދޭ ވަޒަނެއް ފަދައިން ޖާވީދާއި ޒައިނަބްގެ ސިކުނޑީގައި އެނބުރެމުންދެއެވެ.

[ޒައިނަބް....ޒައިނަބް....އެމަންޖެގެ ކުރިމަތީގައި އަހަރެމެން ހިތްވަރު ކުރަންވާނެ....] ޖާވީދު ޒައިނަބަށް ހިތްވަރުދިނެވެ. ޖާވީދުގެ ހިތްވަރުން ޒައިނަބަށް ލިބުނީ ހިތްވަރެއް ނޫނެވެ. ހިތަށްކުރި ފުން އަސަރެއްގެ ސަބަބުން ބާރަށް ރޮއިގަނެވުނީއެވެ.

[ޖާވީދު...ކިހިނެއްތަ އަހަރެން ހިތްވަރު ކުރާނީ.....ޖާވީދަށް ނުކުރެވޭ ހިތްވަރެއް އަހަންނަށް ވަކި ކުރެވޭނެތަ؟] ޒައިނަބް ރޮމުން ޖާވީދުގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ޒައިނަބް....އަހަރެމެން ހިތްވަރު ކުރަންވާނެ....އެމަންޖެއަށް އެމަންޖަގެ ޙާލަތު އެނގިއްޖެއްޔާ މޮޔަވެދާނެ.] ޖާވީދު ޒައިނަބް އަތުލަފިކޮށްގެން ގޮސް ދަރިފުޅު އޮތް އެނދުކައިރީ ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އޭރު ލަމްހާއަށް އޮތީ ނިދިފައެވެ. އެއީ ޖާވީދާއި ޒައިނަބް ހީކުރިގޮތެވެ. ޙަޤީޤަތުގައި ލަމްހާއަށް އޮތީ ނިދިފައެއް ނޫނެވެ. މަންމައާއި ބައްޕަ، އޭނާގެ ޙާލަތާމެދު ދެއްކި ވާހަކަތައް، ހަމަ ރަނގަޅަށްވެސް އޭނާއަށް އަޑުއިވުނެވެ. ވުމާއެކު، އޭނާއަށް މިހާރު އޭނާގެ ޙާލަތުގެ ސީރިއަސްކަންވަނީ އެނގިފައެވެ.

[އަހަރެން އަންނާނަން ފެންވަރައިގެން. އަހަރެން ދިޔައީމަ މިތާ އިނދެ ރޯނީކީ ނޫން.] ޖާވީދު ނުކުތެވެ. އެވަގުތު ލަމްހާގެ ގިސްލުމުގެ އަޑު އިވުމުން، ޒައިނަބަށް ސިހިފައި ދަރިފުޅާ ދިމާއަށް އެނބުރިލެވުނެވެ. އޭރު ލަމްހާ އޮތީ މަންމައާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[މަންމާ...އަހަންނަށް....އަހަރެންގެ ޙާލަތު ސިއްރު ނުކުރޭ. އަހަރެން ހިތްވަރު ކުރާނަމޭ މަންމާ...އާދޭސް ކުރަން، ޑޮކްޓަރު ބުނީ ކީކޭތަ؟] ލަމްހާ ރޮމުން ގިސްލަމުން މަންމަގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ޒައިނަބަށްވެސް ރޮވެނީއެވެ.

[ދަރިފުޅާ....ދަރިފުޅު ރަނގަޅު....ޑޮކްޓަރު ބުނީ ދަރިފުޅު ރަނގަޅު....] ޒައިނަބަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާއަށް ލަމްހާގެ ގައިގައި އޮޅުލައިގަނެވުނީއެވެ. ދަރިފުޅު ގާތު ޙަޤީޤަތަށް ބުނާކަށް އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން، އޭނާއަށް ދަރިފުޅުގެ ހަށިގަނޑުގައި އޮޅުލަ އޮޅުލާފައި ރޮވެނީއެވެ.

ޖާވީދު ފެންވަރައިގެން އައިސް ވަންއިރުވެސް ޒައިނަބާއި ލަމްހާ ރޮނީއެވެ.

[ބައްޕާ...އަހަންނަށް އަހަރެންގެ ޙާލަތު ސިއްރު ނުކުރޭ. ޑޮކްޓަރު ބުނީ އަހަރެންގެ ފައި ރަނގަޅު ނުވާނެއޭދޯ؟] ބައްޕަ ފެނުމާއެކު ލަމްހާ ރޮއިރޮއިފައި އެއްސެވެ.

[ނޫން...ދަރިފުޅާ، ޑޮކްޓަރު ބުނީ ދަރިފުޅު ރަނގަޅުވާން ދުވަސް ނަގާނެޔޯ.] ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ޖާވީދު ދޮގުހެދިއެވެ. ނަމަވެސް، ބައްޕަ އެ ހެދީ ދޮގުކަން އޭނާއަށް ޔަޤީން ކުރެވޭތީ، ސީދާ ޑޮކްޓަރު ގާތު ސުވާލު ކުރުމަށް އޭނާ ޤަޞްދު ކުރިއެވެ. ބައްޕަ ނުހުންނަ ވަގުތެއް ބަލާފައެވެ. ބައްޕަ ހުރެއްޖެއްޔާ ތެދުބަހުން ވާހަކަ ދެއްކުމަށް ޑޮކްޓަރަށް ބައްޕަ ހުރަސްއަޅާނެކަން އޭނާއަށް އެނގެއެވެ.

އޭގެފަހުން ދެވަނައަށްވީ ދުވަހު ޑޮކްޓަރުގެ ފުށުން ލަމްހާއަށް އޭނާގެ ޙާލަތު، މުސްތަޤްބަލަށް ކަނޑައެޅިފައިވާ ގޮތް އެނގުނެވެ. ޑޮކްޓަރު އެވާހަކަ ނިކަން ތަފްޞީލުކޮށް ކިޔާދިނެވެ. އެދުވަހު ލަމްހާ ނިކަން ގިނައިރުވަންދެން ރުޔެވެ. ނަމަވެސް، މަންމައާއި ބައްޕަގެ އިތުރުން ޑޮކްޓަރާއި ނަރުހުންގެ ހިތްވަރާއި ނަޞޭޙަތުގެ ބަސްތަކުން އޭނާ ހަމައަކަށް އަޅުވާލެވުނެވެ.

[މަންމާ...އަހަރެން މުޅި ޢުމުރަށް ނުކުޅެދޭ މީހަކަށްވީދޯ؟.....އަޅެ މަންމާ...އަހަރެން މިނިކަމެތި ޙާލުގައި ހުއްޓާ ފެނިއްޖެއްޔާ....އަދޫ....ހާދަ ދެރަވާނެޔޭ. ފަހަރެއްގައި އޭނަ އަހަންނާ ދޭތެރޭ ދެކެމުން އައި ގޮތް ބަދަލުވެސް ވެދާނެ....] ކަރުނައިން ބަރުހެލިވެފައިވާ އަޑަކުން ލަމްހާ ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ، ދަރިފުޅުގެ ތި ޙާލަތަކީ ފަހަރެއްގައިވެސް ދެކުދިންގެ ލޯތްބަށް ހުރަސްއެޅޭފަދަ ޢުޒުރެއް ނޫން....އިރާދަކުރެއްވިއްޔާ، އަދުހަމް އަބަދުވެސް ދަރިފުޅާއެކުވާނެ.] ލަމްހާއަށް ހިތްވަރު ދިނުމުގެ ގޮތުން މަންމަ ޒައިނަބް ބުންޏެވެ.

[މަންމާ ތިހެން ނުބުނޭ، ކާކުތަ އަހަރެން ކަހަލަ ނުކުޅެދޭ މީހަކު ބޭނުންވާނީ. މިޙާލުގައި އޭނާއާ ކުރިމަތިލާކަށްވެސް....އަހަރެން ބޭނުމެއް ނޫން....] ލަމްހާގެ އަޑު ބެދިއްޖެއެވެ.

[ތީގެ މާނައަކީ ދަރިފުޅު އަމިއްލައަށް އޭނާޔާ ވަކިވާނީއޭތަ؟] ޒައިނަބް ލަމްހާގެ ބުރަކަށީގައި ފިރުމާލިއެވެ. ލަމްހާ ރޮމުން ބޯޖަހާލިއެވެ.

[މަންމާ....މަންމާ..އަހަންނަށް މިޙާލު ޖެހުނު ވާހަކަ ނަމަނަމަ...އޭނަ ގާތު ނުބުނާތި....އެއަށްފަހު މަންމަ އަހަންނަށްޓަކައި ކޮށްދޭންވީ ކަމަކީ އަހަރެން ލިޔެދޭ ސިޓީ، އޭނާއަށް ޕޯސްޓްކޮށްލަދޭންވީ.] ލަމްހާ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

[އާނ....ދަރިފުޅާ...ދަރިފުޅު ނުބުނާ ގޮތަކަށް މަންމަ އެއްކަމެއްވެސް ނުކުރާނަން. މަންމައާއި ބައްޕަ އަބަދުވެސް ދަރިފުޅާއެކުވާނަން.]

ހުރި ހަމައެކަނި ދަރިފުޅާ ދޭތެރޭ މިހާރު ވިސްނާ ވިސްނާ ޒައިނަބްގެ ހިތްވެސް ކުދިކުދިވެފައިވާ ކަހަލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން