ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު
ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު
ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާ މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް ފިޔަވަޅު ނާޅައި، ޕީޕީއެމްއަށް ނިސްބަތްވާ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމަކީ ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރަން އެލްޖީއޭ އިން ނިންމީ އުތީމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި ގުޅޭ މައްސަލައަކާއި، އެކަމާ ގުޅުންހުރި 10 ޝަކުވާއަކާ ގުޅިގެންކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓުން ސަސްޕެންޑްކޮށް ބިރު ދައްކައިގެން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ފެއިލްވެ ތާއީދު ނެތުމުން ކަމަށެވެ. އަދި މިފެންނަނީ ސަރުކާރުން ހަތަރެއްފައިންވެސް ގޯސް ހަދަމުންދާ މަންޒަރުކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މޭޔަރު ޝިފާއަށް ކުރެވުނީ ވައްކަމުގެ ތުހުމަތު. އެލްޖީއޭއަށް އެޅުނު ފިޔަވަޅެއް ނެތް. ސަސްޕެންޑް ކުރުން ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުނު. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ އަތޮޅުތެރޭގެ ރައްޔިތެއްވީމަ ވަގުތުން ސަސްޕެންޑް." ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.



އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރުމާ ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، ކުރީގައި ކައުންސިލަރުން ސަސްޕެންޑު ކުރަމުން އައި އުސޫލު ހައިކޯޓުންވަނީ ބާތިލުކޮށްފައި ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުންވެސް ކައުންސިލަރުން ސަސްޕެންޑް ކުރެވޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

އަދި ރައްޔިތުން އިންތިޚާބުކޮއްފައިވާ ކައުސިލަރަކު ވަކި މުއްދަތެއް ނެތްގޮތަށް އަދި އެކަންކުރުމަށް ބާރުލިއްބައިދޭ ގާނޫނީ މާއްދާތައް ނުހިމަނުއްވާ ރަސްމީ ބަންދު ދުވަހެއްގައި ސަސްޕެންޑު ކުރެއްވުމަކީ މާޒީއަށް އިއާދަވުންކަމުގައި ނޫނީ ނުވާނެ ކަމަށް މުހުތާޒު ވަނީ ވިދާޅުވެފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން