ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ހއ. ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކީ، އެމްޑީޕީގެ ފެންވަރުންވެސް ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށާއި، އެދުވަވަހު ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، ޢާންމު އުޞޫލުން، އެމް.ޑީ.ޕީ. ގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް ޗެލެންޖުކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެވާހަކަތައްސާބިތު ކޮށްދެއްވަން ކެރިވަޑައި ނުގަންނަވާނަމަ، ރައްޔިތުން އެމަނިކުފާނު ވެރިކަމުން ބާލާދުވަހު، ޤާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި، ހިންގަވަމުންގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޯލިޝަނުން ވަނީ ރައީސް ޞާލިޙަށް އެކަން ހަނދުމަފުޅުކޮށް އަރުވާފައެވެ.

"އެދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަންޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަން. ބޭރުގެ އިސްތިޢުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރުމުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް." ޕީޕިއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނީލަންކިޔާ، ދީނީ ވަޙުދަތު ނަގާލަން ރާއްވަވާ، އިޖްތިމާއީ އަދާލަތު ގެއްލުވާލާ، އިޤްތިޞާދު އިނދަ ޖައްސާލުމަށްފަހު، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ލަދުވެތި ނާކާމިޔާބު ނަތީޖާއާމެދު ބިރުވެތިވެ، ދޮގު ތުހުމަތުތަކެއްގެ އަލީގައި ސިޔާސީ ހަޔާތް އިތުރަށް އާބާދުކުރެއްވިދާނެކަމަށް ހީފުޅުވުމަކީ ބޮޑު ކުށެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް މިފަދަ ގިނަ ދޮގުތަކެއް ހައްދަވާ، މިހާތަނަށް އެއްވެސް ފިޔަވަޅެއް ފުއްދުމަށް އެޅިފައިނުވާ ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެން، ރައީސް ޔާމީނާއި ޕީޕީއެމް މެންބަރުންގެ އަބުރު ކަތިލައްވައިގެން ކަމަށްވިއަސް، މިއަދު ދިވެހިން ތިބީ އެއަށްވުރެ ހުޝިޔާރުވެ، ސަމާލުވެގެންކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ނުއަގުގައި ވިއްކި 85 ރަށުގެ ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތަށް ނުއަގުގައި ދޫކޮށް، އެދޫކުރި ރަށްތަކުގެ ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތިޙާލުގައި އޭގެންވެސް އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން 60 ބިލިއަން ރުފިޔާ އަށް ރާއްޖެ ދަރުވާލާފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން