އެމެރިކާގެ މޮޑަރނަރ ކުންފުނިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން، 94.5 އިންސައްތަ ރައްކާތެރި ކަމަށް ވެކްސިންގެ ތަހުލީލުތަކުން ދައްކައިފިއެވެ.

މޮޑަރނަރ ކުންފުނީގެ ވެކްސިންގެ ތަހުލީލުތަކުގައި 30،000 މީހުން ބައިވެރިވެފައިވެއެވެ. މިވެކްސިންގެ ތަހުލީލުތަކުގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާއިރު، ބާކީ އެންމެންނަށް ދިނީ ޑަމީ އިންޖެކްޝަނެވެ. ޑަމީ އިންޖެކްޝަން ދެވުނު ބައިވެރިންގެ ތެރޭގައި ކޮވިޑު ޖެހުނު ފަސް މީހަކު ހިމެނޭއިރު، ކޮވިޑު ޖެހުނު 90 މީހަކަށް ވެކްސިންދެވިފައިވެއެވެ. މިގޮތުން މިތަހުލީލުތަކުގައި ވެކްސިން ދެވިފައިވާ މީހުންގެ ފަރާތުން ވެކްސިންގެ ރައްކާތެރިކަން 94.5 އިންސައްތައަށް ދައްކާފައިވާކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

"ހިޔެއް ނުކުރަން ކޮވިޑުން ރައްކާތެރިވާން އުފެއްދުނު ވެކްސިނަށް މިހާބޮޑު ކާމިޔާބީއެއް ލިބޭނެކަމަކަށް، ތަހުލީލުތަކުގެ ނަތީޖާ ވަރަށްވެސް ފުރިހަމަ." ވެކްސިންގެ ކާމިޔާބީ ފާހަގަ ކުރަމުން، މޮޑަރނަރ ކުންފުނީގެ ރައީސް ޑރ. ސްޓެފެން، ބީބީސީ އަށް ދެއްވި އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

މޮޑަރނަރ ކުންފުނީގެ ވެކްސިންގެ ކާމިޔާބީ އާއެކު ކުރިއަށް އޮތް ދެތިން ހަފްތާތެރޭގައި ވެކްސިން ބޭނުން ކުރުމަށް ހުއްދައަށް އެދޭނެކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

ވެކްސިނަށް ހުއްދަލިބުމާއެކު އެމެރިކާއަށް ވެކްސިންގެ 20 މިލިއަން ޑޯޒް ލިބިގެންދާނެކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މުޅި ދުނިޔެއަށް އެއްބިލިއަން ވެކްސިން ފޯރުކޮށްދިނުމަށް އުއްމީދުކުރާކަމަށްވެސް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ. ވެކްސިންގެ ކާމިޔާބީ އާއެކު މިއަންނަ އަހަރު ކުރީކޮޅު، މިވެކްސިންގެ ފަސް މިލިއަން ޑޯޒް ހޯދާނެކަމަށް އިނގިރޭސިވިލާތުންވެސް ހާމަކޮށްފައިވެއެވެ.

ވެކްސިންގެ ސައިޑް އިފެކްޓެއް ތަހުލީލުތަކުން ނުފެންނަކަމަށް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވާއިރު، މިވެކްސިންގެ ރައްކާތެރިކަން ދެމިގެން ދާނީ ކިހާދުވަހަކަަށްކަމެއް އަދި ނޭނގޭކަމަށްވެސް މޮޑަރނަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

މޮޑަރނަރ ކުންފުނީގެ އިތުރުން ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިން އަދި ރަޝިޔާގެ ވެކްސިން، ސްޕަޓްނިކް ވީގެ ތަހުލީލުތަކުގެ ކާމިޔާބީވެސް ވަނީ ހުސްވި ހަފްތާ ތެރޭ އާންމުކޮށްފައެވެ. މިގޮތުން ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަމަށް ދައްކާއިރު، ރަޝިޔާގެ ވެކްސިން ސްޕަޓްނިކް ވީގެ 92 އިންސައްތަ ރައްކާތެރިކަމަށް ހާމަވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން