ޞާދިރު ޢަލީދީދީ   17 ނޮވެމްބަރު 2020 - 13:2
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 03

................

[ހަމަ ރަނގަޅަށްތަ ތިބުނީ؟ ޝުކޫރުބޭގެ ޝަކުވާ ވަރަށްގިނަ ކަސްޓަމަރުން ކުރޭ. މާދަމާ ބައްޕަ ގާތު ބުނެގެން ޝުކޫރުބޭ އޮފީހަށް ބަދަލުކުރާނަން.]

ތެދެކެވެ. އެނޫނަސް ޝުކޫރުގެ ޝަކުވާތައް އަދުހަމްގެ ބައްޕަ ޒުހޫރާ ހަމައަށްވެސް ކިތަންމެފަހަރަކު އައިސްފައިވެއެވެ. ނަމަވެސް، ޝުކޫރަކީ އެކުންފުނީގެ ދުވަސްވީ މުވައްޒަފަކަށްވާތީ، އޭނާއާ ދޭތެރޭ ފިޔަވަޅު ނާޅަނީއެވެ.

[އެއީ އަދުހަމްގެ......]

[އާނ....އެއީ އަހަރެންގެ ބައްޕަގެ ފިހާރައެއް. އަހަރެން ވަރަށް ފިހާރަތަކަށް ވަދެ ނޫޅެން. އެކަމަކު އޮފީހުގެ ހުރިހާ ކަމެއް ހިންގަނީ އަހަރެންގެ ބެލުމުގެ ދަށުން. ލަމްހާ....ވަޒީފާއެއްގަތަ އުޅެނީ....] އަދުހަމް ބުންޏެވެ.

[އާނ....އިންފޮމޭޝަން މިނިސްޓްރީގައި....އަހަންނަށް ތިއޮފީހުން ވަޒީފާއެއް ދޭން ބޭނުމީތަ؟] ޖަވާބުދެމުން ލަމްހާ އެއްސެވެ.

[ވަޒީފާދޭން ކިތަންމެހާވެސް ބޭނުން. އެކަމަކު އޮފީހަކުންނެއް ނޫން. ހިތަށްއަރާ، ލަމްހާ އެވަޒީފާ ބޭނުންކުރާނެބާއޭ؟] އަދުހަމްގެ ވާހަކައާއި ރާގު ބަދަލުވަމުންދިޔައެވެ.

[ކޮންތާކުން، ފިހާރައިން؟] ލަމްހާ އެއްސެވެ. އަދުހަމް ހީލިއެވެ.

[ލަމްހާ ކަހަލަ ރީތި ކުއްޖަކަށް ފިހާރައަކުން ވަޒީފާ ނުދޭނެ، ބުއްދި ސަލާމަތުން ހުރި މީހަކު. ހަމަގައިމުވެސް އަހަރެން ލަމްހާއަށް ވަޒީފާއެއްދެންޏާ ދޭނީ، އެހެން މީހުންގެ ނަޒަރުން ލަމްހާ ސަލާމަތްވާނޭފަދަ ގޮތަކަށް. ހިތަށްއަރާ، ލަމްހާއަށް ލިބިފައި ތިވަނީ ކޮންފަދަ ރީތި ކަމެއްބާއޭ.] އަދުހަމް ވާހަކައިގެ ތެރެއިން ލަމްހާއަށް ތަޢުރީފް ކުރިއެވެ. އެއީ ލަމްހާ ނިކަން ލަދުގަންނަ ކަމެކެވެ.

[ތިކަހަލަ ވާހަކަ ނުދައްކާ....އަހަރެން ލަދުގަނޭ. އަހަންނަކީ ރީތި މީހެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.] ޙަޤީޤަތުގައިވެސް ލަމްހާ ލަދުގެންފިއެވެ.

[ތިމާގެ ރީތިކަން ޤަބޫލުކޮށް، އަމިއްލައަށް ފަޚްރުވެރިވުމަކީ ރީތި ސިފައަކަށް ނުވެދާނެ. އެކަމަކު އެހެން މީހަކު ތިމާގެ ރީތިކަމަށް ތަޢުރީފްކުރިޔަސް، އެއީ މައްސަލައެއް ނޫން. ޙައްޤު ތެދަށް މިބުނަނީ، އަހަރެން ލަމްހާވަރުގެ ރީތި ކުއްޖަކު ރާއްޖެއަކުން ނުދެކެން. ހިތަށްއަރާ، ޙަޔާތުގެ ބައިވެރިޔަކަށް ލަމްހާ އިޚްތިޔާރު ކުރެވޭ މީހަކީ ހާދަހާ ނަޞީބުވެރި މީހަކަށްވާނެޔޭ.] ލަމްހާ ލަދުގަތަސް އަދިވެސް އަދުހަމް ތަޢުރީފް ކުރުން ހުއްޓައެއްނުލައެވެ. ލަދުގެންފައި ލަމްހާއަށް އިނދެވުނީއެވެ. އެހެންކަމުން، ދެންވެސް ވާހަކަ ދެއްކީ އަދުހަމެވެ.

[ލަމްހާ ނާހާނަންތަ، އަހަރެން ލަމްހާއަށް ދޭން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ؟] އަދުހަމް މަސައްކަތް ކުރަމުން ދަނީ، އޭނާގެ ޙަޤީޤީ މަޥްޟޫޢަށް ދިޔުމަށްޓަކައި މަގުކޮށާށެވެ.

[ބުނެބަލަ....] ލަމްހާ ފުން ނޭވާއެއްލިއެވެ.

[އަހަރެން ދައްކަން މިއުޅޭ ވާހަކައިން ލަމްހާ ހިތަށްއަރާފާނެ، އެންމެ ފެނިލުމަކުން އެ ޝުޢޫރުތައް ހިތުގައި އުފެދިދާނެބާއޭ؟ އެކަމަކު އެއީ އެންމެ ފެނިލުމަކުންވެސް ވެދާނެ ކަމެއް. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް އެ ޖަޒްބާތު، އިންސާނެއްގެ ހިތުގައި އަށަގެންފާނެ. އޭގެ ހެއްކަކަށް އަހަރެންވެސް ފުދޭނެ.] އަދުހަމް ސިއްރު ސިއްރުން އޭނާގެ ހިތް ލަމްހާއަށް އަޑުއިވޭފަށުގައި ހުޅުވާލިއެވެ.

[އަދުހަމްގެ ވާހަކައިގެ މަޠްލަބެއް އަހަންނަކަށް ނުވިސްނޭ. ތަންކޮޅެއް ތިލަކޮށް ބުނެބަލަ.] ލަމްހާ ބުންޏެވެ. ނުވިސްނޭތީކީ ނޫނެވެ. ހީވާކަހަލައެވެ. ލަމްހާ ބޭނުންވަނީ އެންމެ ތިލަ ޢިބާރާތަކުން އަދުހަމްގެ ހިތުގެ މިޞްރާބު ބުނެދޭށެވެ.

[މިއަށްވުރެން ތިލަކޮށްފިއްޔާ އުރި (ބީހި)ދާނެތީވެސް ޖެހިލުންވޭ. މިބުނީ ހިތަށްއަރާހާ އެއްޗެއް، ގޮތް ނޭނގޭ ކުއްޖެއްގެ ކުރިމައްޗަށް ބަންޑުންކޮށްގެން، ފަހަރުގައި ލަދުގަންނަންވެސް ޖެހިދާނޭ...] އަދުހަމްގެ ވާހަކަ، ލަމްހާގެ އެދުމުގެ މަތިން ތިލަވާން ފެށިއެވެ.

[ފިނޑި އަންހެނަކަށް ފިރިހެނަކު ލަދުގަންނަވާލެވިދާނެ ކަމަކަށް އަހަންނެއް ޤަބޫލެއް ނުކުރަން. އެހެން ނޫނަސް އަހަންނަކީ އަދުހަމް ތިހީކުރާކަހަލަ ރަޙުމްކުޑަ ކުއްޖެއް ނޫން....] ލަމްހާ ބޭނުންވީ އަދުހަމްގެ ހިތް ތިލަކޮށް، އެހިތުގައިވާ އެއްޗެއް ގާތުން ދެކިލާށެވެ.

[ވަރަށްބޮޑު ހިތްވަރެއް ލިބިއްޖެ. އެންމެ ރަނގަޅު...އަހަރެން ކުރާނަން ސުވާލެއް. އެއަށް ރަނގަޅު ޖަވާބުދޭންވާނެ. ޖަވާބު ދިނުމުގެ ކުރިން ނިކަން ވިސްނަންވެސްވާނެ.] އަދުހަމް ބުންޏެވެ.

[ކޮށްބަލަ.....] ލަމްހާ އަދުހަމްގެ ސުވާލާ ކުރިމަތިލުމަށް ތައްޔާރުވެއްޖެއެވެ. އަދުހަމް ވިސްނާލިއެވެ.

[އެންމެ ރަނގަޅު. ލަމްހާ ޤަބޫލު ކުރަންތަ، އެންމެ ފެނިލުމަކަށްފަހު، ފިރިހެނެއްގެ ހިތުގައި އަންހެން ކުއްޖެއްގެ ލޯބި އަށަގެންފާނެ ކަމަށް.....] އަދުހަމް އެހިއެވެ.

[އާނ، ތީ ވަރަށް ޢާންމުކޮށް ދިމާވާ އިއްތިފާޤެއް...އެހެން މީހެއްގެ ގޮތެއް ނޭނގެ. ހަމަގައިމުވެސް އަހަރެން ޤަބޫލުކުރަން....] ލަމްހާގެ ޖަވާބުން އަދުހަމަށް އިންތިހާ ދަރަޖައަށް އުފާވެރިކަން އިޙްސާސް ކުރެވުނެވެ.

[ތިހެންވީއިރު....އަހަންނަށް ލޯބިވެވިއްޖެ ލަމްހާ.....އަހަންނަށް ލޯބިވެވިއްޖެ.....] އިޚްތިޔާރުން ބޭރުވެ، އަދުހަމްގެ ހިތް ހުޅުވުނެވެ.

[ކާކު ދެކެ...އަވަހަށް ބުނޭ...އޭރުން ތި ލޯބި ޙާޞިލް ކުރުމަށް އަހަރެންވެސް އެހީވެދޭނަން.] ލަމްހާގެ ހިތްވެސް އުފަލުން ފުރުނު ކަހަލައެވެ.

[ރަނގަޅަށް ތިބުނީ. ލަމްހާގެ އެހީ ނުލިބިއެއް އަހަންނަކަށް ލޯތްބެއް ޙާޞިލެއް ނުކުރެވޭނެ.] ލިބުނު އުފަލާއެކު އަދުހަމަށް މޭގައި އަތް އަޅާލެވުނެވެ.

[ބުނަންވީނު...އޭރުނެއްނު...މިހާރުއްސުރެން އަހަންނަށް މަސައްކަތް ފެށޭނީ.....] ލަމްހާ ބުންޏެވެ.

ހުއްޓުންއަރާފައި އަދުހަމަށް ހުރެވުނެވެ. ސީދާ ކުރިމަތިލައިގެން ނާކާމިޔާބާ ކުރިމަތިލާންޖެހުމަކީ އޭނާ ކުރާ އުއްމީދެއް ނޫނެވެ.

ގައިމެވެ. އަދި މީގެކުރިން ދުވަހަކުވެސް އޭނާ އަންހެން ކުއްޖަކު ދެކެ ލޯތްބެއް ނުވެއެވެ. ނުހަނު މިނިވަންކަމާއެކު، އެފަދަ ޚިޔާލުތަކާ ދުރުގައި އޮތް އޭނާގެ ހިތުގައި ލޯބީގެ ޖަޒްބާތު އުފެދުނީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެ އިއްތިފާޤު ބައްދަލުވުން ވެގެންދިޔައީ، އޭނާގެ ހިތުގެ ހިމޭންކަން ގެއްލިގެންދިޔަ ބައްދަލުވުމަކަށެވެ. މިހާރު އޭނާގެ ހިތް އެއުޅެނީ މޭގެތެރޭ އޮބިނޯވެގެންނެވެ. ލަމްހާގެ އެ ހިތްގައިމު ސޫރަ ފެންނަފަށަށް ދިޔުމަށް ހިތްއެދި ގޮވަނީއެވެ.

[ލަމްހާ....ކޮންމެފަދަ ޖަވާބެއް ލިބުނަސް ފަރުވާލެއް ނެތް...އަހަންނަށް ލޯބިވެވިގެން މިއުޅެނީ ލަމްހާ.....ދެކެ....ލަމްހާއަށް ތި ލިބިފައިވަނީ ކޮންފަދަ ޖާދުވީ ބާރެއް....ކުޑަހިނދުކޮޅެއްގެ ތެރޭގައި ލަމްހާ އަހަރެންގެ ހިތް މިލްކުކޮށްފި.]

އަދުހަމް ލަމްހާގެ ކުރިމައްޗަށް އޭނާގެ ހިތް ބަންޑުންކޮށްލީ، ލަމްހާ ކޮންމެފަދަ ޖަވާބެއްދިނަސް ވަރިހަމަކޮށްފައެވެ. އަދުހަމްގެ ވާހަކަތައް އަޑުއަހަން ހުރެފައި ލަމްހާއަށް ލެވުނީ ފުން ނޭވާއެކެވެ.

[އަދުހަމް...ހަމަ ތެދެއްތަ ތިބުނީ؟ އަހަރެން މި ފޯނު ކަންފަތުގައި ޖައްސައިގެން މިހުންނަނީ، ތި އަޑު އަހާލުމަށް ކެތްމަދުވެފައި.....] ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ލަމްހާއަށް ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.

[ޤަބޫލުކުރޭ...ލަމްހާ...އަހަންނަކަށް ނޭނގެ، ލަމްހާގެ ފުރަތަމަ ފެނިލުމާއެކުވެސް އަހަންނަށްވީ ގޮތެއް...ލަމްހޫ ނޫނަސް ވަރަށްގިނަ އަންހެން ކުދިންވެސް އަހަރެން ދެކެން......] އަދުހަމް ޔަޤީންކަންދެމުން ބުންޏެވެ. ލަމްހާއަށް ހީވީ މުޅި ދުނިޔެވެސް އޭނާއަށްޓަކައި ރަންވިހެންނެވެ.

ގަޑިއެއްހާއިރުގެ ފޯންކޯލަކަށްފަހު، އެރޭ ނިމިގެން ދިޔައީ ލަމްހާއާއި އަދުހަމްގެ ލޯބި އުފަންވުމަށްފަހުގައެވެ. އާ ދުވަހަކަށް އިރު އެރިއިރު، ލަމްހާގެ މުޅި ދިރިއުޅުންވެސް ހީވަނީ ބަދަލުވެފައިވާހެންނެވެ. މޫނުމަތިން ފާޅުވަމުންދަނީ އެހެން ދުވަސްދުވަހު ނުފެންނަފަދަ އުފާވެރިކަމެކެވެ.

[މިއަދު ދަރިފުޅު ފެނުނީމާ، ހަނދާނަށް އަންނަނީ ދަރިފުޅު ސްކޫލްގައި އުޅުނު ދުވަސްވަރު، މުޅި މަދްރަސާއިން އެއްވަނަ ލިބުނު ދުވަސް. އަނެއްކާ އެވަރުގެ ބޮޑު އުފަލެއް ލިބުނީތަ؟] ލަމްހާގެ މަންމަ ޒައިނަބް، ލަމްހާގެ އިޙްސާސްތައް ދެނެގަތެވެ.

އަދުހަމަށްވެސްވީ އެވަރެވެ. އެހެން ދުވަސްތަކާ ޚިލާފުވުމުން، އެކަން ފާހަގަކުރީ އޭނާގެ ރަޙްމަތްތެރިޔާއެވެ.

[މިއަދު އެހެން ދުވަސްތަކާ ޚިލާފަށް، މާ އުފާވެފައި ތިހުންނަނީ....އަނެއްކާ ކޮންކަމެއް ލައިގަތީތަ؟] އަދުހަމްގެ ރަޙްމަތްތެރިޔާ ޝިޔާޒް ވާހަކަ ދެއްކީ އަދުހަމާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ އަދުހަމްގެ ގޭގެ ސިޓިންގރޫމްގައެވެ.

[އުފާވާނެއެއްނު....ޝިޔާ ބުނަން ހާދަ ރީއްޗޭ...ލަމްހާ....] އެއަށްފަހު، އަދުހަމް، ކުރީ ރޭ އޭނާ ބިންގާ އެޅި ލޯތްބާ ބެހޭގޮތުން ޝިޔާޒަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

[އަހަރެންގެ އަތެއްނެތި ތިފަދަ ބޮޑު ކާމިޔާބެއް ހޯދުނުކަން ތީ އަދުހަމަށް ލިބުނު ވަރަށްބޮޑު ފަޚުރެއް. ވިދާހާ އެއްޗަކީ ރަނެއް ނޫންކަން އަބަދުވެސް ވާނެ ހަނދާން ބަހައްޓަން....] ޝިޔާޒް ބުންޏެވެ.

[ލަމްހާއަކީ ރަނަށްވުރެން މާ އަގުބޮޑު މުތީއެއް.] އަދުހަމް ލަމްހާ ދިފާޢުކޮށް ތަޢުރީފު ކުރިއެވެ.

[އެންމެ ދުވަހަކުން އަންހެނަކު ދަހެއްނުވާނެ. ކިތަންމެ ރީއްޗަކަސް، ތިހާ އަވަހަށް ތިވަރުގެ ބޮޑު އިތުބާރެއް ކުރާކަށް ނުވާނެ.]

އެއީ ޝިޔާޒްގެ ޠަބީޢަތެވެ. އޭނާ ދުވަހަކުވެސް އެކުގައި ގިނަދުވަހު އުޅެ، އެމީހެއްގެ ގޮތް ދަސްކޮށްގެން ނޫނީ އިތުބާރެއް ނުދޭނެއެވެ. އެއީ އަންހެން ކުއްޖަކަށްވިޔަސްމެއެވެ. ރަނގަޅު ގޮތަކީވެސް އެއީއެވެ.

ފުރަތަމަ ފެނިލުމާއެކު، ގޮތް ނޭނގޭ ބައިވެރިޔަކަށް ކުރެވޭ އިތުބާރަކާއެކު، ތިމާގެ މުޅި ޖާނު އޭނައާއެކު ޙިއްޞާ ކުރުމުން، ލިބިދާނެ ގެއްލުމަކަށްވެސް ވިސްނަންޖެހެއެވެ.

[ތީ އަހަރެން ޤަބޫލުކުރާ ވާހަކައެއް ނޫން. އަހަންނަށް މިހާރުވެސް ޔަޤީންކަން އެބައޮތް، ޖެހޭހާ ވަޔަކަށް ލަމްހާގެ މިޞްރާބު ބަދަލުނުވާނެކަން. އެކަމަކު އަދި އެއްތަންވެ ބައްދަލެއްވެސްނުވޭ.] އަދުހަމް އޭނާ ލަމްހާއަށް އިތުބާރުކުރާ މިންވަރު ހާމަކުރަމުން ބުންޏެވެ.

[މައްސަލައެއް ނެތޭ...އަދުހަމަށް ތިވަރަށް އިތުބާރު ކުރެވެންޏާ ރަނގަޅުވާނެ. ކޮންދުވަހަކުންތަ އަހަންނަށް ތި ބުނާ އައިޝްވާރިޔާ ދައްކާލާނީ....] އަދުހަމާ ދިމާކުރާފަދަ ގޮތަކަށް ޝިޔާޒް ބުންޏެވެ. އަދުހަމް ހީގަތެވެ.

އެވަގުތެވެ. ސާދުނާ ގާތު ލަމްހާވެސް ދައްކަމުންދަނީ އެވާހަކައެވެ. ސާދުނާ އަދުހަމާ ދޭތެރޭ ދުށްގޮތާ ދޭތެރޭ ވިސްނާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އަދުހަމް ފުރަތަމަ ފެނުނު ވަގުތު، ސާދުނާގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރެއް ލަމްހާއެއް ނުދެކެއެވެ.

[ހަމަ ތެދެއްތަ ތިބުނީ. ލަމްހާ ހާދަ ނަޞީބު ރަނގަޅޭ.] ލަމްހާގެ ވާހަކަތައް އަޑުއަހަން އިރުކޮޅެއް ވަންދެން ގަނޑުވެފައިކަހަލަ ގޮތަކަށް އިނދެފައި ސާދުނާ އެއްސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން