މެސީ
މެސީ
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން، ލިއޮނަލް މެސީގެ ނަމާއި ފޮޓޯ ހުއްދައަކާ ނުލައި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ އެސޯސިއޭޝަނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މެސީ ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި މައްސަލަ އުފެދެން މެދުވެރިވީ ސްޕޮންސަރޝިޕްގެ އެއްބަސްވުންތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ވަކިން ހާއްސަކޮށް، އޭއެފްއޭ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ސަބަބުން، މެސީ އާއި މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މައިކެލޮބް" އާ ދެމެދު ވެފައިވާ އެކްސްކްލޫސިވް އެއްބަސްވުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެވެއެވެ.

މީގެ އިތުރުން، އޭއެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕިއާ ހިމެނޭހެން އެ އެސޯސިއޭޝަނުގެ އިސް ވެރިންނާއި މެސީއާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ކަމަށްވެސް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ޝަރުޢީ މަރުޙަލާއަށް ދާން އުޅޭކަން މެސީގެ ފަރާތުން އަދި އޭއެފްއޭ އިންވެސް ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ކޯޓާ ހަމައަށް ގޮސްފިނަމަ، އެއީ އާޖެންޓީނާގެ އެންމެ މަޤްބޫލު ފުޓްބޯޅަ ލެޖެންޑާއި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް