މާޝާ މިދުހަތު   17 ނޮވެމްބަރު 2020 - 14:5
ތޫފާން ވެމްކޯގެ ސަބަބުން ފިލިޕީންސްގެ އުތުރުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ އަވަށެއް އެއްކޮށް ފެނުއަޑީގައި.
ތޫފާން ވެމްކޯގެ ސަބަބުން ފިލިޕީންސްގެ އުތުރުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ އަވަށެއް އެއްކޮށް ފެނުއަޑީގައި.
ފިލިޕީންސަށް އަރަމުންދިޔަ ތޫފާން ވެމްކޯ، ވިއެޓްނާމާ ދިމާއަށް ދަތުރުކުރަމުންދާކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ރިޕޯޓުތަކުން ދައްކައިފިއެވެ.

ތޫފާން ވެމްކޯއަކީ ފިލިޕީންސަށް މިހާތަނަށް އެރި އެެންމެ ބާރުގަދަ ތޫފާނެވެ. މިތޫފާނުގެ ސަބަބުން މިހާތަނަށް 67 މީހުން މަރުވެފައި ވާއިރު، މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ބޯކޮށް ވާރޭ ވެހި ފިލިޕީންސްގެ ބޮޑުބައެއްގައި ފެންބޮޑުވެ އެތައްބަޔަކު ހާލުގައި ޖެހި އަމިއްލަ ގެދޮރު ދޫކޮށް ހިޖުރަ ކުރަން ޖެހިފައިވެސްވެއެވެ. ފިލިޕީންސަށް ތޫފާން ވެމްކޯގެ އަސަރުކޮށްފައިވަނީ ފިލިޕީންސަށް އެރި ތޫފާނު ގޮނިން ސަލާމަތްވިތާ އެއްހަފްތާފަހުންނެވެ.

މީގެ އިތުރުން ތޫފާން ވެމްކޯގެ ސަބަބުން ފިލިޕީންސްގެ އުތުރުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް އަވަށްތައް އެއްކޮށް ފެނުއަޑިއަށްވެސް ގޮސްފައިވެއެވެ.

ތޫފާން ވެމްކޯ ވިއެޓްނާމާ ދިމާއަށް ދަތުރުކުރަމުންދާއިރު، މި ތޫފާނުގެ ސަބަބުން ވިއެޓްނާމުގެ އައްސޭރީގެ 62 މޭލުން ވިއެޓްނާމުގެ އެތެރެއަށް، ގަޑިއަކު 93 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާއިރު، މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.

ވިއެޓްނާމަކީ ބާރުގަދަ އެކި ތޫފާންތައް ތަހައްމަލު ކޮށްފައިވާ ގައުމަކަށް ވީއިރު، ތޫފާން ވެމްކޯ ވެގެންދާނީ މިއަހަރު ވިއެޓްނާމަށް އަރާނެ 13 ވަނަ ތޫފާނަށެވެ. މިގޮތުން މިއަހަރުގެ އޮކްޓޯބަރު މަހު އެކަނިވެސް ވިއެޓްނާމަށް ކުރިމަތިވި އެކި ކާރިސާތަކުގައި 160 ވަރަކަށް މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން